19 ސެޕްޓެންބަރު 2023 - 10:20 0
19 ސެޕްޓެންބަރު 2023 - 10:20 0
ލަންޑަން (ސެޕްޓެމްބަރު 18) - އެންމެ ފަހަރަކު ޗެމްޕިއަންސް ލީގު ހޯދުމަކީ "މާ ހާއްސަ" ކާމިޔާބެއް ނޫން ކަމަށް މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ އިތުރުން، ސިޓީން ވަނީ މިދިޔަ ސީޒަންގައި އެފްއޭ ކަޕާއި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފައެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ސިޓީ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ރެޑް ސްޓާ ބެލްގްރޭޑާ ދެކޮޅަށް ނުކުންނާނެއެވެ.
މި މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގު ހޯދުމަކީ ސިޓީ އަށް ލިބުނު ކާމިޔާބެއް ކަމަށެވެ. އެކަމަކު ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ކާމިޔާބީތަކަށް ބަލާއިރު، އެއް ފަހަރު ޗެމްޕިއަންސް ލީގު ހޯދުމަކީ މާ ހާއްސަ ކަމެއް ނޫން ކަމަށެވެ.
"ފުރަތަމަ ތަށި ހޯދަން އުނދަގޫވާނީ. އެހެންވީމަ ކުރިއަށް އޮތް މުބާރާތްތައް ސިޓީ އަށް ފަސޭހަވާނެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަކީ ސިޓީ އަށް ކާމިޔާބެއް. އެކަމަކު، މިއަށްވުރެ ގިނައިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކިތައް ކްލަބު އެބައޮތް. އެހެންވީމަ މިއީ މާ ހާއްސަ ކާމިޔާބެއް ނޫން،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ސިޓީން ޗެމްޕިއަންސް ލީގުގެ ކާމިޔާބުކުރުމަކީ އޭނާ ފަހުރުވެރިވާ ކަމެއް ކަމަށެވެ.
ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ ބުނީ މިދިޔަ އަހަރުގެ ކާމިޔާބު ހިތަށް ލައިގެން ސިޓީން ކުރިއަށް ނުދާނެ ކަމަށެވެ. އަދި ސިޓީން ނުކުންނާނީ ތަށި ދިފާއުކުރުމުގެ އަޒުމުގައި ކަމަށެވެ.
Comment