Advertisement

ލަންކާގެ ތަމްރީން ކޭމްޕް ގައުމީ ޓީމުން ނިންމާލީވެސް މޮޅަކުން

22 ސެޕްޓެންބަރު 2023 - 11:30 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން


ލަންކާގެ ތަމްރީން ކޭމްޕް ގައުމީ ޓީމުން ނިންމާލީވެސް މޮޅަކުން

22 ސެޕްޓެންބަރު 2023 - 11:30 0

އައިސީސީ ޓީ20 ވޯލްޑް ކަޕްގެ ސަބް-ރީޖަނަލް ކޮލިފައިންގައި ވާދަކުރުމުގެ ކުރިން ގައުމީ ކްރިކެޓް ޓީމުން ސްރީ ލަންކާގައި ކުރިއަށްގެންދާ ތަމްރީންތަކުގައި، ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ރާއްޖެ މޮޅުވެއްޖެ އެވެ.

މި މަހުގެ 25 އިން އަންނަ މަހުގެ ހަޔަކަށް ގަތަރުގައި އޮންނަ އައިސީސީ ޓީ20 ވޯލްޑް ކަޕްގެ ސަބް-ރީޖަނަލް ކޮލިފައިންގައިި އަށް ގައުމީ ޓީމް ތައްޔާރީތައް ފެށީ މިދިޔަ ޖޫން މަހުގަ އެވެ. މިގޮތުން ސްރީލަންކާގެ ކޯޗު، ޕަސިންދު ލިޔަނާރަޗީގެ އިރުޝާދުގެ ދަށުން މެދުކެނޑުމެއްނެތި ގައުމީ ޓީމް ވަނީ ތަމްރީންތައް ކުރިއަށް ގެންގޮސްފަ އެވެ.

އަންނަ ހޯމަ ދުވަހު ފަށާ ކޮލިފައިން މެޗުތަކުގެ ކުރިން ގައުމީ ޓީމް އިތުރު ތަމްރީންތަކަށް ލަންކާއަށް ފުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. ލަންކާގައި އެކުވެރިކަމުގެ ހަތަރު މެޗެއް ގައުމީ ޓީމުން ކުޅުނުއިރު އޭގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފަ އެވެ. ރާއްޖޭގެ ގައުމީ ޓީމް މޮޅުވީ ލަންކާގެ އަނުރަދަޕުރާ ކްރިކެޓް ކުލަބާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ.

ފުރަތަމަ މެޗު ހަތަރު ވިކެޓުން ކާމިޔާބުކުރިއިރު، އަނެއް މެޗުން މޮޅުވީ 55 ލަނޑުންނެވެ.

ފަހު މެޗުގެ ފުރަތަމަ ކުޅެން އަރާ ގައުމީ ޓީމުން ވިހި އޯވަރުގައި ހަ ކުޅުންތެރިން ނުބައިވެގެން 157 ލަނޑު ހެދި އެވެ. ރާއްޖޭގެ ބެޓިން ލައިންއަޕްގެ ކުރީގައި އުޅޭ ކުޅުންތެރިން އެވަރެޖްކޮށް މި އިނިންގްސްގައި ރަނގަޅަށް ކުޅުނެވެ. މިގޮތުން ކެޕްޓަން އާދަމް ނާސިފް އުމަރު 11 ބޯޅައިން 28 ލަނޑު ހެދިއިރު، މުހައްމަދު ރިޝްވާން ވަނީ 24 ބޯޅައިން 29 ލަނޑު ހަދާފަ އެވެ. ޔޫސުފް އަޒްޔާން ވެސްވަނީ މި އިނިންގްސްގައި 20 ލަނޑު ހަދާފަ އެވެ.

އަނުރަދަޕުރާގެ ކުޅެން އަރާ 20 އޯވަރުގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 54 ބޯޅައިން 51 ލަނޑު ހަދައި ހާފް ސެންޗަރީއެއް ހެދި ތީކްޝަނަ ވީރަސިންގް އެވެ.

ކުރީ މެޗެކޭ އެއްގޮތަށް މި މެޗުގައިވެސް ރާއްޖޭގެ ބޯލަރުންވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. މިގޮތުން އިބްރާހިމް ރިޒާން ވަނީ ހަތަރު އޯވަރުގައި 19 ލަނޑަށް ހަތަރު ވިކެޓު ނަގާފަ އެވެ. އަހުމަދު އަމީލް މައުރޫފް ހަތަރު އޯވަރުގައި 12 ލަނޑަށް ދެ ވިކެޓު ނެގިއިރު، ބާރު އުކުންތެރިޔާ ހަސަން އިބްރާހިމް ވަނީ ހަތަރު އޯވަރުގައި 16 ލަނޑަށް ދެ ވިކެޓު ނަގާފަ އެވެ.

ލަންކާގެ ތަމްރީން ދަތުރުގައި ގައުމީ ޓީމް ބަލިވި ދެ މެޗަކީ ސިގްނަލް ކްރިކެޓް ކުލަބާ ދެކޮޅަށް ކުޅުނު މެޗާއި، އަނުރަދަޕުރާ އާ ދެކޮޅަށް ކުޅުނު ފަހު މެޗެވެ. ސިގްނަލް ސީސީ އަތުން ހަތް ވިކެޓުން ބަލިވިއިރު، އަނުރަދަޕުރާ އަތުން ބަލިވީ ހަތަރު ވިކެޓުންނެވެ.

އަންނަ ހޯމަ ދުވަހު ގަތަރުގައި ފަށާ އައިސީސީ ޓީ20 ވޯލްޑް ކަޕްގެ ސަބް-ރީޖަނަލް ކޮލިފައިންގެ ގްރޫޕް އޭގައި ވާދަކުރާނީ ދިވެހިރާއްޖެ، ކުވެއިތު، ސައުދި އަރަބިއްޔާ އަދި ގަތަރެވެ. އޭޝިއާ ސަރަހައްދުގެ ސަބް-ރީޖަނަލް ކޮލިފައިންގެ ގްރޫޕް ބީގެ މެޗުތައް މެލޭޝިއާގައި ކުރިއަށްދާއިރު، މި ގްރޫޕްގައި ވާދަކުރަނީ މެލޭޝިއާ، ޗައިނާ، ބޫޓާން، މިޔަންމާ އަދި ތައިލެންޑެވެ.