Advertisement

އަނުރަދަޕޫރާ އަތުން ގައުމީ ކްރިކެޓް ޓީމް މޮޅުވެއްޖެ

21 ސެޕްޓެންބަރު 2023 - 10:14 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން


އަނުރަދަޕޫރާ އަތުން ގައުމީ ކްރިކެޓް ޓީމް މޮޅުވެއްޖެ

21 ސެޕްޓެންބަރު 2023 - 10:14 0

އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރުމުގެ ކުރިން ގައުމީ ކްރިކެޓް ޓީމުން ސްރީ ލަންކާގައި ކުރިއަށްގެންދާ ތަމްރީންތަކުގައި، ލަންކާގެ އަނުރަދަޕުރާ ކްރިކެޓް ކުލަބު އަތުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމް މޮޅުވެއްޖެ އެވެ.

އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ގަތަރުގައި އޮންނާނީ މި މަހުގެ 25 އިން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތަށް ތައްޔާރުވަމުން އަންނަ ގައުމީ ޓީމުން ލަންކާގައި ހަދާ ތަމްރީންތަކުގެ ތެރެއިން ހަތަރު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ކުޅުނު މެޗުގައި ރާއްޖެއިން ލަންކާގެ އަނުރަދަޕުރާ ކްރިކެޓް ކުލަބު އަތުން މޮޅުވީ ހަތަރު ވިކެޓުންނެވެ.

މެޗުގެ ފުރަތަމަ އިނިންގްސްގައި ކުޅެން އަރާ އަނުރަދަޕުރާގެ ޓީމުން 20 އޯވަރުގައި ނުވަ ކުޅުންތެރިން ނުބައިވެގެން 126 ލަނޑު ހެދި އެވެ. މި އިނިންގްސްގައި އެޓީމުން އެންމެ މޮޅަށް ކުޅުނީ 34 ބޯޅައިން 25 ލަނޑު ހެދި ޗަމޮދްޔާ އިންދުވަރާ އެވެ.

ރާއްޖޭގެ އުކުންތެރިން މޮޅު ކުޅުމެއް ދެއްކި މި އިނިންގްސްގައި ކެޕްޓަން އާދަމް ނަސިފް އުމަރު ހަތަރު އޯވަރުގައި 29 ލަނޑަށް ދެ ވިކެޓު ނެގި އެވެ. މީގެ އިތުރުން ބާރު އުކުންތެރިޔާ ހަސަން އިބްރާހިމް 4 އޯވަރުގައި 30 ލަނޑަށް އެއް ވިކެޓު ނެގި އެވެ. ރާއްޖޭގެ އަމީލްވެސް މި އިނިންގްސްގައި ވިކެޓެއް ނެގި އެވެ.

ރާއްޖޭގެ ޓީމުން ކުޅެން އަރާ، 3 ބޯޅަ ބާކީ އުކަން އޮއްވާ 130 ލަނޑު ހަދައި މެޗު ކާމިޔާބުކުރި އެވެ. ފަހު އޯވަރަށް ދިޔައިރު ރާއްޖެއަށް މެޗު ކާމިޔާބުކުރަން ބޭނުންވަނީ 10 ލަނޑެވެ. އޭރު ބެޓުކުރަން އަރާ ހުރި އިބްރާހިމް ނަޝާތު ވަނީ ފަހު އޯވަރުގެ ފުރަތަމަ ބޯޅަ ހަޔަކަށް ޖަހައި އަދި ތިންވަނަ ބޯޅަ ހަތަރަކަށް ޖަހައި މެޗުން ރާއްޖެ މޮޅުކޮށްދީފަ އެވެ.

ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 49 ބޯޅައިން 48 ލަނޑު ހެދި ޔޫސުފް އަޒްޔާން ފަރުހަތު އެވެ. މީގެ އިތުރުން ވިކެޓްކީޕަރު މުހައްމަދު އައްޒާމް ވަނީ 35 ބޯޅައިން 30 ލަނޑު ހަދާފަ އެވެ.

ލަންކާގައި ހަދަމުން އަންނަ ތަމްރީންތަކުގެ ތެރެއިން ގައުމީ ކްރިކެޓް ޓީމް ކުޅުނު ފުރަތަމަ މެޗުގައިވަނީ ސިގްނަލް ކްރިކެޓް ކުލަބު އަތުން ހަތް ވިކެޓުން ބަލިވެފަ އެވެ. މި މެޗުގައި ކެޕްޓަން ނާސިފް، ވިކެޓު ކީޕަރު އައްޒާމް އަދި ބާރު އުކުންތެރިޔާ ހަސަންއެއް ނުކުޅެ އެވެ.

އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭގެ ޓީމަށް އިރުޝާދުދޭނީ ސްރީ ލަންކާގެ ކޯޗު، ޕަސިންދު ލިޔަނާރަޗީ އެވެ. މިދިޔަ ޖޫން މަހު ގައުމީ ޓީމާ ގުޅި އޭނާގެ ބެލުމުގެ ދަށުން ބޮޑު ސްކޮޑަކާއިއެކު ގައުމީ ޓީމް ވަނީ ތިން މުބާރާތަކަށް ޕްރެކްޓިސްކޮށްފަ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިން، އޭޝިއަން ގޭމްސް އަދި 19 އަހަރުން ދަށުގެ އޭސީސީ ޗެލެންޖް މުބާާރާތެވެ.