Advertisement

ހޫނު ފެނަށް ވެއްޓިފައިވާ ސްޕެއިންގެ ފުޓްބޯޅަ ރައީސް ރުބިއާލެސް އެންމެ ފަހުން އިސްތިއުފާ ދީފި

11 ސެޕްޓެންބަރު 2023 - 12:52 0


ހޫނު ފެނަށް ވެއްޓިފައިވާ ސްޕެއިންގެ ފުޓްބޯޅަ ރައީސް ރުބިއާލެސް އެންމެ ފަހުން އިސްތިއުފާ ދީފި

11 ސެޕްޓެންބަރު 2023 - 12:52 0

ބާސެލޯނާ (ސެޕްޓެމްބަރު 11) - ސްޕެއިންގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކުޅުންތެރިއަކަށް ބޮސްދިން މައްސަލައިގައި ހޫނު ފެނަށް ވެއްޓިފައިވާ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއާލޭސް އެންމެ ފަހުން އިސްތިއުފާ ދީފި އެވެ.

ސްޕެއިން ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ރުބިއާލޭސް އިސްތިއުފާދީފައި މި ވަނީ އޭނާގެ އިސްތިއުފާ އަށް ގިނަ ބަޔަކު ގޮވައި، އެ ގައުމުގެ ފުޓްބޯޅައިގެ ގިނަ ބަޔަކު ރުބިއާލޭސްއާ ދެކޮޅަށް ނުކުމެފައިވާ ދަނޑިވަޅެއްގަ އެވެ.

މި މައްސަލަ އެންމެ ބޮޑަށް ހޫނުވާން ފެށީ ފީފާ އަންހެން ވޯލްޑް ކަޕްގެ ފައިނަލަށް ފަހު އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އެގައުމުގެ ފޯވާޑް ޖެނީ ހާމޯސޯ އަށް ބޮސްދިން މަންޒަރު އާންމުވި ހިސާބުންނެވެ. މި މައްސަލައިގައި ރުބިއާލޭސް ބުނީ ބޮސްދިނީ ހާމޯސޯ ކަމަށާއި، އޭނާ އެކަމުގައި ކުރާނެކަމެއް ނެތްކަމަށެވެ.

ރުބިއާލޭސްގެ މި ވާހަކަތަކާއިއެކު ހާމޯސޯ ވަނީ އޭނާ އެފަދަކަމެއް ނުކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. މި މައްސަލައިގައި ގިނަ ބަޔަކު ހާމޯސޯއާ އެއްކޮޅަށް އެރިއިރު، ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުން ވަނީ ހާމޯސޯ އަށް މި ދިމާވި ކަމުގައި ރުބިއާލޭސްގެ އިސްތިއުފާއަށް ގޮވައިފަ އެވެ.

އެހެންނަމަވެސް، ގޮތް ދޫނުކޮށް އިސްތިއުފާ ނުދީ ރުބިއާލޭސް މަގާމްގައި ދެމިހުއްޓެވެ. މި މައްސަލަ ފީފާއިންވެސް ބެލި އެވެ. އެކަމަކު، ފީފާ އިން ވަނީ މި މައްސަލައިގައި ރުބިއާލޭސްއާ ދެކޮޅަށް ފިޔަވަޅު އެޅެން ނެތްކަމަށް ނިންމައިފަ އެވެ.

ރުބިއާލޭސް އަށް ޕްރެޝަރު ބޮޑުވާން ފެށީ ގައުމީ ޓީމްތަކުގެ ކޯޗުން އިސްތިއުފާދޭން ފެށުމުންނާއި، ސްޕެއިންގެ ފިރިހެން ފުޓްބޯޅަ ޓީމާއި، އެކި ގައުމުތަކުގެ ގައުމީ ޓީމްތަކުން ހަމޯސޯގެ ދިފާއުގައި ވާހަކަދައްކައި ރުބިއާލޭސް މަގާމުން ދުރުވުމަށް ގޮވަން ފެށުމުންނެވެ. މިކަމުގައި ރުބިއާލޭސްގެ މަންމަ ވެސް ބައިވެރިވި އެވެ. އޭނާގެ މަންމަވަނީ ރުބިއާލޭސް އިސްތިއުދާ ދިނުމަށް އެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ވެސް ކޮށްފަ އެވެ.

އިސްތިއުފާ ދިންކަން އޭނާ އެންގީ އެ ގައުމުގެ ފުޓްބޯޅަ އިދާރާ މިވަގުތު ހިންގެވުމާ ހަވާލުވެހުރި ފެޑްރޯ ރޯކާ އަށް ފޮނުވި ސިޓީގަ އެވެ.

މިދިޔަ ތިން ހަފްތާގައި އިސްތިއުފާ ނުދޭނެ ކަމަށް ބުނެ މަގާމުގައި ދެމިހުރި ރުބިއާލޭސްއާ ދެކޮޅަށް ސްޕެއިންގެ ކޯޓަކަށް މިހާރު މަޖުބޫރުކުރުވައި ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްވެސް ހުށަހަޅައިފަ އެވެ.

ފީފާ އަންހެން ވޯލްޑް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް ސްޕެއިން އިން ހޯދި ނަމަވެސް ރުބިއާލޭސްގެ މި މައްސަލަގަނޑުގެ ސަބަބުން ބޮޑު ކާމިޔާބީގެ އުފާފާޅުކުރުންތަކަށް ވަނީ ހިޔަނި އެޅިފަ އެވެ.