Advertisement

ޖަރުމަންގެ އާ ކޯޗަކީ ނާގަލްސްމަން

22 ސެޕްޓެންބަރު 2023 - 11:25 0


ޖަރުމަންގެ އާ ކޯޗަކީ ނާގަލްސްމަން

22 ސެޕްޓެންބަރު 2023 - 11:25 0

މިއުނިކް (ސެޕްޓެމްބަރު 22) - ޖަރުމަންގެ ގައުމީ ޓީމުގެ އާ ކޯޗަކަށް ހޫލިއަން ނާގަލްސްމަން ހަމަޖައްސައިފި އެވެ.

ޖަރުމަންގެ ގައުމީ ޓީމްގެ ކޯޗުކަން ހުސްވީ އެ މަގާމުގައި ކުރިން ހުރި ހަންސީ ފްލިކް މަގާމުން ވަކިކުރުމުންނެވެ. ފްލިކް މަގާމުން ވަކިކުރި މި މަހުގެ ކުރީކޮޅު ޖަޕާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމުންނެވެ.

ފްލިކްގެ ބަދަލުގައި އެގައުމުގެ އާ ކޯޗަކަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހަމަޖެއްސުމަށް ވެސް ޖަރުމަންގެ އެފްއޭއިން މަސައްކަތްކުރި އެވެ. ނަމަވެސް ކްލޮޕް ވަނީ އެޓީމުގެ ކޯޗަކަށް ވުމުގެ ޝައުގުވެރިކަން މި ވަގުތު ނެތް ކަމަށް ބުނެފަ އެވެ.

ޖަރުމަންގެ އާ ކޯޗު ނާގަލްސްމަން އެ ގައުމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އަންނަ އަހަރު އެ ގައުމުގައި ބާއްވާ 2024 ގެ ޔޫރޯގެ ނިޔަލަށެވެ. އޭނާ އަށް މުސާރައިގެ ގޮތުގައި ހަތަރު މިލިއަން ޑޮލަރު ވަނީ ހުށަހަޅައިފަ އެވެ.

ނާގަލްސްމަން، ޖަރުމަންގެ ކޯޗަކަށް ހަމަޖެއްސުމުގެ ކަންކަން ލަސްވީ ބަޔާނާ އެކު، އޭނާ ހަދާފައިވާ އޮތް ކޮންޓްރެކްޓެއްގެ ސަބަބުންނެވެ. ބަޔާން އަށް އޭނާ ކޯޗުކަން ކުރުމަށް 2026 އާ ހަމައަށް ހެދި ކޮންޓްރެކްޓް ބާތިލްނުކޮށް އޭނާ ހުރީ މަގާމުން ދުރުކޮށްފަ އެވެ.

މިދިޔަ މާޗު މަހު ބަޔާންގެ ކޯޗުކަމުން ވަކިކުރި ނާގަލްސްމަންގެ ކޮންޓްރެކްޓް އުވާނުލާތީ އެހެން ޓީމަކަށް އޭނާއަށް ސޮއިކުރެވޭނީ ބަޔާން އަށް ފީއެއް ދައްކައިގެން ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އެހެންކަމުން ނާގަލްސްމަން އަންނަނީ އެ ކޮންޓްރެކްޓް ބާތިލްކުރުމާ ގުޅޭ ކަންކަން ފުރިހަމަ ކުރަމުންނެވެ. ޖަރުމަންގެ ގައުމީ ޓީމާ ނާގަލްސްމަން ހަވާލުވީ އެ ކަންކަމަށް ބަޔާނާ އެކު އެއްބަސްވުމެއް ހެދުމަށް ފަހު އެވެ.

ޖަރުމަންގެ ގައުމީ ކޯޗުގެ ގޮތުގައި ނާގަލްސްމަންގެ ފުރަތަމަ މެޗަކަށް ވާނީ އަންނަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެމެރިކާއާ ދެކޮޅަށް ކުޅޭ މެޗެވެ.