Advertisement

ބާސެލޯނާ އިން އެއް ވަނައިގައި ލީޑު ދަމަހައްޓައިފި

21 އޮކްޓޯބަރު 2024 - 07:21 0


ބާސެލޯނާ އިން އެއް ވަނައިގައި ލީޑު ދަމަހައްޓައިފި

21 އޮކްޓޯބަރު 2024 - 07:21 0

ބާސެލޯނާ (އޮކްޓޫބަރު 21) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން 5-1 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

ރޭގެ ނަތީޖާއާ އެކު އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 10 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑަށް ވަނީ 10 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އިން ރޭގެ މެޗުގައި ލީޑުނެގީ 24 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ޖެހި ޕެނަލްޓީންނެވެ. މިއީ، ލެވަންޑޯސްކީ އަށް ސެވިއްޔާގެ އޭރިއާތެރެއިން އެ ޓީމުގެ ޕެކޭ ފެނާންޑޭޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އޭގެ ހަތަރު މިނިޓް ފަހުން، ޕެޑްރީ ވަނީ ހިތްގައިމު ގޯލެއް ޖަހައި، ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ލެވަންޑޯސްކީ އިތުރު ގޯލެއް ޖަހައި، ބާސެލޯނާ އަށް ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއްނަގައިދީފަ އެެވެ. މިއާ އެކު، ހަންސީ ފްލިކް ހަވާލުވި ފަހުން ލެވަންޑޯސްކީ މި ވަނީ 12 މެޗުން 14 ގޯލު ޖަހައިފަ އެވެ. މީގެ ތެރެއިން 10 ގޯލު ލީގުގައި ޖެހިއިރު، އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވަނީ 10 ގޯލު ޖަހައިފަ އެވެ.

މެޗުގެ 82 ވަނަ މިނިޓްގައި ޕަބްލޯ ޓޯރޭ ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހާފައިވަނިކޮށް، ސެވިއްޔާގެ އިޑުމްބޯ ގޯލެއް ޖެހި އެވެ. އެކަމަކު، ޓޯރޭ ވަނީ އިތުރު ގޯލެއް ޖަހައި، ބާސެލޯނާގެ މޮޅު ފުރިހަމަކޮށްދީފަ އެވެ.

އަނިޔާ އަށް ފަހު ރޭގެ މެޗުގައި ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު، ގަވީ ވަނީ ކުޅުމަށް އެނބުރި އަތުވެފަ އެވެ. ގަވީގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ހެދި 11 މަސް ދުވަހު ކުޅުމާ ދުރުގައި އުޅެން ޖެހުނެވެ.