Advertisement

މާޒިޔާ ހޯދީ ފަހުރުވެރިވާން ޖެހޭ ވަރުގެ މޮޅެއް

20 ސެޕްޓެންބަރު 2023 - 09:16 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

މާޒިޔާ ޓީމުގެ ދާދު (ކ) އާއި ސެންޓޭ (ވ) ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މާޒިޔާ ހޯދީ ފަހުރުވެރިވާން ޖެހޭ ވަރުގެ މޮޅެއް

20 ސެޕްޓެންބަރު 2023 - 09:16 0

ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިއްޔެ ހަވީރު އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ބަޝުންދަރަ ކިންގްސް ބަލިކުރުމަކީ ރާއްޖޭގެ ހުރިހާ އެންމެން ވެސް ފަޚުރުވެރިވާން ޖެހޭ ނަތީޖާއެއް ކަމަށް މާޒިޔާގެ ކޯޗު ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

އޭއެފްސީ ކަޕްގައި މި އަހަރު މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި ވަނީ 3-1 އިން ބަޝުންދަރަ ކިންގްސް ބަލިކޮށްފަ އެވެ. މިއީ އޭއެފްސީ ކަޕްގައި މާޒިޔާ ބަޝުންދަރަ އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2021 ގައި މި ދެ ޓީމް މާލޭގައި ކުޅުނު މެޗު 2-0 އިން ބަޝުންދަރަ ކާމިޔާބުކުރިއިރު، 2022 ގައި އިންޑިއާގެ ކަލްކަތާގައި ކުޅުނު މެޗުން މާޒިޔާ ބަލިވީ 1-0 އިންނެވެ.

މި މެޗަށް ފަހު މާޒިޔާގެ ކޯޗު މިލޯ ބުނީ ފުރަތަމަ ފަހަރަށް މާޒިޔާ އިން ބަޝުންދަރަ ކިންގްސް ބަލިކުރެވުމަކީ ބޮޑު ކާމިޔާބެއް ކަމަށާއި، މިއީ ފާހަގަކުރަން ޖެހޭ ވަރުގެ ކާމިޔާބެއް ކަމަށެވެ. އޭނާ ވަނީ މި މޮޅު ހޯދުމަށް މާޒިޔާގެ ކުޅުންތެރިންނާއި ކޯޗުން އަދި މެނޭޖްމަންޓުން ކުރި ބުރަ މަސައްކަތް ފާހަގަކޮށްފަ އެވެ.

"ކުޅުންތެރިން ކުރި މަސައްކަތް މިއީ، ކޯޗުންނާ މެނޭޖްމަންޓުން އެކުގައި މިދިޔަ ދޮޅު މަހު އެކުގައި ކުރި މަސައްކަތުގެ ނަތީޖާ. މިއީ ވަރަށް ބޮޑަށް ފާހަގަކުރަންޖެހޭ ވަރުގެ ކާމިޔާބެއް" މިލޯ ބުންޏެވެ.

މާޒިޔާގެ ކޯޗު މިލޯ (ވ) ލީގު މެޗެއްގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކާ އެކު.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މިލޯ ބުނީ ބަންގްލަދޭޝް އަތުން ރާއްޖޭގެ ގައުމީ ޓީމު އެންމެ ފަހުން ބަލިވި މެޗަށް ފަހު ރާއްޖޭގެ ފުޓްބޯޅައިގެ ވާހަކަ ގިނަ ގޮތް ގޮތަށް ދެކެވުނު ކަމަށާއި، މިއީ އެ ގޮތުން ބަލާއިރު ވެސް ދިވެހި ފުޓްބޯޅަ އަށް ލިބުނު ބޮޑު މޮޅެއް ކަމަށެވެ.

މި މެޗުން މޮޅުވުމުގެ އިތުރުން އެންމެ ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ކޯޗު ފާހަގަކުރަނީ ބެންޗުން އެރި ކުޅުންތެރިންގެ ފަރާތުންވެސް ފެނުނު ކުޅުންކަމަށެވެ. އެ ގޮތުން ބެންޗުން އެރި ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިއަކު ގޯލު ޖެހިއިރު، އެއް ކުޅުންތެރިއަކު ގޯލެއް ޖެހުމަށް އެސިސްޓްކުރި އެވެ.

މިލޯ ބުނީ ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ވެސް އޭނާ އިތުބާރުކުރާ، މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އެހެންކަމުން، ޓީމުގެ ބެންޗުން އަރާ ކުޅުންތެރިންވެސް އެއް ރޫހެއްގައި ރަނގަޅު ކޮންފިޑެންސުގައި ކުޅުމަކީ ލިބޭ ހިތްވަރެއްކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ކުޅުންތެރިއަކުވެސް މުހިންމު. 11 ގައި ނުކުޅެވުނަސް ބެންޗުން އަރާ ކުޅުންތެރިންވެސް ތަފާތު އެބަދައްކާ. މިއީ އަހަރެން ބޭނުންވާ ގޮތަކީ. މިއީ މި ޓީމު އެއްކޮށް އެއް ބައެއްގެ ގޮތުގައި ފެންނަ އެއް ސަބަބު. ހުރިހާ އެންމެންގެ ގުޅުންވެސް ވަރަށް ރަނގަޅު" މިލޯ ބުންޏެވެ.

އޭނާ ބުނީ އަބަދުވެސް ހުރިހާ ކުޅުންތެރިން ގާތު ބުނާ ވާހަކައަކީ މެޗުން މޮޅުވެވެނޭ ކަމަށް ގަބޫލުކުރުން ކަމަށާއި، އެ ގޮތަށް ކުޅުންތެރިންގެ ވިސްނުން ބަދަލުކޮށްފިނަމަ މި އަށް ވުރެ ރަނގަޅު ނަތީޖާތައް ވެސް ނެރެވޭނެ ކަމަށެވެ.

ބަޝުންދަރާ އަތުން މާޒިޔާ އިން މޮޅުވިއިރު، މިއީ ދިވެހި ޓީމެއް އަތުން ބަޝުންދަރާ ބަލިވި ފުރަތަމަ ފަހަރެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ ދެން ކުޅެން ޖެހޭ މެޗަކީ އަންނަ މަހުގެ ދެ ވަނަ ދުވަހު ކަލްކަތާގައި މޯހަން ބަހާން ސުޕަ ޖަޔަންޓާ ދެކޮޅަށް ކުޅޭ މެޗެވެ. މޯހަން ބަގާން އިން ވަނީ ފުރަތަމަ މެޗުގައި ރޭ އޯޑިޝާ އެފްސީ އަތުން 4-0 އިން މޮޅުވެފަ އެވެ.