Advertisement

އިންޑިއާއިން ރާއްޖެއަށް ގެއްލުމެއް ނުދޭނެކަން އެންމެ ރަނގަޅަށް އެނގޭނީ މުއިއްޒަށް: ރޮޒައިނާ

15 ސެޕްޓެންބަރު 2023 - 14:39 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


އިންޑިއާއިން ރާއްޖެއަށް ގެއްލުމެއް ނުދޭނެކަން އެންމެ ރަނގަޅަށް އެނގޭނީ މުއިއްޒަށް: ރޮޒައިނާ

15 ސެޕްޓެންބަރު 2023 - 14:39 0

ރާއްޖޭގެ މިނިވަންކަމަށް ބުރުލެއް އަރައިފާނެ އެއްވެސް ކަމެއް އަވަށްޓެރި އިންޑިއާއިން ނުކުރާނެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޕީޕީއެމް/ޕީއެެންސީގެ އިސް ބޭފުޅުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ލިއުއްވި ލިއުއްވުމެއްގައި ރޮޒައިނާ ތުހުމަތުކުރެއްވި ގޮތުގައި "އިންޑިއާ އައުޓް"ގެ ނަމުގައި ޕީޕީއެެމް/ޕީއެންސީން ހިންގި ކެމްޕެއިނަކީ މިސަރުކާރާ ދެކޮޅަަށް ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދަން ކުރި ކަމެކެވެ. އޭގެ ނަތީޖާއަކީ ރޮޒައިނާ ވިދާޅުވި ގޮތުގައި އިންޑިއާ ރައްޔިތުންނާ ދިވެހިންނާ ދޭތެރޭ އޮތް ޒަމާންވީ ރަހުމަތްތެރިކަން ނަފުރަތަށް ބަދަލުވެ، އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދުމެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން ބޭއްވި ޖަލްސާއެއްގައި ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


"މުއިއްޒު ވެރިކަމަށް އަޔަސް އޮންނާނީ އިންޑިއާ ފަސްޓް ޕޮލިސީ. އެއްވެސް މީހަކު ބޭރެއް ވެސް ނުކުރާނެ. މިތާ ހިންގާ އޮޕަރޭޝަންސް ކުރިއަށް ވެސް ދާނެ،" ރޮޒައިނާ ވިދާޅުވި އެވެ.

އޭނާ މިމޭރުމުން ލިއުއްވީ މީޑިއާއަކަށް މުއިއްޒު ދެއްވި އިންޓަވިއުއެއްގައި ހަމަ ސާފުކޮށް، "އިންޑިއާ ފަސްޓް ޕޮލިސީ" ގެ ވާހަކަ ދައްކަވާފައި ވާތީ އެކަމަށް އިޝާރާތްކުރައްވަ އެވެ. އެ އިންޓަވިއުގައި މުއިއްޒު ވިދާޅުވީ "ހާރިޖީ ސިޔާސަތު ރަނގަޅުކޮށްލަން ޖެހޭނެ" ކަމަށާއި އިންޑިއާ އަކީ އެންމެ ގާތް ރަހުމަތްތެރި އަވަށްޓެރިޔާ ކަމަށެވެ.

"އެހެންވީމާ އިންޑިއާ ފަސްޓް ޕޮލިސީ، އިންޑިއާ އަކީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގައި ޒަމާނުއްސުރެ އޮތް ގާތް، އެންމެ އިސްކަންދޭ ޕޮލިސީއަކަށް އޮންނަން ވާނެ އިނގޭތޯ،" އިންޓަވިއުގައި މުއިއްޒު ވިދާޅުވެފައި ވެ އެވެ.

މުއިއްޒު މިހެން ވިދާޅުވި އިރު ޕީޕީއެމް/ޕީއެންސީން މިދިޔަ ގާތްގަނޑަކަށް ފަސް އަހަރު އެންމެ ބޮޑަށް އިންތިޒާމުުކޮށްގެން ހިންގި ކެމްޕެއިނަކީ "އިންޑިއާ އައުޓް" ކެމްޕެއިނެވެ. އިންޑިއާއިން ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާ ގޮތަށް ކަންތައްތައް ކުރަމުން އަންނަ ކަމަށް އެ ކެމްޕެއިނުގައި ތުހުމަތުކުރި އެވެ.

ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އެ އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވީ ޑރ.މުއިއްޒާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.