Advertisement

އިންތިހާބާ ގުޅިގެން އެޗްއާރުސީއެމްގެ ގިނަ ކަންބޮޑުވުންތަކެއް: ގޮވާލީ މައްސަލަތައް ބަލައި ހައްލުކުރަން

20 ސެޕްޓެންބަރު 2023 - 16:44 1

އަމަން ހަލީމް

އަމަން ހަލީމް

އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން: ރަށްރަށުގައި ސުލްހަވެރިކަމާއެކީ އަޑުއުފުލުނަ ނުދީ އެއްވުންތައް ރޫޅާލީ ގާނޫނާ ހިލާފަށް ކަމަށް އެޗްއާރުސީއެމްއިން ބުނި --- ފޮޓޯ/މިރާޝް ނާޝިމް


އިންތިހާބާ ގުޅިގެން އެޗްއާރުސީއެމްގެ ގިނަ ކަންބޮޑުވުންތަކެއް: ގޮވާލީ މައްސަލަތައް ބަލައި ހައްލުކުރަން

20 ސެޕްޓެންބަރު 2023 - 16:44 1

ރިޔާސީ އިންތިހާބު މޮނިޓާ ކުރުމުގެ ތެރެއިން އިންތިހާބަށް ނުފޫޒު ފޯރުވުމާއި ކެމްޕެއިނަށް ހުރަސް އެޅުން ފަދަ ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޗްއާރުސީއެމް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި، ހާމަކަން ބޮޑު އިންތިހާބެއްތޯ ކަށަވަރު ކުރަން އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮމިޝަނަށް ފާހަގަކުރެއްވުނު ކަންތައްތަކުގެ ތެރޭގައި ވޯޓަށް ނުފޫޒު ފޯރުވުމަށް، ބައެއް ފަރާތްތަކުން ވޯޓު ގަތުމާއި، ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ޝަރުތުކޮށް ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ކަންބޮޑުވުން މީސްމީޑިއާގައި ފާޅުކުރަމުންދާ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ވަސީލަތްތަތް ކެމްޕެއިނަށް ބޭނުންކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

އެ މައްސަލަތަކާ ގުޅިގެން އެޗްއާރުސީއެމް އިން ގޮވާލީ ކަމާގުޅުންހުރި މުއައްސަސާތަކުން މިކަންކަން ތަހުގީގުކޮށް ދިނުމަށެވެ. އަދި މިފަދަ މައްސަލަތައް ކުރީގެ އިންތިހާބުތަކުގައި ވެސް ފާހަގަކުރެވިފައިވާއިރު، މިކަންކަން ހައްލުކުރަން އެޗްއާރުސީއެމުން ވަކާލާތުކުރަމުން އަންނަ ބަދަލުތައް ގެނެސް، ގާނޫނީ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ވެސް އެ ކޮމިޝަނުން ގޮވާލާފައިވެ އެވެ.

"[ގާނޫނީ ނިޒާމުގައި ހުރި މައްސަލަތައް] ހައްލުކުރުމަށް ކަމާ ގުޅުންހުރި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މި ކޮމިޝަނުން ވަނީ މީގެ ކުރިން ވެސް ވަކާލާތުކޮށްފަ އެވެ. އެހެންކަމުން، ގާނޫނީ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް ގޮވާލަން،" އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

އެޗްއާރުސީއެމް އިން އަލިއަޅުވާލި އަނެއް މައްސަލައަކީ ކެމްޕެއިނު ކުރުމުގެ ހައްގަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމެވެ.

އެގޮތުން ކެމްޕެއިން ހަރަކާތްތަކާ ގުޅިގެން ސުލްހަވެރިކަމާ އެކީ ބޭއްވި އެއްވުންތައް ގާނޫނީ އިމުގެ ބޭރުން ފުލުހުން ރޫޅާލައި ކެމްޕެއިން ކުރަން ޖާގަ ނުދޭ ކަމުގެ ޝަކުވާ މީސްމީޑިއާއިންނާއި އިންތިހާބު މޮނިޓާ ކުރުމުގެ ތެރެއިން އެ ކޮމިޝަނަށް ވެސް ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ. މީގެ ބައެއް މައްސަލަތައް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

މިކަމާ ގުޅިގެން އެޗްއާރުސީއެމް އިން ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި, ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގާއި، އެއްވެއުޅުމުގެ މިނިވަންކަން ގާނޫނުން ލިބިދޭ އެންމެ ފުޅާ މިންވަރަށް ލިބިދޭކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފަ އެވެ.

އޭގެ އިތުރުން އެހެން ކެންޑިޑޭޓުންގެ ކެމްޕެއިނަށް ހުރަސް އެޅުމާއި، އެންޓި-ކެމްޕެއިން ކުރުމަށްޓަކައި އެކަކު އަނެކަކުގެ އަބުރަށް އަރައިގަތުމާއި، ފުރައްސާކުރުމުގެ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި ބައެއް ފަހަރު ޖިސްމާނީ ގޮތުން ގެއްލުން ލިބިދާނެ ފަދަ ކަންކަން ކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެޗްއާރުސީއެމް އިން ފާހަގަކުރި އެވެ. މިކަން މިގޮތަށް ނުކުރަން އެ ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކަށާއި އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

"ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުަވަތަ އެހެން ކެންޑިޑޭޓަކާ ބެހޭ ގޮތުން ޝުއޫރު ފާޅުކުރުމަށްޓަކައި، ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމަށާއި އަދި ނަޒާހާތްތެރިކަމާ އެކު ކެމްޕެއިންކުރުމަށް އިސްކަން ދެއްވާ، އަނެކާގެ އަބުރާ އިއްޒަތަށް އަރައި ނުގަތުމަށާއި އަދި ނަފްރަތު އުފެދޭ ވާހަކަތައް ނުދެއްކުމަށް މި ކޮމިޝަނުން ހުރިހާ ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންނަށް އިލްތިމާސްކުރަން،" އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

އެޗްއާރުސީއެމް އިން ބުނީ ރިޔާސީ އިންތިހާބުގެ މޮނިޓަރިން މަސައްކަތުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާއި ކޮމިޝަންގެ ހުށަހެޅުންތައް ހިމެނޭ ތަފްސީލީ ރިޕޯޓު އާންމު ކުރާނީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު ކަމަށެވެ.