23 ސެޕްޓެންބަރު 2023 - 13:31 0
ފާތިމަތު ސާޔާ އަހުމަދު
އޭޝިއަން ގޭމްސް ބާއްވަނީ ޗައިނާގެ ހަންގްޖޯ ސިޓީގައި. -- ފޮޓޯ: ވީސީޖީ
23 ސެޕްޓެންބަރު 2023 - 13:31 0
އިންޑިއާގެ އެތުލީޓުންތަކަކަށް ވިސާ ދޭން ޗައިނާއިން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ އިންޑިއާގެ ސްޕޯޓްސް މިނިސްޓަރުގެ ޗައިނާ ދަތުރު ކެންސަލްކޮށްފި އެވެ.
ސްޕޯޓްސް މިނިސްޓަރު ޗައިނާގެ ހަންގްޖޯއަށް ދަތުރު ކުރުމަށް ހަމަޖެހިފައި އޮތީ އޭޝިއަން ގޭމްސް އަށެވެ. އެހެން ނަމަވެސް އިންޑިއާއިން ބުނީ ބައެއް އެތުލީޓުންނަށް ޗައިނާއިން ވިސާ ނުދިން ކަމަށެވެ.
އިންޑިއާގެ ނޫސްތަކުން ހުކުރު ދުވަހު ބުނީ ޗައިނާގެ ބައެއް ކަމަށް ދައުވާ ކުރާ އިންޑިއާގެ އަރޫނަޗަލް ޕްރަދޭޝް ސްޓޭޓްގެ ތިން މާޝަލް އާޓް އަންހެން އެތުލީޓުންނަށް ވިސާ ނުދޭ ކަމަށެވެ.
އިންޑިއާގެ އިރުއުތުރުގެ އެ ސްޓޭޓަށް ޗައިނާއިން ކިޔަނީ ދެކުނު ޓިބެޓް އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގެ އެތުލީޓުންނާ މެދު ޗައިނާއިން ތަފާތުކޮށްފައިވާ ކަމަށާއި އެއީ އޭޝިއަން ގޭމްސްގެ ރޫހާ ހިލާފު އަމަލެއް ކަމަށެވެ.
އެ ތިން އެތުލީޓުންނަށް ވިސާ ނުލިބުނު އިރު، އިންޑިއާގެ ސްކޮޑުގައި ހިމެނޭ ބާކީ 10 މެމްބަރުން ހަންގްޖޯއަށް ދަތުރުކުރީ މިދިޔަ ބުދަ ދުވަހު އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ނުރުހުން ފާޅުކުރުމުގެ ކުރިން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ތިން އެތުލީޓުންނަށް ވެސް ވިދާ ދިން ނަމަވެސް އެ މީހުން ވިސާ ބަލައިނުގަތް ކަމަށެވެ.
ޗަައިނާގެ ފޮރިން މިނިސްޓްރީން ބުނީ ސައްހަ ލިޔެކިޔުން ހިފައިގެން އަންނަ ކޮންމެ ގައުމެއްގެ އެތުލީޓަކަށް ވެސް ޗައިނާއިން މަރުހަބާ ކިޔާނެ ކަމަށެވެ.
އެގޮތުން އަރޫނަޗަލް ސަރަހައދުގެ ގޮތުގައި ނަން ދީގެން އުޅޭ ހިސާބު ޗައިނާއިން ބަލައިނުގަންނަ ކަމަށާއި އެއީ ޗައިނާގެ ދެކުނު ޓިބެޓް ސަރަހައްދު ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
Comment