Advertisement

މޯލްޑިވިއަންގައި އެމިރޭޓްސްގެ ކަސްޓަމަރުންނަށް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ އެއްބަސްވުމެއް

14 ސެޕްޓެންބަރު 2023 - 12:09 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މޯލްޑިވިއަންގެ އައު ބޯޓުތައް -- ފޮޓޯ: އިޔާން/އަދަދު


މޯލްޑިވިއަންގައި އެމިރޭޓްސްގެ ކަސްޓަމަރުންނަށް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ އެއްބަސްވުމެއް

14 ސެޕްޓެންބަރު 2023 - 12:09 0

ގައުމީ އެއާލައިން މޯލްޑިވިއަންއާއި އެމިރޭޓްސް އެއާލައިންއާ ދެމެދު މިދިޔަ އަހަރު ވެފައިވާ އިންޓަލައިން ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުން، އެމިރޭޓްސްގެ ކަސްޓަމަރުންނަށް މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމުގައި ވާގޮތުގެ މަތިން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ.

އެގޮތުން މި އިންޓަލައިން އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ އެމިރޭޓްސްގެ ކަސްޓަމަރުންނަށް ދަތުރުކުރެވޭ މަންޒިލުތަކުގެ އަދަދު އިތުރުވެ، ފަސޭހަކަމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ކަސްޓަމަރަކު ދަތުރުކުރަން ބޭނުންވާ މަންޒިލަކަށް ދެވޭނެ އެވެ. އެމިރޭޓްސްގެ ކަސްޓަމަރުން ރާއްޖެތެރޭގެ މަންޒިލުތަކަށް ދަތުރުކުރާނީ މޯލްޑިވިއަންގެ ފްލައިޓުތަކުގަ އެވެ.

މި އެއްބަސްވުމުގެ ދަށުން އެމިރޭޓްސްގެ ކަސްޓަމަރުންނަށް ދަތުރުކުރެވޭނެ 16 މަންޒިލް:

  1. ދަރަވަންދޫ އެއާޕޯޓް
  2. ފަރެސްމާތޮޑާ އެއާޕޯޓް
  3. ފުނަދޫ އެއާޕޯޓް
  4. ފުވައްމުލަކު އެއާޕޯޓް
  5. ގަން އިންޓާނޭޝަނަލް އެއާޕޯޓް
  6. ކޫއްޑޫ އެއާޕޯޓް
  7. ހަނިމާދޫ އެއާޕޯޓް
  8. ކުޅުދުއްފުށި ސިޓީ އެއާޕޯޓް
  9. ހޯރަފުށީ އެއާޕޯޓް
  10. ކާޑެއްދޫ އެއާޕޯޓް
  11. ކައްދޫ އެއާޕޯޓް
  12. މަޑިވަރު އެއާޕޯޓް
  13. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް
  14. މާވާރުލު އެއާޕޯޓް
  15. ތިމަރަފުށީ އެއާޕޯޓް
  16. އިފުރު އެއާޕޯޓް

އިންޓަލައިން ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުން ދަތުރުތައް ފެށުމާއި ގުޅިގެން އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު އަދުނާން ކާޒިމް ވިދާޅުވީ، މޯލްޑިވިއަންއާ އެކު ޕާޓްނަޝިޕެއް ގާއިމް ކުރުމަކީ،ރާއްޖޭގެ އިތުރު މަންޒިލްތަކަ އެމިރޭޓްސްގެ ދަތުރުތައް ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ހިސާބަކުން ރާއްޖެއަށް ދަތުރުކުރާ އެމިރޭޓްސްގެ ކަސްޓަމަރުންނަށް އެންމެ ޓިކެޓެއްގަ ފްލައިޓް ބުކްކޮށްގެން ފަސޭހަކަމާއެކު ބޭނުންވާ މަންޒިލަށް މިހާރު ދަތުރުކުރެވޭނެ،" އަދުނާން ކާޒިމް ފާހަގަކުރެއްވި އެވެ.

މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ، އެމިރޭޓްސް ފަދަ ގްލޯބަލް އޭވިއޭޝަން ލީޑަރަކާއިއެކު މިފަދަ އެއްބަސްވުމަކަށް އާދެވުމަކީ މޯލްޑިވިއަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ޕާޓްނަޝިޕްގެ ސަބަބުން ރާއްޖޭގެ ލީޑިން އެއާލައިންގެ ގޮތުގައި މޯލްޑިވިއަންގެ މަގާމު ހަރުދަނާވާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.

މި އެއްބަސްވުމުގެ ދަށުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 15، އިން ފެށިގެންނެވެ. އެމިރޭޓްސްގެ ވެބްސައިޓް، ޓްރެވަލް އެޕްލިކޭޝަން އަދި ޓްރެވަލް އޭޖެންޓުންގެ ޒަރިއްޔާއިން ވެސް މި ދަތުރުތައް ބުކް ކުރެވޭނެ އެވެ.

އެމިރޭޓްސްއިން މާލެއަށް ދަތުރުތައް ފެށީ 1987 ވަނަ އަހަރު އެވެ. މިހާރު ދުބާއީ އާއި ރާއްޖެއާއި ދެމެދު ހަފްތާއަކު 28 ފްލައިޓް ދަތުރުކުރެ އެވެ.