Advertisement

ފަޒްނާގެ ކެމްޕެއިން ހަރަކާތަށް ހުރަސް އެޅި މައްސަލަ އެޗްއާރްސީއެމުން ކުށްވެރިކޮށްފި

18 ސެޕްޓެންބަރު 2023 - 14:54 0

ރައީސްގެ އަނބިކަނބަލުން ފަޒްނާ: އެޗްއާރްސީއެމުން ބުނީ ކެންޑިޑޭޓުންގެ ހައްގުތަކަށް އާންމުން އިހުތިރާމް ކުރަންޖެހޭ ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ފަޒްނާގެ ކެމްޕެއިން ހަރަކާތަށް ހުރަސް އެޅި މައްސަލަ އެޗްއާރްސީއެމުން ކުށްވެރިކޮށްފި

18 ސެޕްޓެންބަރު 2023 - 14:54 0

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަތުމުން އެކަމަނާއަށް ހުރަސް އަޅަން ބަޔަކު ކުރި މަސައްކަތް، އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން މިއަދު ކުށްވެރިކޮށްފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުގައި ތާއީދު ހޯދަން މަސައްކަތް ކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބޭ ހައްގެއް ކަމަށާއި އިއްޔެ ފަޒްނާގެ ކެމްޕެއިނަށް ރަސް އެޅުން "ހަރުކަށި އިބާރާތުން" ކުށްވެރި ކުރާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު އިއްޔެގެ ވަގުތެއްގައި ކެމްޕެއިން ހަރަކާތެއްގައި ހުޅުމާލެ ފޭސް ދޭއް ސަރަޙައްދުގެ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސް އެޅި އެޅުން މި ކޮމިޝަނުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އެޗްއާރްސީއެމުން ބުނެފައިވެ އެވެ. "އިންތިހާބުގައި ތާއީދުު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިގެންވާ ގާނޫނީ ހައްގެއް."

ފަޒްނާ ހިޔާ ސަރަހައްދަށް އިއްޔެ ވަޑައިގަތުމުން އެތަނުގައި ބަޔަކު ވަނީ އެކަމަނާއާ ދިމާލަށް ވަރަށް ހުތުރުކޮށް މުހާތަބުކޮށްފަ އެވެ. ނަމަވެސް އެކަމަނާ ވިދާޅުވީ، އެފަދަ ކަންކަމުން ލިބެނީ ހިތްވަރު ކަމަށާއި ކެމްޕެއިނަށް ވެސް ކުރީ ފައިދާ ކަމަށެވެ.

އެ މައްސަލައިގައި އެޗްއާރްސީއެމުން އިތުރަށް ބުނީ، ކެންޑިޑޭޓުންނާ ބައްދަލުކޮށް ހިޔާލު ފާޅު ކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބޭ ހައްގެއް ނަމަވެސް އެކަން ކުރުމުގައި އަނެކާގެ އަބުރަށް ރައްކާތެރިވާންޖެހޭ ކަމަށެވެ. އަދި އެފަދަ އަމަލުތަކަށް އެއްވެސް ޕާޓީއަކުން ހިތްވަރުނުދިނުމަށް ވެސް ކޮމިޝަނުން ގޮވާލި އެވެ.

"ކެންޑިޑޭޓުންނާ ބައްދަލުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް. ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާ، ނަފްސަށް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ގޮވާލަން،" އެ ބަޔާނުގައިވެ އެވެ. "ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ފަރާތްތަކުން މިފަދަ އަމަލުތަކަށް ހިތްވަރުނުދެއްވުމަށް ކޮމިޝަނުން އިލްތިމާސްކުރަން."

އޭގެ އިތުރުން އެ ކޮމިޝަނުން ބުނީ، ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އިހުތިރާމް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ވާޖިބެއް ކަމަށެވެ.

"ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށާއި ކެމްޕެއިން ހަރަކާތްތަކަށް އިހުތިރާމްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއަކަށްވީ ހިނދު، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެކަކު އަނެކާގެ ހައްގުތަކަށް އިހުތިރާމްކޮށް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން މަސައްކަތް ކުރުމަށް ގޮވާލަން،" އެ ކޮމިޝަނުން ބުންޏެވެ. \