Advertisement

މިލާން އާއި ޔުވެންޓަސް އަށް ހަނި މޮޅެއް

20 އޮކްޓޯބަރު 2024 - 07:58 0


މިލާން އާއި ޔުވެންޓަސް އަށް ހަނި މޮޅެއް

20 އޮކްޓޯބަރު 2024 - 07:58 0

މިލާން (އޮކްޓޫބަރު 20) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން އޭސީ މިލާނާއި ޔުވެންޓަސް އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުނު ނަމަވެސް މިލާނުން ވަނީ 1-0 އުދިނޭޒީ ބަލިކޮށްފަ އެެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ލާޒިއޯ އަތުން ޔުވެންޓަސް މޮޅުވީ ފަހު ވަގުތު ލަނޑު ޖަހައި، 1-0 އިންނެވެ.

މި ނަތީޖާތަކާ އެކު، މިލާނާއި ޔުވެންޓަސް ވެސް ވަނީ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފަ އެވެ. އެ ގޮތުން، އެއް ވަނައިގައި ނަޕޯލީ ހަތް މެޗުން 16 ޕޮއިންޓާ އެކު އޮތްއިރު، ރޭގެ މެޗާ އެކު، ޔުވެންޓަސް ދެ ވަނައިގައި އޮތީ އަށް މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ. އިންޓަ މިލާން ތިން ވަނައިގައި އޮތީ ހަތް މެޗުން 14 ޕޮއިންޓާ އެކު އެވެ. މިލާން ވަނީ ރޭ އަށް މެޗު ކުޅެގެން 14 ޕޮއިންޓް ހޯދައިފަ އެވެ.

ރޭގެ މެޗުގެ 13 ވަނަ މިނިޓްގައި މިލާނަށް ލީޑުނަގައިދިނީ ސަމުއެލް ޗުކުވޭޒީ އެވެ. އެކަމަކު، މެޗުގެ 29 ވަނަ މިނިޓްގައި މިލާންގެ ޓިޖާނީ ރައިންޑާސް އަށް ސީދާ ރަތް ކާޑެއް ދެއްކި އެވެ. މިއީ، އުދިނޭޒީގެ ސަންޑީ ލޮވްރިޗް އަށް ކުރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ.

މެޗުގެ ބާކީ ބައިގައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް މިލާނުން ރަނގަޅަށް ޑިފެންސްކޮށް ލީޑުހިފެހެއްޓި އެވެ. އުދިނޭޒީން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި މެޗުގެ އިތުރު ވަގުުތުގައި ލަނޑެއް ޖެހި އެވެ. އެކަމަކު، ކްރިސްޓިއަން ކަބަސޭލޭ ޖެހި ގޯލު ވަނީ އޮފްސައިޑް ވެފަ އެވެ.

ލާޒިއޯގެ ޑިފެންޑަރު، އަލެސިއޯ ރޮމަނޯލީ އަށް ރަތް ކާޑު ދެއްކީ މެޗުގެ 24 ވަނަ މިނިޓްގައި ޕިއޭރޭ ކަލޫލޫ އަށް ކުރި ފައުލަކަށެވެ. ކުޅުންތެރިއަކު މަަދުކޮށް ވެސް ލާޒިއޯ އިން މެޗުގެ ބޮޑުބައި ރަނގަޅަށް ޑިފެންސްކުރި އެެވެ. އެކަމަކު، މެޗުގެ 85 ވަނަ މިނިޓްގައި ޔުވެންޓަސް އިން ގޯލު ޖަހައި މެޗުން މޮޅުވީ އެވެ. މިއީ، ލާޒިއޯގެ މާރިއޯ ގިލާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ޖުއާން ކަބާލްގެ ހުރަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި ގިލާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.