Advertisement

ދިއްދޫ ފަރަށް އެރި ޓަގުބޯޓަކާއި ބާޖެއް 100 މިލިއަނުން ޖޫރިމަނާކޮށްފި

19 ސެޕްޓެންބަރު 2023 - 14:22 0

ނިމާ ހަސަން

ނިމާ ހަސަން

ދިއްދޫ ފަރަށް އަރާފައިވާ އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ޓަގު ބޯޓު


ދިއްދޫ ފަރަށް އެރި ޓަގުބޯޓަކާއި ބާޖެއް 100 މިލިއަނުން ޖޫރިމަނާކޮށްފި

19 ސެޕްޓެންބަރު 2023 - 14:22 0

މި އަހަރު މޭ މަހު ހއ. ދިއްދޫ ފަރަށް އެރި "ޓީބީ މުތާ ޕްރިންސެސް" ޓަގު ބޯޓާއި, "މުތާ ޕްރައިޑް" ބާޖުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބިފައިވާތީ އެ ދެ އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނުގައި ބުނީ, ދިއްދޫ ފަރަށް އެރި ދެ އުޅަނދުގެ ވެރިފަރާތް ކަމަށްވާ އެޗްއާރްއެސް އިންފްރާޓެކް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މި ދެ އުޅަނދަކީ ވެސް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެމްއެމް އެކްސްޕޯޓުގެ އުޅަނދުތަކެވެ. އެޗްއާރްއެސް އިންފްރާޓެކް އަކީ އެމްއެމް އެކްސްޕޯޓުގެ ދަށުން ހިންގާ ކުންފުންޏެކެވެ.

ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން މިއަދު ކޮށްފައިވާ 100 މިލިއަން ރުފިޔާގެ ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން ވަނީ މިއަދު އަންގާފަ އެވެ.

އީޕީއޭއިން ބުނީ މޭ ދެވަނަ ދުވަހު ދިއްދޫ ފަރަށް އެރި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީން މޭ 12ގައި އެ ސަރަހައްދަށް ގޮސް އުޅަނދުތަކުގެ ވެރިފަރާތުގެ ސާވެޔަރަކާއެކު ސާވޭކޮށްފައިވާ ކަމަށެވެ.

އެ ސާވޭއިން ވަނީ, ދިއްދޫ ފަރުގެ 4038 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފަ އެވެ. އީޕީއޭއިން ބުނީ އެ ގެއްލުންތައް ވަޒަންކޮށް ބެލިބެލުމުން, ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 101 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަމަށެވެ. ނަމަވެސް ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށްވާތީ, އުޅަނދުތަކުގެ ވެރިފަރާތް ޖޫރިމަނާ ކުރީ އެ އަދަދުންނެވެ.

އީޕީއޭއިން އިތުރަށް ބުނީ, މި މައްސަލައިގެ އިސްތިއުނާފު މަރުހަލާއިން ނިންމާ ގޮތެއްގެ މަތިން, ބާޖު ފަރަށް އަރައިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާއެކު ފެށުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.