Advertisement

ގެވެށި އަނިޔާގެ މައްސަލަތަކުގައި ކައުންސިލުތަކުން އެހީވުމާ ބެހޭ ގަވައިދު ހަދައިފި

20 ސެޕްޓެންބަރު 2023 - 10:14 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު


ގެވެށި އަނިޔާގެ މައްސަލަތަކުގައި ކައުންސިލުތަކުން އެހީވުމާ ބެހޭ ގަވައިދު ހަދައިފި

20 ސެޕްޓެންބަރު 2023 - 10:14 0

ފުލުހުންގެ މަރުކަޒެއް ނުވަތަ ޑެސްކެއް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސްގެ ބަޔަކު ނެތް ރަށްތަކުގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތަކުގައި ފުރަތަމަ އިޖާބަދޭ އިދާރާގެ ގޮތުގައި އެ ރަށެއްގެ ކައުންސިލު ހަމަޖެއްސުމާ ބެހޭ އުސޫލުތައް ކަނޑައަޅައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން މިއަދު ގަވާއިދެއް ގެޒެޓުކޮށްފި އެވެ.

"ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކައުންސިލުތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ގަވާއިދު" ގެ ނަމުގައި ގެޒެޓު ކުރި ގަވާއިދުގައިވާ ގޮތުން ފުލުހުންގެ މަރުކަޒެއް ނުވަތަ ޑެސްކެއް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރެއް ނުވަތަ ނުވަތަ ޑެސްކެއް ނެތް ރަށެއްގައި ކައުންސިލުތަކުން މަސައްކަތް ކުރަންވާނީ ގެވެށި އަނިޔާގެ މައްސަލަތަކަށް ފުރަތަމަ އިޖާބަދޭ ފަރާތްތެއްގެ ގޮތުގައި މަސައްކަތް ކުރާނީ ޖެންޑާ މިނިސްޓްރީ އާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ކައުންސިލުން މަސައްކަތް ކުރަން ޖެހޭނީ ފުލުހުން ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރުން ނުވަތަ މިނިސްޓްރީ އިރުޝާދު ދޭ ގޮތެއްގެ މަތިން ކަމަށް ވެސް ގަވައިދުގައިވެއ އެވެ.

ގަވާއިދުގައިވާ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއްގައި ފިޔަވަޅު އަޅަން ފުލުހުން ނުވަތަ މިނިސްޓްރީއަށް ދެވެންދެން ރަށު ކައުންސިލުތަކުން އަމަލު ކުރަން ޖެހޭ ގޮތް:

  1. ރައްކާތެރިކަން ބޭނުންވާ ފަރާތަށް ވަގުތުން ރައްކާތެރިކަން ފޯރުކޮށްދިނުން
  2. ހުށަހެޅިފައިވާ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކޮށް ރެކޯޑުކުރުން
  3. މައްސަލައަކާ ގުޅޭ ފަރާތެއްގެ މައުލޫމާތެއް ބޭނުންވާ ނަމަ އެ މައުލޫމާތެއް ހޯދުން
  4. ފުލުހުން ނުވަތަ މިނިސްޓްރީން ނުވަތަ ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރަކުން އެދޭ އެހެން ކަންކަން ކޮށްދިނުން
  5. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އެދޭ ކަންކަން ކޮށްދިނުން

ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ މަސްއޫލިއްޔަތުތައް އެ ގަވައިދުގައި ބަޔާންކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ:

  • ގެވެށި އަނިޔާގެ މައްސަލައެއް ރަށު ތެރޭގައި ހިނގާ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަކުރެއްވިއްޖެ ނަމަ ވަގުތުން އެ ރަށެއްގައި ތިބޭ ފުލުހުންނަށް އެންގުމާއި އެ ރަށެއްގައި ފުލުހުން ނެތް ނަމަ އެ އަތޮޅެއްގައި ގާއިމްކޮށްފައިވާ ފުލުހުންގެ މަރުކަޒަށް އެންގުން އަދި ރިކޯޑު ކުރުން
  • ފުލުހުން ނުވަތަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ނުވަތަ ނުވަތަ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތަކުން އެދޭ ގޮތެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދީ އެކަން ރެކޯޑުކޮށް ބެލެހެއްޓުމާއި ގެވެށި އަނިޔާގެ ތަފާސްހިސާބުތައް ބެލެހެއްޓައި މިނިސްޓަރު އަންގާ ގޮތެއްގެ މަތިން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް އެންގުން
  • ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހަކު ކައުންސިލުގެ އެހީތެރިކަމަށް އެދޭ ނަމަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ނުވަތަ ނުވަތަ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރު ނުވަތަ މިނިސްޓްރީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން
  • ގެވެށި އަނިޔާއާ ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ހިންގައި ރަށުގެ ޑަބްލިއުޑީސީއާއި ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ހޯދުން
  • ގެވެށި އަނިޔާގެ މައްސަލަތަކުގައި ކުޑަކުދިން ހިމެނޭ ނަމަ އެ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ އުސޫލުތައް ނެގެއްޓުން

ކައުންސިލުތަކުން ގެވެށި އަނިޔާގެ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހެނީ ކައުންސިލުގައި އެކަމަށް ހާއްސަކޮށްފައި ތިބޭ މުވައްޒަފުންނެވެ. މުވައްޒަފުންގެ ނިސްބަތުން އެކެއް ނުވަތަ ދެ މުވައްޒަފުން އެކަމަށް ކަނޑައަޅައި އެ މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި އެކަން ހިމަނަންވާނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ. އަދި އެގޮތަށް ކަނޑައަޅާ މުވައްޒަފަކީ ކައުންސިލުގެ މެމްބަރަކަށް ވެވިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ގަވާއިދުގައިވާ ގޮތުން ކައުންސިލުތަކަށް މަސްއޫލިއްޔަތު ހަވާލު ކުރަން ޖެހޭނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ކޮންމެ އަހަރަކު ކަނޑައަޅާ ބަޖެޓުން ކައުންސިލުތަކަށް މަސްއޫލިއްޔަތު އަދާކުރަން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށްފަހު އެވެ.

ކައުންސިލުތަކާ ގަވައިދުގައިވާ މަސްއޫލިއްޔަތުތައް ހަވާލުކުރަންވާނީ ގެވެށި އަނިޔާއާ ގުޅޭގޮތުން އެ ކައުންސިލެއްގެ މުވައްޒަފުން ތަމްރީމުކޮށްފަ އެވެ. ގަވައިދަށް އަމަލުކުރާތާ ހަ މަސް ތެރޭގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ މެދުވެރިކޮށް އެ ތަމްރީނު ކައުންސިލަށް ދޭން ޖެހޭނެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން އެފަދަ މައްސަލަތަކުގައި ކައުންސިލުން މަސްއޫލިއްޔަތު އަދާކުރުމުގައި ލިބޭ އެންމެހާ މައުލޫމާތުގެ ސިއްރު އެ ކައުންސިލަކުން ހިފަހައްޓަންވާނެ އެވެ. މީޑިއާ މެދުވެރިކޮށް ނުވަތަ އެހެން ތިން ވަނަ ފަރާތެއް މެދުވެރިކޮށް އެފަދަ އެއްވެސް މައުލޫމާތެއް ހިއްސާކޮށްގެން ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

މި ގަވައިދަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސް ފަހުންނެވެ.