Advertisement

ޖަރުމަނުގެ ކޯޗުކަމަށް މި ވަގުތު ކްލޮޕްގެ ޝައުގުވެރިކަމެއް ނެތް

20 ސެޕްޓެންބަރު 2023 - 12:41 0


ޖަރުމަނުގެ ކޯޗުކަމަށް މި ވަގުތު ކްލޮޕްގެ ޝައުގުވެރިކަމެއް ނެތް

20 ސެޕްޓެންބަރު 2023 - 12:41 0

ބާލިން (ސެޕްޓެމްބަރު 20) - ހުސްވެފައިވާ ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ވުމުގެ ޝައުގުވެރިކަން މި ވަގުތު ނެތް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ޖަރުމަނު ގައުމީ ޓީމުގެ ކޯޗަކަށް ހުރި ހަންސީ ފްލިކް މަގާމުން ވަކިކުރީ ދާދި ފަހުން ޖަރުމަނު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ޖަޕާން އަތުން ބޮޑު ތަފާތަކުން ބަލިވުމުންނެވެ.

އޭގެ ފަހުން، ޖަރުމަނުން އެކުވެރިކަމުގެ މެޗެއްގައި ފްރާންސާ ދެކޮޅަށް ކުޅުުނުއިރު، އެ މެޗުގައި ޖަރުމަނަށް އިރުޝާދުދިނީ ޓީމުގެ ޑިރެކްޓަރު، ރުޑީ ވޮލާ އެވެ.

އާ ކޯޗެއް ހޯދަން ޖަރުމަނުން ކުރަމުން އަންނަ މަސައްކަތުގައި އެކުލަވާލާފައިވާ ކޯޗުންގެ ޝޯޓްލިސްޓުގައި ކްލޮޕްގެ ނަން ވެސް ހިމެނެ އެވެ. އެކަމަކު، ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޖަރުމަނުން ދެން ކޯޗަކަށް ހަަަމަޖައްސާނީ ޒުވާން ކޯޗު، ހޫލިއަން ނާގަލްސްމަން އެވެ.

ޖަރުމަނުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުނީ ޖަރުމަނުން ކޯޗަކަށް ނާގަލްސްމަން ހަމަޖައްސައިފިނަމަ އެއީ ރަނގަޅު ނިންމުމަކަށްވާނެ ކަމަށެވެ.

ކްލޮޕް ވަނީ އޭނާގެ ފޯކަސް މި ވަގުތު ހުރީ ލިވަޕޫލްގެ މަސައްކަތަށް ކަމަށް ބުނެފަ އެވެ.

"އަހަންނަށް މި ވަގުތު ފޯކަސް އަކީ ލިވަޕޫލް، ޖަރުމަނުގެ ކޯޗުކަމުގެ ވިސްނުން ނެތް. އަހަރެން މިހާރު މަސައްކަތް މި ކުރަނީ، ލިވަޕޫލްގެ 2.0 ތައްޔާރުކުރަން. އަހަރެމެން އަނެއްކާ ވެސް އެޓޭކްކޮށް ކާމިޔާބު ހޯދަން މަސައްކަތް މި ކުރަނީ،" 2015 ވަނަ އަހަރުން ފެށިގެން ލިވަޕޫލްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ ފަރިތަކުރުމެއްގެ ތެރެއިން ކްލޮޕް: ލިވަޕޫލާ އެކު ހަދާފައިވާ ކޮންޓްރެކްޓް ފުރިހަމަކުރާނެ ކަމަށް ވަނީ ބުނެފައި.


ނާގަލްސްމަން އަކީ ޖަރުމަނު ކޯޗަކަށް ވާން ބަލާއިރު، ތަޖުރިބާ މަދު ކޯޗެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރަމުން އަންނާތީ ކްލޮޕް ވަނީ އެ އަށް ރައްދެއް ދީފަ އެވެ.

"އުމުރަކީ ފުޓްބޯޅައިގައި ވިސްނަން ޖެހޭ ކަމެއް ނޫން. ހޫލިއަން (ނާގަލްސްމަން) ވަނީ އޭނާގެ އުމުރުން 28 އަހަރުގައި އެއީ ކޮން ފެންވަރެއްގެ ކޯޗެއްކަން ސާބިތުކޮށްދީފައި. އޭނަގެ އެބަހުރި އަށް އަހަރުގެ ތަޖުރިބާ،" ކްލޮޕް ބުންޏެވެ.

"ތެދެއް، ބައެއް ކޯޗުންގެ އެބަހުރި 45 ނޫނީ 50 އަހަރުގެ ތަޖުރިބާ ވެސް، އެކަމަކު، މިއީ ތަޖުރިބާއިން ހަމައެކަނި ވާކަމެއް ނޫން. ތަޖުރިބާ އަކީ ކްރައިޓީރިއާއެއްގެ ހުރިހާ ބައެއް ވެސް ނޫން،"

ކުރިން ޖަރުމަނުގެ މައިންޒާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ކްލޮޕް ބުނީ ލިވަޕޫލާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށާއި އެ އަށް ފަހު ދެން އަމަލުކުރާނެ ގޮތެއް ބުނަން އަދި އަވަސް ކަމަށެވެ.

ލިވަޕޫލާ އެކު އެންމެ ފަހުން ކްލޮޕް ސޮއިކުރި ކޮންޓްރެކްޓް ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.