12 ސެޕްޓެންބަރު 2023 - 23:26 1
މުހައްމަދު ނަސީމް
އެމްޑީޕީގެ ކެމްޕޭންޓީމުތަކުން މިރޭ ބޭއްވި ބައްދަލުވުމުގައި އެޕާަޓީގެ ޗެެއާޕާސަން ފައްޔާޒް އިސްމާއީލް ވާހަކަދައްކަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު
12 ސެޕްޓެންބަރު 2023 - 23:26 1
ރާއްޖޭގައި އޮތީ ދެފިކުރުކަން ހޮނިހިރު ދުވަހު ނެގި ވޯޓުން އެނގުނު ކަމަށާއި އެ ދެ ފިކުރަކީ އިސްލާހާއި އަދުލުވެރިކަމުގެ ފިކުރާއި އަނިޔާވެރިކަމުގެ ފިކުރުކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތެރިންނާ އެކު އެޕާޓީގެ ލީޑަޝިޕުން ބޭއްވި ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ކުރިން އޮތް އަނިޔާވެރިކަން މިހާރު ބައެއް މީހުން ހަނދާން ނެތިއްޖެ ކަމަށާއި އެއީ މިސަރުކާރުން ދިން މިނިވަންކަމުގެ ސަބަބުން ކަމަށެވެ. އެގޮތަށް ހަނދާން ނެތުނު ކަމަށް ވިޔަސް އެމީހުން (ޕީޕީއެން/ޕީއެންސީ) ބަދަލުނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސެޕްޓެމްބަރު ނުވައެއްގައި އޮތް އިންތިހާބުން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ އެއް ހަގީގަތަކީ، މި ގައުމުގައި އޮތީ ދެފިކުރުކަން. އެއީ އިސްލާހާއި އަދުލުވެރިކަމުގެ ފިކުރަކާއި އަނިޔާވެރިކަމުގެ ފިކުރެއް ކަން. ވޭތިވެ ދިޔަ ފަސް އަހަރުގެ ތެރޭގައި، އެ ފިކުރުގައި ތިބި މީހުންނަށް ބަދަލު ނާންނަކަން ހިތާމަވަރިކަމާ އެކީ ދަންނަވަން ޖެހެނީ،" ފައްޔާޒު ވިދާޅުވި އެވެ.
އަނިޔާވެރިކަމުން ސަލާމަތްވާން ކުރި ދަތުރު ބައެއް ބޭފުޅުން މިހާރު ހަނދާން ނެތިއްޖެ ކަމަށާއި އެއީ އަމިއްލަ ބައެއް ހިތްހަމަނުޖެހުންތަކާ ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ފައްޔާޒު ވިދާޅުވި ގޮތުގައި އޭނާ ހިތާމަކުރައްވާ ކަަމެކެވެ.
"ބައެއް ބޭފުޅުންނަށް އަޅުގަނޑުމެން މިކުރި ދަތުރު ހަނދާން ނެތ، ޒާތީ ކަންކަމުގައި އަޅުގަނޑުމެންގެ މި ގައުމު، އަމިއްލަ އެކިއެކި ވިސްނުމުގައި, ހިތްހަަމަނުޖެހުމުގައި ގައުމު އަނެއްކާ އަނބުރާ ، އެ އަނިޔާވެރިކަމަށް އިއާދަވުމަށް ޖާގަދޭން އެބޭފުޅުން ތައްޔާރުވެ ތިބީމާ އަޅުގަނޑު ހަމަ މިތާ ހުރެ ހިތާމަކުރަން، އަޅުގަނޑު ލަދުވެތިވަން،" ފައްޔާޒް ވިދާޅުވި އެވެ.
އަނިޔާވެރިކަމުގެ ފިކުރުކަމަށް އޭނާ ސިފަ އެކުރެއްވީ ޕީޕީއެމް/ޕީއެންސީ އެވެ. އަނިޔާވެރިކަމުން ސަލާމަތްވާން ކުރި ދަތުރު ހަނދާން ނެތި، އެކަމަށް އަލުން ޖާގަދޭން ތައްޔާރަށް ތިއްބި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައިގެ މުރާދަކީ ބެލެވޭ ގޮތުގައި ދަ ޑިމޮކްރެޓްސްގެ ބައެއް އިސްބޭފުޅުންނެވެ.
Comment