Advertisement

ޕީޕީއެމް/ޕީއެންސީގެ ވެރިކަމަކަށް ވުރެ ދެން ވެސް ރަނގަޅުވާނީ އެމްޑީޕީގެ ވެރިކަމެއް: ޝިޔާން

14 ސެޕްޓެންބަރު 2023 - 09:08 0

އަންގާރަ ދުވަހުގެ ރޭ އެމްޑީޕީގެ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ މެމްބަރުން -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޕީޕީއެމް/ޕީއެންސީގެ ވެރިކަމަކަށް ވުރެ ދެން ވެސް ރަނގަޅުވާނީ އެމްޑީޕީގެ ވެރިކަމެއް: ޝިޔާން

14 ސެޕްޓެންބަރު 2023 - 09:08 0

މާޒީއަށް ބަލާއިރު، ޕީޕީއެމް/ޕީއެންސީގެ ވެރިކަމަކަށް ވުރެ ދެން ވެސް ރަނގަޅުވަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެހެންވެ، ދަ ޑިމޮކްރެޓްސްގެ މެމްބަރުންނާއި އެމްޑީޕީއާ ފެޔަށް ޖެހިފައިވާ ފަރާތްތައް އަލުން ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރަން ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ގޮވާލައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ހޯދުމަށް މާލޭގެ ސޯސަން ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި، ދަ ޑިމޮކްރެޓްސްގައި އުޅުއްވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޝިޔާން ވާހަކަ ދައްކަވަމުން ހަނދާކޮށް ދެއްވީ ޕީޕީއެމްގެ ވެރިކަމުގެ އަނިޔާވެރިކަމެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަށް ވަރަށްް ފާޑުވިދާޅުވި އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރައީސް ސޯލިހުގެ އަޖުމަ ބަލާލުމަށްޓަކައި ހަވާލުކުރި މި ވެރިކަމުގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައިފި ކަމަށާއި ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކޮށްފި ކަމަށާއި ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔޭ ގޮތް ވެއްޖެ ކަމަށް ޝިޔާން ވިދާޅުވި އެވެ.

"ހާސްކަމެއް ނެތި މި ރާއްޖޭގެ ޒުވާނުން އެ ދަނީ ތައުލީމު ހާސިލު ކުރަމުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި،" އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ދޭންޖެހޭ ކަމަކީ ރައްޔިތުންނަށް އިހުލާސްތެރި އޯގާތެރި، އަމާނާތްތެރި ބޭފުޅަކަށް ވާތީ ކަމަށާއި އެފަދަ ބޭފުޅަކު ފެންނަން ހުއްޓައި މާޒީގެ ހިތި ތަޖުރިބާތަކަށް ދާންޖެހިދާނެ ގޮތެއް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ޝިޔާން ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް ޝިޔާން ހާއްސަ އިލްތިމާސްއެއް ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ މެމްބަރުންނަކީ ވޭތުވެދިޔަ 18 ވަރަކަށް އަހަރު ދުވަހު ތިލަފަތަށް ވޯޓު ދިން ފަރާތްތައް ކަމަށާއި ދިމާވާ މައްސައެއްގައި އަބަދު ހިފަހައްޓައިގެން ތިއްބެވުމަކީ މި ގައުމަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ތިބޭފުޅުންނަކީ 30 އަހަރުގެ ވެރިކަން ބަދަލުކޮށް ރާއްޖެ އަށް ޑިމޮކްރަސީ ގެނައި ފަރާތްތައް. މި ޕާޓީ މި ޕާޓީގެ ގޮތުގައި އޮތީ ތި ބޭފުޅުންނާ އެކީގައި. ފުރަތަމަ ބުރު ނިމިއްޖެ. އަޅުގަނޑު ގޮވާލަން ބޭނުން ވަނީ މި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތިބި އެމްޑީޕީ އާއި އޭރުގަ ފެޔަށް ޖެހިފައިވާ ފަރާތްތައް ވަޑައިގަންނަވާށޭ. ޕީޕީއެމްގެ ވެރިކަކަށް ވުރެ ދެން ވެސް ތިބޭފުޅުންނަށް ރަނގަޅު ވާނީ އެމްޑީޕީއަށް ވެރިކަން ލިބިގެންނޭ،" ޝިޔާން ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތާނގާގައި ވެސް ރައީސް ސޯލިހަށް ދެ ވަނަ ދައުރެއް ދީ، އަޅުގަނޑުމެން ކުރަމުން މި ގެންދާ ތަރައްގީގެ ކަންތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް އެކަންކަން ނިންމައިގެން ނޫނިއްޔަކާ މި ރާއްޖެއަކަށް ސަލާމަތެއް ނެތޭ."

ސެޕްޓެމްބަރު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ކާމިޔާބު ކުރަން އެމްޑީޕީގެ ހުރިހާ މެމްބަރުން އެކުގައި ނުކުމެއްޖެ ނަމަ ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ މޭޔަރު އަދި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މުއިއްޒެވެ. އޭނާ ވޯޓުގެ 45.1 ޕަސެންޓު ހޯއްދެވިއިރު، ރައީސް ސޯލިހަށް ލިބިވަޑައިގަތީ 38.2 ޕަސެންޓެވެ.