Advertisement

ހުލާސާކޮށް އިއްޔެ: އުތުރުތިލަފަޅުގައި 'އަސްކަރީ ބޮޑު މަޝްރޫއުއެއް' ހިންގަން ޔާމީނު އެއްބަސްވި، ސްކޯޕް ކުޑަކުރީ މި ސަރުކާރުން

17 ސެޕްޓެންބަރު 2023 - 07:13 1

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އަޝްކަރީ އެކްޝަން ޕްލޭން ހިމެނޭ ގޮތަށް ގިނަ އެއްބަސްވުންތަކެއް ހެދި. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: އުތުރުތިލަފަޅުގައި 'އަސްކަރީ ބޮޑު މަޝްރޫއުއެއް' ހިންގަން ޔާމީނު އެއްބަސްވި، ސްކޯޕް ކުޑަކުރީ މި ސަރުކާރުން

17 ސެޕްޓެންބަރު 2023 - 07:13 1

މާލެ އަތޮޅު އުތުރު ތިލަފަޅުގައި އިންޑިއާއާ ގުޅިގެން 'އަސްކަރީ ބޮޑު މަޝްރޫއެއް' ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އެއްބަސްވި ކަމަށާއި އެ މަޝްރޫއުގެ ސްކޯޕް ކުޑަކޮށް އެ ފަޅުގައި ކޯސްޓުގާޑު އުޅަނދުތަކުގެ ބޭނުމަށް ބަނދަރަކާއި ޑޮކްޔާޑެއް އަޅަން ނިންމީ މި ސަރުކާރުން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުންދާ 'އެކަތަ' ބަނދަރަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށް ދޭހަވާ ގޮތަށް މިހާރު އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ފަޅުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދަމުންދާ އެކަތަ ބަނދަރަކީ ކޯސްޓުގާޑުގެ ބޭނުމަށް ތަރައްގީކުރާ ބަނދަރެއް ކަމަށެވެ.

އުތުރު ތިލަފަޅު ތަރައްގީކުރުން އެންމެ ފުރަތަމަ އިންޑިއާއާއެކު މަޝްވަރާ ފެށީ ޔާމީނުގެ ސަރުކާރުގައި 2013 ގައި ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އޭރު ޑިފެންސް މިނިސްޓަރަކީ މިހާރު އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމެވެ.

"އެ [އޭރުގެ ދިފާއި ވަޒީރު އިންޑިއާއަށް ކުރެވި] ދަތުރުފުޅުގައި އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގުމަށްޓަކައި އެ ސަރުކާރުގެ ތަސައްވަރާއި، ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ވަނީ ހުށަހަޅާފައި،" އެ ބަޔާނުގައިވެ އެވެ.

ޑިފެންސް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ޔާމީނުގެ ސަރުކާރުން 2016 ގައި އިންޑިއާއާކު ސޮއިކުރި 'އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެންޑް އިންޑިއާ" އެއްބަސްވުމުގައިވެސް އެ ފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގަން އެއްބަސްވެފައިވާ ކަމަށެވެ.

"ކުރީގެ ސަރުކާރުން 2013 ގައި ހުށަހަޅާފައިވާ ބޮޑު އަސްކަރީ މަޝްރޫއުގެ ސްކޯޕް ހަނިކޮށް، މި ސަރުކާރުން 2019 ގައި ވާނީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑު އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އެ އުޅަނދުފަހަރު މަރާމާތުކުރާނެ ޑޮކްޔާޑެއް ތަރައްގީކުރުމަށް ހަމަޖައްސާފައި" އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އޭގެއިތުރުން، ރާއްޖޭގައި އަސްކަރީ ބޭނުމުގައި އެއްވެސް ގައުމެއްގެ ސިފައިން ނެތްކަން ޑިފެންސް މިނިސްޓްރީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އެމްއެންޑީއެފްގެ ޖެނެރަލުންވެސް މިދިޔަ ހަފުތާގައި ވަނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެ ޔަގީންކަން ދެއްވާފަ އެވެ.

"ހާއްސަކޮށް ބޭރު ގައުމެއްގެ އަސްކަރީ ބޭސްއެއް، ނުވަތަ ފެސިލިޓީއެއް، ނުވަތަ ބޭރު ގައުމެއްގެ ބަޔަކު [ދިވެހި] ސިފައިންގެ ކޮންޓްރޯލެއް ނެތި ހިންގާ ފެސިލިޓީއެއް ރާއްޖޭގައި ނެތްކަން އަޅުގަނޑު ފާހަގަކުރަން" ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކުރިން ވިދާޅުވި އެވެ.

ޝަމާލް ގެ އިންޓަވިއުގައި އިތުރަށް ފާހަގަކުރެއްވީ، އިދިކޮޅުން އެންމެ ބޮޑަށް ފާޑުކިޔާ އުތުރު ތިލަފަޅުވެސް އޮތީ ދިވެހި ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި އެތަނުގައި އެކި މަސައްކަތްތައް ކުރަނީ 'ކޮމާޝަލް' ފަރާތްތަކުން ކަމަށެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ސޯސަން ޖަގަހައިގަ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު