13 ސެޕްޓެންބަރު 2023 - 10:01 0
އަހުމަދު އާއިދު
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް : މަޝްވަރާތައް ނުނިމޭތީ ޖޭޕީގެ ކައުންސިލް ބައްދަލުވުން މިއަދު ނުބާއްވަން ނިންމައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
13 ސެޕްޓެންބަރު 2023 - 10:01 0
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އެމްޑީޕީ ނުވަތަ ޕީޕީއެމާއެކު އެކުގައި މަސައްކަތް ކުރުމާމެދު ގޮތް ނިންމުމަށް ޖޭޕީއިން މިއަދު ބާއްވަން އުޅުނު ކައުންސިލް ބައްދަލުވުން ފަސްކޮށްފި އެވެ.
ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު "އަދަދު" އަށް ވިދާޅުވީ މިއަދުގެ ބައްދަލުވުން މިހާރު ފަސްކޮށްފައިވާ ކަމަށެވެ. އަދި އެއީ އިތުރު މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށްވެސް އަލީ ވިދާޅުވި އެވެ.
"މަޝްވަރާތައް ނިމުމުން ކައުންސިލުން ބައްދަލުވެ ކުރިއަށްދާނެ ގޮތެއް ނިންމާނެ"
ޖޭޕީގެ ކައުންސިލުގެ ބައްދަލުވުން ފަސްކޮށްފައިވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުގެ ވަފުދެއް ރޭ ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކޮށްފަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބުނީ އެންމެ 5،460 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 2.47 ޕަސެންޓް ވޯޓެވެ.
ޕީޕީއެމްގެ ވަފުދުގެ އިސްކޮށް ހުންނެވީ ޑރ. މުއިއްޒުގެ ރަނިން މޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.
އޭނާގެ އިތުރުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި އެ ޕާޓީގެ ނައިބު ރައީސް އަހްމަދު ޝިޔާމް (ނައިފަރު ޝިޔާމް) އާއި މާވަށު ދާއިރާގެ މެމްބަރު އަހްމަދު ސައީދާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އެ ވަފުދުގައި ހިމެނެ އެވެ.
ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، ޕީޕީއެމުން އިއްޔެ ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އިންތިހާބުގައި ތިންވަނަ އަށް ދިޔަ ޑިމޮކްރެޓްސްއިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ކޮމިޓީއެއް އެކުލަވައިލީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި ދެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކަށް ތާއީދުކުރަން ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމުމުގެ ކުރިން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށެވެ. ޕާޓީތަކާ މަޝްވަރާކުރަން ޑިމޮކްރެޓުން ނެގީ އަށް މެމްބަރުންގެ ކޮމިޓީ އެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment