Advertisement

ޕެންޝަން ފަންޑުން ކުރެވޭ ބޭނުންތައް އިތުރުކޮށް، އަވަހަށް ފައިސާ ނެގޭ ގޮތް ހަދަން މުއިއްޒުގެ ވައުދެއް

15 ސެޕްޓެންބަރު 2023 - 06:02 0

އަމަން ހަލީމް

އަމަން ހަލީމް

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު: ޕެންޝަން ފަންޑަށް ގިނަ ބަދަލުތަކެއް ގެންނަން ވިސްނަވާ ކަމަށް ވިދާޅުވި --- ފޮޓޯ/އަބްދުﷲ އިޔާން


ޕެންޝަން ފަންޑުން ކުރެވޭ ބޭނުންތައް އިތުރުކޮށް، އަވަހަށް ފައިސާ ނެގޭ ގޮތް ހަދަން މުއިއްޒުގެ ވައުދެއް

15 ސެޕްޓެންބަރު 2023 - 06:02 0

ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ އިތުރު ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ހަދަން ޕެންޝަން ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އދ. މަހިބަދޫގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑުގައި 20 ބިލިއަން ރުފިޔާ އެބަ ހުރި ކަމަށާއި ފައިދާގެ ގޮތުގައި އެކަނި ވެސް އަހަރަކު 100 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާވަމުންދާ ކަމަށެވެ. ނަމަވެސް މިހާރު ގާނޫނު އޮތް ގޮތުން އެ ފަންޑުން އެންމެ އެދެވޭ މަންފާ ނުލިބޭ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

"ވަރަށް ބޮޑު ފަންޑެއް. އެހެން ނަމަވެސް އެ ފަންޑުގެ ގާނޫނު ހެދިފައި އޮންނަ ގޮތުން މާ ބޮޑު ފައިދާއެއް އޭގެން ނުވޭ،" މުއިއްޒު ވިދާޅުވި އެވެ.

މިހާރު އޮންނަ ގޮތުން ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭ ހައްޖުގެ އަޅުކަން އަދާކުރުމަށާއި ގެދޮރު ގަންނަން ބޭނުންވާ ޑައުންޕޭމަންޓުގެ ގޮތުގައި ބެހެއްޓުމަށެވެ.

މުއިއްޒު ވިދާޅުވީ މިކަންކަމުން އެކަނި ރައްޔިތުންނަށް އެ ފަންޑުން އެންމެ އެދެވޭ މަންފާ ނުލިބޭ ކަމަށެވެ. އެގޮތުން އޭނާ ވަނީ 65 އަހަރު ވުމުން ނުވަތަ 55 އަހަރު ވުމުން ރިޓަޔާ ކުރާ އިރު އެކަށީގެންވާ ވަރަށް ޕެންޝަން ފަންޑުގައި ފައިސާ ހުރެއްޖެ ނަމަ އެ ލިބޭ އެއްޗެއް ލިބުނު ނަމަވެސް އުމުރުގެ 30، 40 އަހަރު މަސައްކަތް ކޮށްފައި އެ ލިބޭ ފައިސާއިން ލިބެން ޖެހޭ ހިތްހަަމަޖެހުން ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.

މިކަން ބަދަލުކުރަން މުއިއްޒު ހުށަހަޅުއްވީ ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ ދިހަ އަހަރު ފަހުން ނެގޭނެ ގޮތަށް ގާނޫނު އިސްލާހުކުރުމަށެވެ. އަދި މިހެން ފައިސާ ނަގާ އިރު ފަންޑު ދެމެހެއްޓުމުގެ ގޮތުން ޕްރައިވެޓް ސެކްޓާ އާއި ޓޫރިޒަމް ސެކްޓާއަށް އިންވެސްޓުކުރަން ފަންޑު ފުޅާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފަންޑު ދަމަހައްޓަން ޖެހޭނެ. މި ފަންޑުން އިތުރު އިންވެސްޓްމަންޓްތަކަށް އިރާދަކުރެއްވިއްޔާމުން ފުރުސަތު ދޭނަން. ޕްރައިވެޓް ސެކްޓާގައި، ޓޫރިޒަމް ސެކްޓާގައި މި ފަންޑު ފުޅާކުރާނަން. އިންވެސްޓްމަންޓް އިތުރުކުރާނަން. އިންވެސްޓްމަންޓްތައް ފޯކަސް ކުރާނަން" މުއިއްޒު ވިދާޅުވި އެވެ.

ޕެންޝަން ފަންޑު ގާނޫނަށް ގެންނަ އިސްލާހުތަކުން އެ ފަންޑު ބޭނުންކޮށްގެން ކުރަން މުއިއްޒު ހުށަހަޅުއްވާ ކަންކަމުގެ ތެރޭގައި ގެދޮރު ބިނާކުރުމާއި ދަރިން ކިޔަވަން ބޭރަށްް ފޮނުވުމާއި އަމިއްލަ ވިޔަފާރި ފެށުމަށްޓަކައި އިންވެސްޓްމަންޓެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތް ހެދުން ހިމެނެ އެވެ. އަދި މިކަމަށްޓަކައި ބޭނުންވާ ގާނޫނީ އިސްލާހުުތައް ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އެއް ލައްކައަށް ވުރެ ގިނަ ވޯޓާއެކު ކާމިޔާބުކުރެއްވީ މުއިއްޒެވެ.