Advertisement

ފަހު ވަގުތު ޖެހި ގޯލުން ސިޓީ ހޯދި މޮޅަށް ޗެލްސީ ބަލިކޮށް ލިވަޕޫލުން ޖަވާބުދީފި

21 އޮކްޓޯބަރު 2024 - 00:43 0


ފަހު ވަގުތު ޖެހި ގޯލުން ސިޓީ ހޯދި މޮޅަށް ޗެލްސީ ބަލިކޮށް ލިވަޕޫލުން ޖަވާބުދީފި

21 އޮކްޓޯބަރު 2024 - 00:43 0

ލިވަޕޫލް (އޮކްޓޫބަރު 21) - އިނގިރޭސި ޕްރިމިއާ ލީގުގައި އިތުރު ވަގުތުގައި ލަނޑު ޖަހައި، މެންޗެސްޓާ ސިޓީން 2-1 އިން ވުލްވްސް ބަލިކޮށްފައި ކުރިއަށް ޖެހިލައިފައި ވަނިކޮށް، ޗެލްސީ އަތުން 2-1 އިން މޮޅުވެ، ލިވަޕޫލުން އަލުން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

މިއަދު ލީގުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ، ސިޓީން ވަނީ ދެ ގަޑިއިރަށް ލީގުގެ ކުރިއަށް ޖެހިލައިފަ އެވެ. އެކަމަކު، ޗެލްސީ އަތުން ހޯދި މޮޅާ އެކު، ލިވަޕޫލް އެއް ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް އަށް މެޗުން ވަނީ 20 ޕޮއިންޓް ލިބިފަ އެވެ.

ސިޓީ ކޮޅަށް ވުލްވްސް އިން ވަނީ ހަތް ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. މި ގޯލު ޖެހީ ނެލްސަން ސެމޭޑޯ ހުސްކޮށްލާފައި ދިން ބޯޅައަކުން، ސްޓްރޭންޑް ލާސެން އެވެ. ސިޓީ އަށް ފުރަތަމަ ހާފުގައި އެއްވަރުކޮށްދިނީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ޖެހި ބޯޅައަކުން ޖޮސްކޯ ގްވާޑިއޯލް އެވެ.

ސިޓީ މޮޅުކޮށްދިން ލަނޑު އިތުރު ވަގުުތުގެ ފަސް ވަނަ މިނިޓްގައި ޖެހީ، ކޯނަރަކުން ފިލް ފޯޑެން ނެގި ބޯޅައަކުން ޖޯން ސްޓޯންސް ބޮލުންނެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ކަށަވަރުކުރުމަށް ފަހު، ގޯލެއް ކަމަށް ބަލައިގަތުމުން ސިޓީން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

ލަނޑު ޖެހުމަށް ފަހު ސިޓީގެ ސްޓޯންސް އުފާފާޅުކުރަނީ.


މި ނަތީޖާއާ އެކު ސިޓީން މި ވަނީ ލީގުގައި ބަލިނުވެ 31 މެޗު ހަމަކޮށް، އެ ކްލަބްގައި، މިހާރު ވެސް ކުރި ކޯޗު، ޕެޕް ގާޑިއޯލާ މީގެ ކުރިން ހަދާފައިވާ ރެކޯޑެއް މުގުރާލައިފަ އެވެ.

ލިވަޕޫލުން މިރޭ ލީޑުނެގީ މުހައްމަދު ސަލާހު ޖެހި ޕެނަލްޓީންނެވެ. އެ ޕެނަލްޓީ ދޭން ނިންމީ، ޗެލްސީގެ ލީވައި ކޯލްވިލް އޭރިއާތެެރެއިން ލިވަޕޫލްގެ ކާޓިސް ޖޯންސް އަށް ކުރި ފައުލަކަށެވެ. އޭގެ ފަހުން، ޖޯންސަށް ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒް ކުރި ފައުލަަކަށް ޕެނަލްޓީއެއް ދޭން ނިންމި އެވެ. އެކަމަކު، ވީއޭއާރް އިން ބަލާފައި އެ ނިންމުން ބަދަލުކުރި އެެވެ.

ދެ ވަނަ ހާފުގައި ކުޅުން ފެށިތާ ތިން މިނިޓް ފަހުން، ނިކޮލަސް ޖެކްސަން ގޯލެއް ޖަހައި ޗެލްސީ އަށް އެއްވަރުކޮށްދިނެވެ. މި ލަނޑު ފުރަތަމަ އޮފްސައިޑް ކަމަށް ނިންމުމަށް ފަހު، ވީއޭއާރް އިން ބަލައި ގޯލެއް ކަމަށް ނިންމީ އެވެ.

ޗެލްސީން ނަތީޖާ އެއްވަރުކުރިތާ ތިން މިނިޓް ފަހުން، ލިވަޕޫލުން އަނެއްކާ ވެސް ލީޑުނެގި އެވެ. މި ލަނޑު ޖެހީ ސަލާހު ދިން ބޯޅައަކުން ޖޯންސް އެވެ. މިއީ މި އަހަރުގެ ފުރަތަމަ ދުވަހުގެ ފަހުން ލީގުގައި ޖޯންސް ޖެހި ފުރަތަމަ ގޯލެވެ.

ލިވަޕޫލްގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވި އާނާ ސްލޮޓް މި ވަނީ އެ ޓީމާ އެކު ފުރަތަމަ ނުކުތް 11 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެފަ އެވެ. ލީގުގައި އެންމެ މަދުން ގޯލު ވަން ޓީމަކީ އެންމެ ތިން ގޯލު ކޮޅަށް ވަން ލިވަޕޫލް އެެވެ. އަދި ލީގުގައި އެންމެ ގިނަ މެޗުން މޮޅުވި ޓީމަކީ ވެސް ލިވަޕޫލް އެވެ.