Advertisement

ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

20 ސެޕްޓެންބަރު 2023 - 08:31 0

އަމަން ހަލީމް

އަމަން ހަލީމް

ވިނަރެސް ފްލެޓުތައް: ބައެއް މަތީފަންތީގެ ފްލެޓުތަކަށް ވުރެ މި ފްލެޓުތަކުގެ އަގު ބޮޑު ކަމަށް މީހުންގެ ޝަކުވާ އެބަހުރި -- ފޮޓޯ/އަބްދުﷲ އިޔާން


ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

20 ސެޕްޓެންބަރު 2023 - 08:31 0

ފަންނީ ވަޒީފާތަކުގައި އުޅޭ މީހުންނަށާއި މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ވިނަރެސް" ފްލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކޮށްދޭނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ގަލޮޅު ކަންމަތީގައި ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ރައީސް ސޯލިހު ވިދާޅުވީ މާލޭގައި ދޮރުންދޮރަށް ހިންގެވުމުގެ ތެރެއިން ޒިޔާރަތް ކުރާ ގޭބިސީތަކުން ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓާއި އަގު ބޮޑު ކަމުގެ ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު ގެއިންގެއަށް މިކުރާ ޒިޔާރަތުގައި އަންނަ އަނެއް ޝަކުވާއެއް އެބައޮތް. ކަންބޮޑުވުންތަކެއް. ވިނަރެސްއަށް ކުރިމަތިލައިގެން ފްލެޓު ލިބިފައިވާ ފަރާތްތަކަށް އޭގެ ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑުވާ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިކަން ހައްލުކޮށް ދިނުމުގެ ގޮތުން އެ ތަންތަނުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކޮށް، އެކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ މި ދައުރުގެ ތެރޭގައިތޯ ނުވަތަ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ކުރައްވާނެ ކަމެއްތޯ ވިދާޅެއް ނުވެ އެވެ.

ވިނަރެސް ފްލެޓުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާބަންކޯ މެދުވެރިކޮށް ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން އިމާރާތްކުރި 10 ޓަވަރުގައި ގައި ތިން ކޮޓަރީގެ 1344 އެޕާޓްމަންޓް ހުރެ އެވެ.

އާބަންކޯއިން އެ ފްލެޓުތައް ވިއްކަން ހުޅުވާލީ 2.5-3 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. އޭރުން ފެށިގެން މީހުން އަންނަނީ މި ފްލެޓުތަކުގެ އަގު ބޮޑު ކަމަށް ބުނަމުންނެވެ. މާލޭ ސަރަހައްދުގައި ހުރި އެއަށްވުރެ ޖާގަ އާއި ވަސީލަތްތައް ތަނަވަސް ބައެއް ލަގްޒަރީ އެޕާޓްމަންޓުތައް ވިއްކާ އަގަށް ވުރެ ވެސް މި ފްލެޓުތަކުގެ އަގު ބޮޑެވެ.

ވިނަރެސް ފްލެޓުތަކަށް ޝަރުތު ހަމަވީ 723 ފަރާތާ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށީ މީގެ މަސް ދުވަސް ކުރިންނެވެ. އެހެންކަމުން މިތަނުގައި އަދިވެސް ނުވިކި ގިނަ އެޕާޓްމަންޓުތަކެއް އެބަހުއްޓެވެ.