Advertisement

ޗެތުރީ އޭޝިއަން ގޭމްސް ސްކޮޑަށް، ކޯޗާ މެދު ގޮތެއް ނުނިމޭ

14 ސެޕްޓެންބަރު 2023 - 13:43 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ާސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗަށް ފަހު ޗެތުރީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޗެތުރީ އޭޝިއަން ގޭމްސް ސްކޮޑަށް، ކޯޗާ މެދު ގޮތެއް ނުނިމޭ

14 ސެޕްޓެންބަރު 2023 - 13:43 0

އަންނަ ހަފްތާގައި ޗައިނާގެ ހަންގްޒޫގައި ފަށާ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގައި ބައިިވެރިވާ އިންޑިއާ ޓީމުގެ ސްކޮޑުގައި މަޝްހޫރު ފޯވާޑް، ސުނިލް ޗެތުރީ ހިމަނައިފި އެވެ.

މި މަހު 19 ވަނަ ދުވަހު ފަށާ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓަށް ފޮނުވާނެ އިންޑިއާ ޓީމު ކަނޑައެޅުމުގެ ކަންކަމުގައި ހިތްހަމަނުޖެހުންތަކެއް އުފެދިގެންދިޔަ އެވެ. އެކަންކަމާ އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް، އޭޝިއަން ގޭމްސް އަށް ޓީމާ އެކު ދާނެ ކަމެއް އަދި ވެސް ޔަގީނެއް ނޫނެވެ.

ސްޓިމަކް ހިތްހަމަނުޖެހުނީ އޭނާ ބޭނުންވި ސްކޮޑު އޭޝިއަން ގޭމްސް އަށް ފޮނުވަން އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގެ ކްލަބްތައް ދެކޮޅު ހެދުމުން، އެކަމަށް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނަށް އެކަަށީގެންވާ މަސައްކަތެއް ނުކުރެވުނު ކަމަށް ބުނެ އެވެ.

އޭޝިއަން ގޭމްސްގައި ވާދަކުރަން ފުރުސަތު ލިބެނީ 23 އަހަރުން ދަށުގެ ކުޅުންތެރިންގެ އިތުރުން ސީނިއާ ތިން ކުޅުންތެރިއަކަށެވެ، ސްޓިމަކް ބޭނުންވީ ސީނިއާ ތިން ކުޅުންތެރިންގެ ޖާގަ އަށް ޗެތުރީގެ އިތުރުން ޑިފެންޑަރު، ސަންދޭޝް ޖިންގަން އާއި ގޯލްކީޕަރު ގުރްޕްރީތު ސިންގް ސާންދޫ އެވެ. ސަންދޭޝް ދޫކުރަން ގޯއާ އެފްސީން ބޭނުމެއް ނުވިއިރު، ގުރްޕްރީތުގެ ރިލީސް ހަމަޖައްސަައިދޭން ބެންގަލޫރުން ބޭނުމެއްނުވި އެވެ.

ސްޓިކަމް ބޭނުންވި ސީނިއާ ކުޅުންތެރިންގެ ތެރެއިން ޗެތުރީ އަށް ސްކޮޑުން ޖާގަ ލިބުނު ނަމަވެސް 18 ކުޅުންތެރިންގެ ސްކޮޑުގައި ސަންދޭޝް އާއި ގުރްޕްރީތު ނެތެވެ. ފުރަތަމަ ނެރުނު ސްކޮޑުގައި ހިމެނުނީ 17 ކުޅުންތެރިން ކަމަށް ވިޔަސް ފަހުން ޓީމަށް އިތުރުކުރީ މޯހަން ބަގާންގެ ދީޕަކް ތަންގްރީ އެވެ.

ޗެތުރީ، 39، އަށް ދާދި ފަހުން ދަރިއަކު ލިބުމުން ކުޅުމުން ބްރޭކެއް ނެގި ނަމަވެސް މިހާރު އޭނާ އަންނަނީ އޭޝިއަން ގޭމްސް އަށް ފޯކަސްކޮށް ތައްޔާރުވަމުނެވެ.

އައިއެސްއެލް ކްލަބްތަކުން ކުޅުންތެރިން ދޫކުރަން އެއްބަސްނުވީ މިއީ ފީފާ ކަލަންޑަރު ތެރޭގައި ކުޅޭ މުބާރާތެއްގެ ގޮތުގައި ނުބެެލެވޭތީ އެވެ. އެކަމަށް ވާހަކަ ދައްކައިގެން އޭއައިއެފްއެފް އިން ހައްލެއް ގެނެވޭތޯ ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. ޓީމުތަކުން ކުޅުންތެރިން ރިލީސްކޮށްދޭން ބޭނުންނުވާތީ އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން އޭޝިއަން ގޭމްސް އަށް ނުދިއުމުގެ ވިސްނުމެއް ވެސް ގެންގުޅުނެވެ. އެކަމަކު، ފަހުން ހިންގާ ބޯޑާ މަޝްވަރާ ކުރުމަށް ފަހު ނިންމީ ޓީމު ފޮނުވަން ޖެހޭ ކަމަށެވެ.

އޭޝިއަން ގޭމްސްގައި އިންޑިއާ ހިމެނެނީ ގޭމްސްގެ ހޯސްޓް ޗައިނާގެ އިތުުރުން ބަންގްލަދޭޝް އާއި މިޔަންމާއާ އެކު ގްރޫޕް އޭގަ އެވެ. ފުރަތަމަ މެޗުގައި އިންޑިއާ ކުޅެން ޖެހެނީ ޗައިނާއާ އެވެ.