Advertisement

ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަކުރަން އިތުރު 900 މިލިއަން ރުފިޔާ ހޭދަވާނެ، ހަރަދު 2 ބިލިއަނަށް!

19 ސެޕްޓެންބަރު 2023 - 13:16 0

އަމަން ހަލީމް

އަމަން ހަލީމް

ސިފައިންގެ މީހަކާއި ފުލުހަކި މަގުމަތީގައި ފޯރިމަރަނީ: ސިފައިންނާއި ފުލުހުންނަކީ މިހާރު ވެސް މުސާރަ ހަރަދު އެންމެ ބޮޑު ދެ މުއައްސަސާ -- ފޮޓޯ/އަދަދު ފައިލް


ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަކުރަން އިތުރު 900 މިލިއަން ރުފިޔާ ހޭދަވާނެ، ހަރަދު 2 ބިލިއަނަށް!

19 ސެޕްޓެންބަރު 2023 - 13:16 0

ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދަން 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަން ހާމަވެއްޖެ އެވެ.

ސިފައިންނާއި ފުލުހުންނަކީ ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން މިހާރު ވެސް މުސާރަ ހަރަދު އެންމެ ބޮޑު ދެ މުއައްސަސާ އެވެ.

އެގޮތުން މި އަހަރުގެ ބަޖެޓުގައިވާ ގޮތުގައި މިދިޔަ އަހަރު ފުލުހުންނަށް މުސާރަ ދިނުމަށް 440 މިލިއަން ރުފިޔާ ހަރަދުވީ އިރު، މި އަހަރު 510 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ. އަދި ސިފައިންގެ މުސާރަތަކަށް މިދިޔަ އަހަރު 357 މިލިއަން ރުފިޔާ ހަރަދުވީ އިރު، މި އަހަރު 370 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.

އެހެންކަމުން މި އަހަރުގެ ތެރޭގައި ފުލުހުންނާއި ސިފައިންނަށް މުސާރަ ދިނުމަށް އެކަނި ވެސް 881 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ.

މީގެ ތެރެއަށް ޕެންޝަނަށް ހިނގާ ހަރަދު އެއްކުރުމުން 940 މިލިއަން ރުފިޔާ އަރަ އެވެ. އަދި އެކިއެކި އިނާޔަތްތައް ދިނުމަށް ހަރަދުވާ 1.2 ބިލިއަން ރުފިޔާއާ އެކި ފުލުހުންނާއި ސިފައިންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް މިހާރު ވެސް ދައުލަތުގެ ބަޖެޓުން 2.2 ބިލިއަން ރުފިޔާ ހަރަދު ވެ އެވެ.

މިއީ މުޅި ދައުލަތުގެ ހަރަދުގެ 5.5 އިންސައްތަ އެވެ. އަދި މި އަހަރުގެ ތެރޭގައި ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަނާއި މުސްކުޅި ކުރާ މުވައްޒަފުންނަށް ދޭ ފައިސާއަށް ބަޖެޓުކޮށްފައިވާ 12.8 ބިލިއަން ރުފިޔާގެ 17.6 އިންސައްތަ އެވެ.

ސިފައިންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމުގެ ހަރަދު

2022

  • މުސާރަ އާއި އުޖޫރު - 357.7 މިލިއަން ރުފިޔާ
  • އެލަވަންސްތައް - 563 މިލިއަން ރުފިޔާ
  • ޕެންޝަނާއި މުސްކުޅި ކުރުމުގެ ފައިސާ - 24.5 މިލިއަން ރުފިޔާ
  • ޖުމުލަ: 944.9 މިލިއަން ރުފިޔާ

2023

  • މުސާރަ އާއި އުޖޫރު - 370.2 މިލިއަން ރުފިޔާ
  • އެލަވަންސްތައް - 605.8 މިލިއަން ރުފިޔާ
  • ޕެންޝަނާއި މުސްކުޅި ކުރުމުގެ ފައިސާ - 25.4 މިލިއަން ރުފިޔާ
  • ޖުމުލަ: 1 ބިލިއަން ރުފިޔާ

ފުލުހުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމުގެ ހަރަދު

2022

  • މުސާރަ އާއި އުޖޫރަ - 510.9 މިލިއަން ރުފިޔާ
  • އެލަވަންސްތައް - 731.7 މިލިއަން ރުފިޔާ
  • ޕެންޝަނާއި މުސްކުޅި ކުރުމުގެ ފައިސާ - 33.4 މިލިއަން ރުފިޔާ
  • ޖުމުލަ: 1.1 ބިލިއަން ރުފިޔާ

2023

  • މުސާރަ އާއި އުޖޫރަ - 510.9 މިލިއަން ރުފިޔާ
  • އެލަވަންސްތައް - 731.7 މިލިއަން ރުފިޔާ
  • ޕެންޝަނާއި މުސްކުޅި ކުރުމުގެ ފައިސާ - 33.4 މިލިއަން ރުފިޔާ
  • ޖުމުލަ: 1.2 ބިލިއަން ރުފިޔާ

ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑުކުރަން ނިންމެވި ސަބަބު ހާމަކުރަމުން މިދިޔަ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި މުއިއްޒު ވިދާޅުވީ ގައުމަކަށް އެންމެ މުހިންމީ މިނިވަންކަމާއި ހަމަޖެހުން ކަމަށާއި އެކަން ކުރަނީ ދިވެހި ފުލުހުންނާއި ސިފައިން ކަމަށެވެ.

ފުލުހުންގެ މުސާރަތައް ބޮޑުކުރަން މުއިއްޒު ވިސްނަވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން، ވެރިކަމުގެ ފުރަތަމަ އަހަރު 35 އިންސައްތަ، ދެވަނަ އަހަރު 25 އިންސައްތަ އަދި ދައުރުގެ ފަހު އަހަރު ބާކީ 40 ޕަސެންޓު މުސާރަތައް ބޮޑުކުރާ ގޮތަށެވެ.

މުސާރަތައް ބޮޑުކުރުމުގެ އިތުރުން ސިފައިންނާއި ފުލުހުންނަށް ދޫކޮށްފައިވާ ފްލެޓުތަކަށް ފައިސާ ދެއްކުމުގައި ލުއި ގޮތެއް ހޯދައި ދިނުމުގެ ގޮތުން އަހަރެއްގެ ކުލި ފަސްކޮށްދޭނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މި ދެ މުއައްސަސާގެ މުސާރަތައް ދެ ގުނަ ބޮޑުކޮށްދޭން މުއިއްޒު ވައުދުވެފައިޑައިގެންފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަތައް ބޮޑުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ ދައުލަތުގެ މުސާރަތައް އެއް ހަމަކުރުމަށް މި ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަން އޮނިގަނޑުގެ ތެރެއިންނެވެ.