Advertisement

މޮރިއޭރޯ އަށް ނުދީ ހުރި މުސާރަ ދޭން އެފްއޭއެމުން އެއްބަސްވުމަކަށް

22 ސެޕްޓެންބަރު 2023 - 17:44 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މީގެ ކުރިން ހުރި މޮރިއޭރޯ ޕްރެކްޓިހެއްގެ ތެރެއިން: މޮރިއޭރޯ އަށް ނުދީ ހުރި މުސާރަ މައްސަލަ ނިންމަން އެފްއޭއެމުން ވަނީ އެއްބަސްވުމަކަށް އަތުވެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މޮރިއޭރޯ އަށް ނުދީ ހުރި މުސާރަ ދޭން އެފްއޭއެމުން އެއްބަސްވުމަކަށް

22 ސެޕްޓެންބަރު 2023 - 17:44 0

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އަށް ނުދީ ހުރި މުސާރަ ދިނުމަށް އެއްބަސްވުމެއް ހަދާފައިވާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މޮރިއޭރޯއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ މަހުގެ ނިޔަލަށް ހަމަވެފަ އެވެ. އެކަމަކު، އެ ކޮންޓްރެކްޓް ހަމަވިއިރު، މޮރިއޭރޯ އަށް އެފްއޭއެމުން ބަރާބަރަށް މުސާރަ ނުދޭތީ އޭގެ ވާހަކަ އޮތީ މީޑިއާގައި ދެކެވިފަ އެވެ.

މިދިިޔަ ޖުލައި މަހު ބޭއްވި އެފްއޭއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މޮރިއޭރޯގެ މުސާރަ އަކީ ސްޕޮންސަރެއްގެ މެދުވެރިކޮށް ހަމަޖެހުނު ކަމެއް ކަމަށާއި އެކަމަކު ފަހުން އެ ފައިސާ ނުލިބި މޮރިއޭރޯ އަށް މުސާރަ ނުދެވި ފަހެއް ނޫނީ ހަ މަސް ވެފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.

މޮރިއޭރޯގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވިއިރު، އޭނާ އަށް ދޭން ޖެހޭ އެއްވެސް މުސާރައެއް އޮންނާނެތޯ ނޫނީ ނުދީ ހުރި މުސާރައަށްވާ ޖުމްލަ ފައިސާ ދައްކައި ހަލާސްކޮށްފައިވާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން އެފްއޭއެމުން ބުނީ މޮރިއޭރޯއާ އެކު މުސާރައާ ގުޅޭ ކަންތައްތައް ހަމަޖެއްސުމަށް އެއްބަސްވުމެއް ހެދިފައިވާނެ ކަމަށާއި ވަރަށް އަވަހަށް އެކަންކަން ނިންމާނެ ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ފަހުން އިރުޝާދުދިން ގިނަ ކޯޗުންނަކަށް ނުދީ ހުރި މުސާރަ މައްސަލައިގައި އެ ކޯޗުން ވަނީ އެފްއޭއެމް ގޮވައިގެން ފީފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލަތަކުގައި ފީފާއިން އެންގުމާ އެއްގޮތަށް އެފްއޭއެމަށް ވަނީ ގިނަ ފައިސާތަކެއް ދައްކަން ޖެހިފަ އެވެ.

އެފްއޭއެމާ ގުޅޭ މާލީ ގިނަ މައްސަލަތަކެއް މީޑިއާގައި ފެންމަތިވަމުން އަންނައިރު، ބައެއް މައްސަލަތަކާ ގުޅިގެން ކޯޓުން އަންނަނީ އެފްއޭއެމް އިން ފައިސާ ދައްކަން ހުކުމް ވެސް ކުރަމުންނެވެ. އެ ގޮތުން، އެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެފްއޭއެމުން ނެގި ލޯނަކަށް ދައްކަންޖެހޭ ދެ ލައްކަ ޑޮލަރު 10 ދުވަސް ތެރޭ ދައްކަން ސިވިލް ކޯޓުން ދާދި ފަހުން ހުކުމް ކޮށްފައިވެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ އިންޓަ މިލާންގެ ކުރީގެ ތަރި މޮރިއޭރޯ ހަވާލުވީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި މޮރިއޭރޯ މިދިޔަ އަހަރު ވަނީ އެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެފްއޭއެމް އިން މޮރިއޭރޯ މަގާމުގައި ނުބަހައްޓަން ނިންމީ މި އަހަރު ޖޫން/ޖުލައި މަހު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓުމުންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕް ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓި ފުރަތަމަ ފަހަރެވެ.

މޮރިއޭރޯ ވަކިވުމުން، ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވެފައިވަނީ ކުރިން އެސިސްޓަންޓް ކޯޗަކަށް ހުރި އަލީ ސުޒޭން އެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން ވަނީ މޮރިއޭރޯ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން، 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާ އަދާކޮށްފަ އެވެ.

އަންނަ މަހު އޮންނަ ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖޭން ޕްލިމިނަރީ ބުރުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭނެ އެވެ. މާލޭގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހު 12 ވަނަ ދުވަހު އެވެ. އޭގެ ހަފްތާއެއް ފަހުން ބަންގްލަދޭޝްގައި ދެ ވަނަ ލެގުގެ މެޗު ކުޅެން ވަނީ ތާވަލުކޮށްފަ އެވެ. މި މެޗުތަކަށް ގައުމީ ޓީމުގެ ޕްރެކްޓިސް ވަނީ ފަށައިފަ އެވެ.