Advertisement

ހުލާސާކޮށް އިއްޔެ: ދެ ވަނަ ބުރުގެ ވޯޓުލުން ނިމޭނީ ފަހެއް ޖަހާއިރު

13 ސެޕްޓެންބަރު 2023 - 07:28 0

ހުސެއިން ފިޔާޒް މޫސާ

ހުސެއިން ފިޔާޒް މޫސާ


ހުލާސާކޮށް އިއްޔެ: ދެ ވަނަ ބުރުގެ ވޯޓުލުން ނިމޭނީ ފަހެއް ޖަހާއިރު

13 ސެޕްޓެންބަރު 2023 - 07:28 0

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުން ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަަމަ ބުރުގެ ވޯޓު ލުން ކުރިއަށް ގެންދިޔައީ ހަވީރު 4:00 އާ ހަމަ އަށެވެ. 282،395 މީހުނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވީއިރު، ވޯޓުލީ އޭގެ 79 އިންސައްތަ އެވެ. މިއީ ރިޔާސީ އިންތިހާބެއްގައި ވޯޓުލީ ނިސްބަތް މިހާ ދަށްވި ފުރަތަމަ ފަހަރެވެ.

އީސީން މި ވަގުތު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މެންދުރުފަހު ހޫނު ގަދަވުމުގެ ސަބަބުން ކިއޫގައި ތިބުމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އެހެންވެ ދެވަނަ ބުރުގެ ވޯޓު ލާން ފުރަތަމަ ބުރަށް ވުރެ އިތުރަށް ގަޑިއިރެއް ދޭން ނިންމާފައިވާ ކަމަށެވެ.

"ލަފާ ދޭ ކޮމިޓީތަކުން ލަފާ ލިބުނު ގޮތާއި، އަޅުގަނޑުމެންނަށް ކުރެވުނު އޮބްޒަވޭޝަންތަކުން ވެސް އެނގުނު ގޮތުގައި، ބައެއް މީހުނަކީ ބޭސްފަރުވާ ކުރާ ބައްޔެއް، ސިއްހީ ގޮތުން މެންދުރުފަހު ނުކުުމެވޭ މީހުން، އެހެންވެ ވޯޓާސް ޓާން އައުޓް އިތުރު ވުމަކީ ގާތް ކަމެއް،" ހަބީބު ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައިި، ވޯޓުލުން ކުރިއަށް ދިޔަ ދުވަހު ވެސް ވޯޓުލާ ވަގުތު އިތުރު ވެސް ކޮށްދީފައިވެ އެވެ. ނަމަވެސް މި ފަހަރުގެ އިންތިހާބުގައި އެ ފުރުސަތު ކޮމިޝަނުން ދީފައެއް ނުވެ އެވެ.

ހަބީބު މިއަދު ވިދާޅުވީ ދެވަނަ ބުރުގައި ވެސް ހަވީރު ފަހެއްގެ ފަހުން ވަގުތު އިތުރުކޮށްދެވެން ނެތް ކަމަށެވެ. އިންތިހާބުގެ ވަގުތު ކުރިއާލާ އިއުލާން ކުރާއިރު އެ ވަގުތުތަށް ތައްޔާރުވެ ވޯޓު ލާން ނުކުންނަންވާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

"ވަރަށް އިހުތިރާމާއެކު ދަންނަވާނީ، ގުދުރަތީ ގޮތުން ބޮޑު ކާރިސާއެއް ދިމާނުވާހާ ހިނދަކު، ފަހެއް ޖަހަން ދެން ކުރިއަށް ދާނީ، އޭގެ ފަހުން ކިއޫއަށް އަރަން މީހަކު އަޔަސް ވޯޓު ލާން ފުރުސަތެއް ނުދެވޭނެ،" ހަބީބު ވިދާޅުވި އެވެ.

ދެވަނަ ބުރުގައި ވާދަކުރައްވާނީ އެންމެ ގިނައިން ވޯޓު ހޯއްދެވި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި، ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރަތަމަ ބުރު މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ. ރައީސް ސޯލިހަށް ލިިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 ޕަސެންޓެވެ.

ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ، އެމްޑީޕީން ވަކިވެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އުފެއްދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށެވެ. އިލްޔާސް އަށް ހަތް ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ.

މުހިންމު ބައެއް ހަބަރު