Advertisement

ނިޒާމުގެ މަޝްވަރާއަށް ޔާމީނުގެ އަރިހަށް ނަޝީދު ވަޑައިގަންނަވަނީ

16 ސެޕްޓެންބަރު 2023 - 14:33 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ނިޒާމުގެ މަޝްވަރާއަށް ޔާމީނުގެ އަރިހަށް ނަޝީދު ވަޑައިގަންނަވަނީ

16 ސެޕްޓެންބަރު 2023 - 14:33 1

މާފުށީ ޖަލުގައި ހުންނެވި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު، ވެރިކަމުގެ ނިޒާމާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް މާދަމާ މާފުއްޓަށް ވަޑައިގަންނަވަން މަސައްކަތްކުރައްވާ ކަމަށް ޑިމޮކްރެޓްސްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ދޮން މަނިކު ސްކައި ވިއު" ގައި ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ކޮންމެ ރިޔާސީ އިންތިހާބެއްގެ ފުރަތަމަ ބުރުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ފުރިހަމަ މެޖޯރިޓީ ނުލިބުމުން ދެން މަސައްކަތް ކުރަނީ ގާނޫނު އަސާސީ ނުދަންނަ ސިޔާސީ މުއާމަލާތަކަށް ކަމަށެވެ.

އެމަނިކުފާނު އިޝާރާތް ކުރެއްވި ކަމަކީ ފުރަތަމަ ބުރުގައި ނާކާމިޔާބުވި އެހެން ޕާޓީތަކާއި ކެންޑިޑޭޓުންނާ އެކު ކޯލިޝަން ހެދުމަށް ދެވަނަ ބުރަށް ދަތުރުކުރާ ދެ ކެންޑިޑޭޓުން ވެސް މަސައްކަތް ކުރާ ކުރުމަށެވެ. ނަޝީދާއި ޑިމޮކްރެޓްސްގެ ސަޕޯޓަރުން ދެކޭ ގޮތުގައި ކޯލިޝަނަކީ ބަރުލަމާނީ ނިޒާމުގެ ސިފައެކެވެ.

ދެވަނަ ބުރަށް ދަތުރުކޮށްފައިވާ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި ކަމަކީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށެވެ.

މި މަޝްވަރާގައި، ސީދާ ޔާމީނާ ބައްދަލު ކުރެއްވުން މުހިންމު ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވެ މާފުށީ ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް ކަރެކްޝަންސްގައި އެދުމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާގެ އަރިހު އަންގަވާފައިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރައީސް ޔާމީނު އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން 25 ސެޕްޓެމްބަރު ދުވަހުގެ ކުރީގައި އެ ވޯޓު ނެންގެވުމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކާއި، އަޅުގަނޑުމެންނަށް އެ ކަމުގައި އެހީތެރިވެވޭނެ ގޮތެއް އޮތްނަމަ އެ ވާހަކައަކާ،" ނަޝީދު ވިދާޅުވި އެވެ.

އެންމެ ފުރަތަމަ 2007 ގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔައިރު ނަޝީދު އަދި އޭރު އެމަނިކުފާނު ލީޑުކުރެއްވި އެމްޑީޕީން ވެސް ތާއީދުކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އޭރު ޔާމީނު ވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރެއްވި އެވެ.

ރައީސް ސޯލިހާއި ނަޝީދާ އުފެދުނު އެއް ހިޔާލު ތަފާތުވުމަކީ ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ. ރައީސް ސޯލިހާއި އެމްޑީޕީގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުން މިހާރު ބޭނުންވަނީ ރިޔާސީ ނިޒާމު މި ގޮތުގައި ބޭއްވުމަށެވެ.

ޔާމީނު ވެސް އެންމެ ފަހުން ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމުގެ ނަޒަރިއްޔާތަަށް ތާއީދު ކުރެއްވި ނަމަވެސް، ރާއްޖޭގެ ހާލަތަށް ވިސްނަވާއިރު އެމަނިކުފާނަށް ބުރަވެވެން އޮތީ ރިޔާސީ ނިޒާމު ބޭއްވުމަށް ކަމަށެވެ.

ޔާމީން މި ވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އެމަނިކުފާނު ރިޝްވަތު ނަންގަވައި މަނީ ލޯންޑަ ކުރެއްވި ކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހު އެވެ.

އެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތް އިރު ޔާމީނަކީ އެންމެ ފުރަތަަމަ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމާ ހަމައަށް ވެސް އެ ހުކުމް ދެމިއޮތުމުން އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.