Advertisement

ބޮޑު ތަފާތަކުން މިލާން ބަލިކޮށް އިންޓަ ރެކޯޑް ދަމަހައްޓައިފި

17 ސެޕްޓެންބަރު 2023 - 10:29 0


ބޮޑު ތަފާތަކުން މިލާން ބަލިކޮށް އިންޓަ ރެކޯޑް ދަމަހައްޓައިފި

17 ސެޕްޓެންބަރު 2023 - 10:29 0

މިލާން (ސެޕްޓެމްބަރު 17) - އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން އަތުން 5-1 އިން މޮޅުވެ، އިންޓަ މިލާނުން ލީގުގައި އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައި، ލީގު ތާވަލުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.

ރޭގެ މޮޅާ އެކު އިންޓަ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ރޭ ލާޒިއޯ އަތުން 3-1 އިން މޮޅުވެ، 10 ޕޮއިންޓް ހަމަކުރި ޔުވެންޓަސް އެވެ. ތިން ވަނައިގައި އޮތް މިލާނަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ.

ހަތަރެއްގައި އޮތް ލެޗޭ އާއި ފަސް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ އަށް ވަނީ ހަތް ޕޮއިންްޓް ލިބިފަ އެވެ. ނަޕޯލީ ރޭ ކުޅުނު މެޗުން ވަނީ ޖެނޯއާއާ 2-2 އިން އެއްވަރުވެފަ އެވެ.

އިންޓަ އަށް ރޭގެ މެޗުގެ ފަސް ވަނަ މިނިޓްގައި ހެންރިކް މިކިތާރްޔަން ވަނީ ގޯލެއް ޖަހައި ލީޑުނަގައިދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާކަސް ތުރާމް ގޯލެއް ޖަހައި އިންޓަގެ ލީޑުފުޅާކޮށްދިނެވެ. މިލާނުން ދެ ވަނަ ހާފަށް ނުކުމެ ކުޅުން ރަނގަޅުކޮށް، ރަފައެލް ލެއާއޯ ޖެހި ގޯލުން އުންމީދެއް ހޯދި އެވެ.

އެހެން ނަމަވެސް މިލާނަށް އިތުރަށް ކުޅުން ރަނގަޅު ނުކުރެވުމުގެ ފައިދާނަގައި، އިންޓަ އިން އިތުރު ގޯލުތަކެއް ޖެހި އެވެ. އެ ޓީމަށް ފަހު ތިން ގޯލު ޖަހައިދިނީ މިކިތާރްޔަން އާއި ޕެނަލްޓީ އަކުން ހަކަން ޗަނޮނޮގްލޫގެ އިތުރުން ޑޭވިޑް ފްރަޓޭސީ އެވެ.

މިއީ އިންޓަ އިން އެ ޓީމުގެ ތާރީހުގައި ވެސް ޖެހިޖެހިގެން ފަސް މިލާން ޑާބީ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

ޔުވެންޓަސް އަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ޑޫސާން ވްލަހޯވިޗް ދެ ގޯލާއި ފެޑެރީކޯ ކިއޭސާ އެވެ. ލާޒިއޯގެ ހަމައެކަނި ލަނޑު ޖެހީ ލުއިޒް އަލްބާޓޯ އެވެ.