Advertisement

އަންހެނަކަށް މެސެޖުކުރި ގާޒީ އަދިވެސް ވަކިނުކުރާތީ ސަސްޕެންޝަން އިތުރުކޮށްފި

21 ސެޕްޓެންބަރު 2023 - 17:03 1

ނިމާ ހަސަން

ނިމާ ހަސަން

ވަރިވާން ދިޔަ އަންހެނަކަށް މެސެޖު ކޮށްގެން ވަކިކުރަން ނިންމާފައިވާ ގާޒީ އަލީ އާދަމް


އަންހެނަކަށް މެސެޖުކުރި ގާޒީ އަދިވެސް ވަކިނުކުރާތީ ސަސްޕެންޝަން އިތުރުކޮށްފި

21 ސެޕްޓެންބަރު 2023 - 17:03 1

ވަރިވާން ދިޔަ ދެ އަންހެނަކަށް ގުޅި މައްސަލާގައި ވަކިކުރަން ނިންމާފައިވާ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަލީ އާދަމްގެ ސަސްޕެންޝަން އިތުރުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކޮށްފައިވާކަން ސާބިތުވާތީ, ޖޭއެސްސީން ވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު އަލީ އާދަމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފަ އެވެ. ނަމަވެސް އަދި އޭނާ ވަކިކުރުމުގެ މައްސަލަ އަދި މަޖިލީހުގައި އެޖެންޑާއެއް ނުކުރެ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާޒީ އަލީ އާދަމްގެ ސަސްޕެންޝަން އިތުރުކުރަން ނިންމީ, އޭނާއާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ އިތުރު އެހެން މައްސަލައަކާ ގުޅިގެން، ތަހުގީގު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި، ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އާދަމް އަލީ ވަކިކުރަން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ އެތައް މެސެޖުތަކެއް ކޮށްފައިވާ ކަމަށް އަމިއްލައަށް އިއުތުރާފުވެފައި ވާތީ އެވެ.

އަލީ އާދަމް ވަނީ އެ އަންހެން މީހާއާ ޝަރީއަތުން ބޭރުން މުއާމަލާތުކޮށް ރަހުމަތްތެރިކަން ބާއްވަން އެދި އަދި ކުރާ މެސެޖުތައް ޑިލީޓުކުރަން އެދިފަ އެވެ. އަދި އެ އަންހެން މީހާގެ ކިބައިން އަނބިފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި، އެތަކެއް ޒާތީ މެސެޖެއް ކޮށްފައިވާކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

އަދި އޭނާ ވަނީ ނުނިޔަތެއްގައި، ނުރަނގަޅު ނިޔަތެއް އޮވެގެން އެ އަންހެން މީހާ ހުރި ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތް ކޮށްފައި ކަމަށް ވެސް އެކޮމިޝަނުގެ ބަޔާނުގައި ބުންޏެވެ.

މި މައްސަލަ އާ ގުޅިގެން މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަލީ އާދަމް ހުންނެވީ ސަސްޕެންޝަނުގަ އެވެ. ޖޭއެސްސީއިން މިއަދު ބުނީ އޭނާ ސަސްޕެންޝަނުގައި ހުއްޓައި ހަމަ އެފަދަ އިތުރު މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ.

މީގެ ކުރިން ވެސް އަލީ އާދަމްއާ ގުޅުންހުރި ބައެއް މައްސަލަތައް އެ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. އޭގެ ތެރޭގައި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައަކާއި، ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން މައްސަލައަކާއި އަމިއްލަ ޖަމިއްޔާއެއް އުފައްދައި ހަރަކާތްތެރިވި މައްސަލައެއް ވެސް ހިމެނެ އެވެ.

ކައިވެނި ރުޖޫއަކޮށްދިނުމާއި ޖަމިއްޔާ އުފެއްދި މައްސަލައާއި ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް، 18ގައި އަލީ އާދަމް ދެ ހަފުތާއަށް ސަސްޕެންޑު ވެސް ކުރި އެވެ.