20 ސެޕްޓެންބަރު 2023 - 09:04 0
އިސްމާއީލް އަޒްމީން
20 ސެޕްޓެންބަރު 2023 - 09:04 0
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ނުކުމެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ހެދުނު ގޯސްތަކެއްގެ ސަބަބުން މެޗު އަތުން ދޫވެގެންދިޔައީ ކަމަށް ބަޝުންދަރަ ކިންގްސްގެ ކޯޗު ސްޕެއިންގެ އޮސްކާ ބުރުޒޮން ބުނެފި އެވެ.
މި އަހަރުގެ އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރަ ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ވަނީ 3-1 އިން ބަލިވެފަ އެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބަޝުންދަރަ ކިންގްސްގެ ކޯޗު އޮސްކާ ބުނީ ބޭނުންވި ގޮތަށް މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް އެޓޭކުގައި ބޭނުންވި ވަރުގެ ކުޅުމެއް ނުދެއްކުނު ކަމަށެވެ. އޭނާ ބުނީ ގިނަ ކަންކަން މެޗުގައި ދިޔައީ ރަނގަޅަށް ކަމަށާއި، ނަމަވެސް ޓީމުގެ ކުޅުންތެރިންނަށް ހެދުނު މަދު ގޯސްތަކެއްގެ ސަބަބުން މެޗު އަތުން ދޫވެގެންދިޔައީ ކަމަށެވެ.
އޮސްކާ ބުނީ ބަޝުންދަރަ ހުއްޓުވުމުގައި މާޒިޔާ އިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ވަކިން ހާއްސަކޮށް އެ ޓީމަށް އެޓޭކުގައި ރަނގަޅަށް ނުކުޅެވުނީ މާޒިޔާ އިން މެޗުގައި ރަނގަޅަށް ޑިފެންސް ކުރުމުން ކަމަށެވެ.
"އަހަރުމެން ބޭނުންވި ގޮތަކަށް ނޫން ނަތީޖާ މި ނުކުތީ، މެޗު ރަނގަޅަށް ކޮންޓްރޯލް ކުރެވުނު. އެކަމަކު އަހަރުމެންނަށް ފައިނަލް ތާޑު (އެޓޭކު)ގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު. ރަނގަޅު ޕާސްތަކެއް ނުކުރެވުނު. ދެން އަހަރުމެން ހެދި ގޯސްތަކުގެ ފައިދާ މާޒިޔާއިން ނެގީ. ބައިކޮޅަށް ވަތް ފުރަތަމަ ދެ ގޯލުގައިވެސް ފެނުނީ އަހަރުމެންގެ މިސްޓޭކް" އޮސްކާ ބުންޏެވެ.
ކޯޗު ބުނީ އޭނާގެ ޓީމު އެކުގައި މެޗަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށާއި، މުހިންމު ބިދޭސީ އެއް ކުޅުންތެރިޔަކުވެސް ޓީމާ ގުޅުތާ އަދި މާ ގިނަ ދުވަސްނުވާ ކަމަށެވެ. އަނެއްކޮޅުން އެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ގައުމީ ޓީމްގެ ކުޅުންތެރިންނަށްވެފައި، އެ ކުޅުންތެރިންވެސް ކުލަބާ ގުޅުނީ ފަހުންކަމަށެވެ.
އޮސްކާ ބުނީ ފުރަތަމަ މެޗުގައި ފެނުނީ ޓީމުން ޕްރެޝަރުގައި ކުޅުނުތަން ނޫން ކަމަށާއި، ހަމައެކަނި މައްސަލައަކަށްވީ އެކަށީގެންވާ ހަމަލާތައް ނުއުފެއްދި، ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ނުކުރެވުން ކަމަށެވެ.
މި މެޗުން ބަލިވި ނަމަވެސް ގްރޫޕް ސްޓޭޖުގައި ބާކީ ހުރި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމުގެ އިތުބާރު އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.
މިއީ ރާއްޖޭގެ ޓީމެއް އަތުން ބަންގްލަދޭޝްގެ ލީގު ޗެމްޕިއަންކަން، ވޭތުވެދިޔަ ހަތަރު އަހަރު ހޯދި ބަޝުންދަރާ ބަލިވި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ބަޝުންދަރާ އިން ކުޅުނު ފަސް މެޗުން ބަލިވީ އިއްޔެގެ މެޗުންނެވެ. މި މެޗުގެ ކުރިން މާޒިޔާއާ ދެކޮޅަށް ބަޝުންދަރާ ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެއީ، 2021 ވަނަ އަހަރު މާލޭގައި ކުޅުނު މެޗުން 2-0 އިންނާއި މިދިޔަ އަހަރު ކަލްކަތާގައި ކުޅުނު މެޗުން 1-0 އިންނެވެ.
Comment