Advertisement

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ވޭތުވި ހަތަރު އަހަރުގެ މުސާރައިގެ ކުރިއެރުން އަންނަ މަހު ދެނީ

21 ސެޕްޓެންބަރު 2023 - 21:36 1

އަމަން ހަލީމް

އަމަން ހަލީމް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން: ވޭތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސެއް ނުދޭ -- އަދަދު ފައިލް ފޮޓޯ


ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ވޭތުވި ހަތަރު އަހަރުގެ މުސާރައިގެ ކުރިއެރުން އަންނަ މަހު ދެނީ

21 ސެޕްޓެންބަރު 2023 - 21:36 1

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ވޭތުވި ހަތަރު އަހަރު ދުވަހުގެ ސްޓެޕް އެލަވަންސް ދިނުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދިނުމާ ގުޅިގެން ވޭތުވި ހަތަރު އަހަރުގެ އެލަވަންސް އަންނަ މަހު ދިނުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިއަދު ފަށައިފި އެވެ.

ސްޓެޕް އެލަވަންސަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅުވައިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ދެވޭ މުސާރައިގެ ކުރިއެރުމެކެވެ. މިހެން ނަމަވެސް ފިނޭންސް މިނިސްޓްރީން ހުއްދަ ނުދީ އޮތުމާ ގުޅިގެން މަސައްކަތުގެ ފެންވަރު ބެލުމުގެ މުއްދަތުތައް ކަމުގައިވާ 2019–2020 އަދި 2021–2022 އެލަވަންސް މުވައްޒަފުންނަކަށް ނުލިބެ އެވެ.

މިކަމާ ގުޅިގެން ޑީޖޭއޭއިން މިއަދު ބުނި ގޮތުގައި އަންނަ މަހުގެ ތެރޭގައި މުވައްޒަފުންނަށް މި އެލެވަންސް ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ކޯޓުތަކާ މައުލޫމާތު ހިއްސާކުރެވިފަ އެވެ. އެގޮތުން އަންނަ މަހުގެ ފަހެއްގެ ނިޔަލަށް ފޮނުވާ ފޯމުތަކަށް އެލަވަންސް ދެވިގެން ދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

ޑީޖޭއޭއިން ވަނީ 2017–2018 ގެ ސްޓެޕް އެލެވަންސް ފައިސާ މި އަހަރުގެ ތެރޭގައި މުވައްޒަފުންނަށް ދީފަ އެވެ.

ފިނޭންސުން ވަނީ ވޭތުވި އަހަރުތަކުގައި ދޭން ޖެހޭ ކުރިއެރުމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދިނުމުގެ ހުއްދަ ދީފަ އެވެ. މިކަމާ ގުޅިގެން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސްފައިވާ ކަމަށް ޑީޖޭއޭ އިން ބުނެފައި ވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ސަރުކާރުން ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓު ދޭން ނިންމައިފަ އެވެ.