Advertisement

ތިމާވެއްޓާ ރައްޓެހި "އާބަން ގްލައިޑް" ސްކޫޓަރު ހުޅުމާލެއަށް، އެންމެނަށްވެސް ބޭނުންކުރެވޭނެ

23 ސެޕްޓެންބަރު 2023 - 13:55 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އާއްމު މީހަކު "އާބަން ގްލައިޑް" ދުއްވަނީ. ކުޑަ ފީއެއް ދައްކާލައިގެން ކޮންމެ މީހަކަށްވެސް މި ގްލައިޑުތައް ދުއްވޭނެ---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ތިމާވެއްޓާ ރައްޓެހި "އާބަން ގްލައިޑް" ސްކޫޓަރު ހުޅުމާލެއަށް، އެންމެނަށްވެސް ބޭނުންކުރެވޭނެ

23 ސެޕްޓެންބަރު 2023 - 13:55 0

އާބަންކޯގެ ސްމާޓްކޮމް ބްރޭންޑުގެ ދަށުން، ހުޅުމާލޭގައި އާއްމުން ބޭނުންކުރުމަށް އިލެކްޓްރިކް ސްކޫޓަރުތަކެއް ތައާރަފުކޮށްފި އެވެ.

އާބަންކޯ އިން ބުނި ގޮތުގައި އެ ޕްރޮޖެކްޓަކީ ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ހުޅުމާލެ ހަދަން އެކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ ތެރެއަށް އިތުރުކުރެވިގެންދިޔަ ބޮޅެކެވެ. އެ ސްކޫޓަރުތައް ނުވަތަ "އާބަން ގްލައިޑް" ތައް ތައާރަފުކޮށްފައި ވަނީ ޕައިލެޓް ޕްރޮޖެކްޓެއް ގޮތުގަ އެވެ. އެގޮތުން މިވަގުތު ހުޅުމާލެއަށް އަށް ސްކޫޓަރު ތައާރަފުކޮށްފައި ވާއިރު މި ގްލައިޑް ތައް ބޭނުންކުރެވޭނީ ކުޑަ ފީ އެއް ދައްކައިގެންނެެވެ.

އާބަން ގްލައިޑް ބޭނުން ކުރެވޭނީ އެކަމަށް ހާއްސަ މޯބައިލް އެޕްލިކޭޝަން އެއް އަޅައިގެންނެވެ. އެޕްލިކޭޝަން އަޅައި ރަޖިސްޓްރީކޮށްލުމުން އެމީހަކާ އެންމެ ކައިރިން ގްލައިޑުތައް ލިބެން ހުރި ލޮކޭޝަން ފެންނާނެ އެވެ. އަދި އެޕްލިކޭޝަން ތެރެއިން ގްލައިޑެއް ކުއްޔަށް ނަގައި ފައިސާ ދެެއްކޭނެ އެވެ.

މި ގްލައިޑުތައް ބަހައްޓާފައި ހުންނަނީ އެކަމަށް ހާއްސަކޮށް ހަދާފައިވާ ޑޮކިން ސްޓޭޝަންތަކެއްގައެވެ. އެ ސްޓޭޝަންތަކުން މި ސްކޫޓަރުތައް ޗާޖު ކުރުމުގެ އިންތިޒާމްތައް ވެސް ހަމަޖައްސާފައެވެ. މި ޑޮކިން ސްޓޭޝަންތައް ހުންނާނީ ސެންޓްރަލް ޕާކުގެ ސްމާޓް ލޭމްޕް ޕޯސްޓް ކައިރިންނާއި މެގަ މޯލް ކައިރިންނެވެ.

އާއްމު މީހަކު "އާބަން ގްލައިޑް" ދުއްވަނީ. ކުޑަ ފީއެއް ދައްކާލައިގެން ކޮންމެ މީހަކަށްވެސް މި ގްލައިޑުތައް ދުއްވޭނެ---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މި ގްލައިޑުތައް ކުއްޔަށް ނަގާލެވޭ ދެ ގޮތެއް އޮވެ އެވެ. އެއީ؛

1. ގަޑިއިރައް ޗާޖުވާގޮތަށް ނެގުން

  • ގަޑިއިރަކަށް 15ރ، ފައިސާ ދައްކާލުމުން ސްޓޭންޑުން ގްލައިޑް އަންޑޮކް ކުރެވޭނެ
  • ގަޑި ހަމަވަންދެން 24 ގަޑިއިރަށް ބަހާލައިގެންވެސް ދުއްވޭނެ.
  • އިތުރު ޗާޖަކާ ނުލައި ބޭނުންވަރަކަށް ގްލައިޑް ހުންނަ ސްޓޭޝަނަށް ޑޮކްކޮށް، އަންޑޮކް ކޮށް ހެދޭނެ.

2. ކިލޯމީޓަރަށް ޗާޖުވާގޮތަށް ނެގުން

  • ދުއްވާ ކޮންމެ ކިލޯ މީޓަރަކަށް ތިން ލާރި
  • ޑޮކް ކުރާ ކޮންމެ ފަހަރަކު 3ރ ދައްކަންޖެހޭނެ

މިއީ ޕައިލެޓް ޕްރޮޖެކްޓަކަށް ވާތީ މިވަގުތު މި ގްލައިޑުތައް ދުއްވޭނީ ވަކި އޭރިއާތަކެއްގަ އެވެ. އެގޮތުން ގްލައިޑުތައް އަޮޕަރޭޓުކުރަން ހަދާފައިވާ ޖިއޯ ފެންސް، އެޕްލިކޭޝަން އިން ބަލާލެވޭނެ އެވެ. އެ ފެންސް، ނުވަތަ ސަރަހައްދުން ބޭރަށް ދެވިއްޖެ ނަމަ ގްލައިޑުން އެލާމެއް އަޅައި އެކަން އާބަންކޯއަށް އަންގާނެ އެވެ. އަދި ސްޕީޑް ދަށްވެ ގްލައިޑު އެއްކޮށް ހުއްޓޭނެ އެވެ.

އާބަންކޯއިން ބުނިގޮތުގައި މި ގްލައިޑުތަކުގެ އަސްލު ސްޕީޑަކީ ގަޑިއިރަކަށް 25 ކިލޯމީޓަރެވެ. ނަމަވެސް މިވަގުތައް މި ގްލައިޑުތައް އެންމެ ބާރަށްވެސް ދުއްވޭނީ 15 ކިލޯމީޓަރުގެ ސްޕީޑުގަ އެވެ. އަދި މި ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބު ވެއްޖެ ނަމަ ކުރިއަށް އޮތް ތަނުގައި މުޅި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މި ގްލައިޑުއް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށާއި، އޭރުން ހުޅުމާލޭގެ ހުރިހާ ހިސާބަކަށްވެސް މި ގްލައިޑުތަކުން ދުއްވާލާފައ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.