Advertisement

ބާސެލޯނާ ދޫކޮށްލި ސަބަބު އޮލްމޯ އޮޅުންފިލުވައިދީފި

19 ސެޕްޓެންބަރު 2023 - 12:52 0


ބާސެލޯނާ ދޫކޮށްލި ސަބަބު އޮލްމޯ އޮޅުންފިލުވައިދީފި

19 ސެޕްޓެންބަރު 2023 - 12:52 0

ލައިޕްޒިގު (ސެޕްޓެމްބަރު 19) - ހަތް އަހަރު ބާސެލޯނާގައި ހޭދަކުރުމަށް ފަހު އެ ޓީމު ދޫކޮށްލަން ޖެހުނު ސަބަބު، ޑެނީ އޮލްމޯ މީޑިއާގައި ހިއްސާކޮށްފި އެވެ.

މިހާރު ޖަރުމަނުގެ އާރްބީ ލައިޕްޒިގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮލްމޯ އަކީ ސްޕެއިން ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ. ބާސެލޯނާގައި 2007-2014 އަށް ހޭދަކުރި އޮލްމޯ އަކީ އެ ކްލަބްގެ ޔޫތު ޓީމުތަކުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އެކަމަކު، ބާސެލޯނާ ދޫކޮށް އޮލްމޯ ވަނީ ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބަށް ބަދަލުވެފަ އެވެ.

"އަހަރެން ބާސެލޯނާގައި ހުރީ އުފަލުން. ބާސެލޯނާގައި އަހަރެން ހޭދަކުރި ހަ ވަރަކަށް އަހަރު ތެރޭގައި އަހަރެން ހަތަރު އަހަރު އަހަންނަކީ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ، އަހަރެން ކުޅުނީ ވެސް ފޯވާޑަކަށް، އަހަރެން އޭރު އައި ސްޕެއިންގެ 16 އަހަރާއި 17 އަހަރުން ދަށުގެ ޓީމަށް ކުޅެމުން،" ބާސެލޯނާގައި ހޭދަކުރި އަހަރުތައް ހަނދާން ކުރަމުން އޮލްމޯ ބުންޏެވެ.

"ބާސެލޯނާ ދޫކޮށްލަން ޖެހުނީ، ޒުވާން ކުޅުންތެރިންނަށް ބޭނުންވާ ސްޕޯޓިން ޕްރޮޖެކްޓެއް އެ ޓީމުން އަހަންނަށް ނުފެނުމުން. އޭގެ ބަދަލުގައި ޑިނަމޯ ޒަގްރެބް އިން އަހަންނަށް އެ ފުރުސަތު ފެނިގެންދިޔަ،"

ޑިނަމޯ ޒަގްރެބްގެ ޔޫތު ޓީމަށް 2015 ވަނަ އަހަރު ކުޅެން ފަށައި، ސީނިއާ ޓީމަށް ވެސް ގިނަ މެޗުތަކެއް ކުޅުނު އޮލްމޯ އެ ކްލަބްގައި ޖުމްލަ އެކު، ފަސް އަހަރު ހޭދަކުރި އެވެ. އޮލްމޯ މިހާރު ކުޅެމުން އަންނަ ލައިޕްޒިގަށް ބަދަލުވީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

އޮލްމޯ ހޯދަން މިދިޔަ ދެ ސީޒަނުގައި ވެސް ބާސެލޯނާ އިން މަސައްކަތްކުރި އެވެ. އެކަމަކު، މި ވަގުތަށް ބަލާއިރު އޭނާގެ ފޯކަސް ހުރީ ލައިޕްޒިގާ އެކު ކާމިޔާބު ސީޒަނެއް ހޭދަކުރުމަށެވެ. އޮލްމޯ ބުނީ އަބަދުވެސް ކެރިއަރާ ގުޅޭ އެ ފަދަ ނިންމުންތަކާ މެދު ފޯކަސް ކުރަނީ ސީޒަން ނިމުމުން ކަމަށެވެ.