Advertisement

ލިވަޕޫލް އެއް ވަނައިގައި، ސިޓީ އާއި އާސެނަލުން ވިއްދާފައި

6 އޮކްޓޯބަރު 2024 - 07:46 0


ލިވަޕޫލް އެއް ވަނައިގައި، ސިޓީ އާއި އާސެނަލުން ވިއްދާފައި

6 އޮކްޓޯބަރު 2024 - 07:46 0

ލަންޑަން (އޮކްޓޫބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކްރިސްޓަލް ޕެލަސް 1-0 އިން ބަލިކޮށް އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.

ދެ ވަަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް އާސެނަލުން ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި އާސެނަލުން 3-1 އިން ސައުތެމްޓަން ބަލިކުރިއިރު، ސިޓީން ފަަހަތުން އަރައި ފުލަމް ބަލިކުރީ 3-2 އިންނެވެ.

ލިވަޕޫލް އެއް ވަނައިގައި އޮތީ ހަތް މެޗުން 18 ޕޮއިންޓާ އެކު އެވެ. ސިޓީ އާއި އާސެނަލަށް ވެސް ހަތް މެޗުން ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ޗެލްސީ އާއި ފަސް ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.

ކްރިސްޓަލް ޕެލަސް ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑު ޖެހީ ނުވަ ވަަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ އެވެ. މިއީ ކޯޑީ ގަކްޕޯ ނެގި ހުރަހަކުން ޖޮޓާ ޖެހި ލަނޑެކެވެ. ލީޑުފުޅާކުރަން ޖޮޓާ އަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުންނުހިފުނެވެ.

މި މެޗުގައި ޕެލަސް އިން ޖެހި ގިނަ ހަމަލާތަކެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ ފަހުކޮޅުގައި އެލިސަންގެ ފަލަމަސްގަނޑަށް އަނިޔާވެގެން ބަދަލުުކުރަން ޖެހުނެވެ.

ކެމަރަން އާޗާ ރޭގެ މެޗުގައި ސައުތެމްޓަން އަށް ލީޑުނަގައިދީފައިވަނިކޮށް، އާސެނަލް ފަހަތުން އަރައި މޮޅުވީ، ތިން ލަނޑު ޖަހައިގެންނެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ކައި ހަވާޓްޒް އާއި ގަބްރިއެލް މާޓިނެލީ އަދި ބުކާޔޯ ސަކާ އެވެ.

މި ނަތީޖާއާ އެކު، އާސެނަލުން މި ވަނީ އަލަށް ޕްރޮމޯޓްވާ ޓީމުތައް އަތުން ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ، 41 މެޗު ފުރިހަމަކޮށްފަ އެވެ. މި ސީޒަނުގައި މެޗަކުން ބަލިނުވާ ދެ ޓީމަކީ އާސެނަލާއި ސިޓީ އެވެ.

ސިޓީ ދަނޑުގައި ރޭ ފުލަމް އިން ލީޑުނެގީ އަންޑްރެއަސް ޕެރެއިރާ ޖެހި ގޯލުންނެވެ. ސިޓީން ފަހަތުން އަރައި މޮޅުވިއިރު، މަޓެއޯ ކޮވަސިޗް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު ޖެހީ ޖެރެމީ ޑޮކޫ އެވެ.