20 ސެޕްޓެންބަރު 2023 - 09:35 0
20 ސެޕްޓެންބަރު 2023 - 09:35 0
މެންޗެސްޓާ (ސެޕްޓެމްބަރު 20) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީގެ އިތުރުން ބާސެލޯނާ ވެސް ކުޅުނު މެޗުން މޮޅުވިއިރު، ނިއުކާސަލް ޔުނައިޓެޑް ބޮޑު މެދުކެނޑުމަކަށް ފަހު ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން އޭސީ މިލާނާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
ގްރޫޕް އެޗްގައި ބާސެލޯނާ އިން ވަނީ ރޯޔަލް އެންޓްވާޕް އަތުން 5-0 އިން މޮޅުވެފަ އެވެ. ގްރޫޕް ޖީގައި މެންޗެސްޓާ ސިޓީން ވަނީ ފަހަތުން އަރައި ރެޑްސްޓާ ބެލްގްރޭޑް އަތުން 3-1 އިން ކުރިހޯދައިފަ އެވެ.
ރެޑްސްޓާ އިން ރޭ އޮސްމާން ބުކާރީގެ ގޯލުން ލީޑުނަގާފައިވަނިކޮށް ސިޓީން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުންނެވެ. ދެ ވަނަ ހާފުގައި ސިޓީން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ހޫލިއަން އަލްވަރޭޒް އެވެ. ސިޓީގެ އަނެއް ލަނޑު ޖެހީ ރޮޑްރީ އެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެ ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ހެދި މެޗުތަކަށް އެކަށީގެންވާ މިންވަރަށް ތައްޔާރުވާން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ބުނެފަ އެވެ.
ސިޓީ ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުން ޖަރުމަނުގެ އާރްބީ ލައިޕްޒިގުން ވަނީ ރަށުންބޭރުގައި 3-1 އިން ޔަންގްބޯއީސް ބަލިކޮށްފަ އެވެ.
ބާސެލޯނާގެ ޔާއޯ ފެލިކްސް ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު: އޭނާ ވަނީ ދެ މެޗުން ތިން ގޯލު ޖަހައިފައި.--- ފޮޓޯ: އޭއެފްޕީ
ބާސެލޯނާ އިން ރޭ ކުޅުނު މެޗުގައި ޔާއޯ ފެލިކްސް ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ލަނޑުތައް ޖެހީ ރޮބަޓް ލެވަންޑޯސްކީ އާއި ގަވީގެ އިތުރުން ރޯޔަލް އެންޓްވާޕްގެ ޖެލީ ބަޓާއިލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި ބާސެލޯނާ އަށް ގޯލު ޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ލިބިގެންދިޔަ އެވެ.
ބާސެލޯނާ ގްރޫޕްގެ އަނެއް މެޗުން ޕޯޓޯ ވަނީ ރަށުންބޭރުގައި 3-1 އިން ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކް ބަލިކޮށްފަ އެވެ.
ނިއުކާސަލުން 20 އަހަރަށް ފަހު ޗެމްޕިއަންސް ލީގަށް އެނބުރި އައިސް ކުޅުނު މެޗުން މުބާރާތުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދި އޭސީ މިލާނާ އެއްވަރުވިއިރު، މި މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހަން ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ. މި ގްރޫޕްގެ އަނެއް މެޗުން ޕީއެސްޖީން ވަނީ 2-0 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފަ އެވެ. ޕީއެސްޖީގެ ލަނޑުތައް ޖެހީ ކީލިއަން އެމްބާޕޭ އާއި އަޝްރަފް ހަކީމީ އެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ރޭ ކުޅުނު ދެ މެޗަށް ބަލާއިރު، ފެޔަނޫޑް އިން 2-0 އިން ސެލްޓިކް ބަލިކުރިއިރު، އެތުލެޓިކޯ މެޑްރިޑާއި ލާޒިއޯގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
Comment