10 ސެޕްޓެންބަރު 2023 - 10:28 0
16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން: ދިވެހި އެސިސްޓަންޓް ރެފްރީ ރައީފް (ކ) އާއި ރެފްރީ ޒަހީރު (ވ.3)
10 ސެޕްޓެންބަރު 2023 - 10:28 0
ބޫޓާންގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ ސާފް 16 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލުގައި އިންސާފުކުރުމުގެ ފުރުސަތު ދިވެހި ދެ ރެފްރީން ކަމަށްވާ ޒަހީރު ހުސެއިން އާއި ރައީފް ރައުފް އަށް ލިބިއްޖެ އެވެ.
ސާފްގެ 16 އަހަރުން ދަށުގެ ފައިނަލުގައި މިއަދު ބައްދަލުކުރާނީ އިންޑިއާ އާއި ބަންގްލަދޭޝް އެވެ. މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން އިންޑިއާ މޮޅުވީ 1-0 އިންނެވެ.
އިންޑިއާ އިން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ރާއްޖެ އަތުން 8-0 އިން މޮޅުވެގެންނެވެ. ބަންގްލަދޭޝް ވަނީ ފޯރިގަދަ ސެމީ ފައިނަލް މެޗަކަށް ފަހު، 2-1 އިން ޕާކިސްތާން ބަލިކޮށްފަ އެވެ.
ފައިނަލުގައި ދިވެހި ރެފްރީ، ޒަހީރު ހުންނާނީ ރެފްރީއެއްގެ ގޮތުގަ އެވެ. ޒަހީރު ވަނީ މި މުބާރާތުގެ ދެ މެޗެއްގެ ރެފްރީކަން ކުރުމުގެ އިތުރުން އެއް މެޗުގައި ހަތަރު ވަނަ އޮފިޝަލެއްގެ ގޮތުގައި (ބަދަލު ރެފްރީ) މަސައްކަތްކޮށްފަ އެވެ. އަނެއްކޮޅުން، ރައީފް ވަނީ ތިން މެޗެއްގައި އެސިސްޓަންޓް ރެފްރީއެއްގެ ގޮތުގައި ރޮނގު ބަލަހައްޓައިފަ އެވެ. އެހެންކަމުން، ފައިނަލް މެޗަކީ ރައީފް އާއި ޒަހީރުގެ ހަތަރު ވަނަ މެޗެވެ.
މި އަހަރަށް ބަލާއިރު، ދިވެހި ރެފްރީން ވަނީ ސަރަހައްދުގެ މުބާރާތްތަކުގައި އިންސާފުކޮށްފަ އެވެ. އެ ގޮތުން، ނޭޕާލްގައި ކުރިއަށްދިޔަ ތުރީ ނޭޝަންސް ކަޕް އާއި އިންޑިއާގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕްގައި ވެސް ދިވެހި ރެފްރީން ވަނީ ގިނަ މެޗުތަކެއްގައި ރެފްރީކަން ކޮށްފަ އެވެ.
އެ ގޮތުން ސާފް ޗެމްޕިއަންޝިޕަށް ބަލާއިރު، ދިވެހި ރެފްރީ، ހުސެއިން ސިނާން ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތިން މެޗެއްގައި ރެފްރީކަން ކުރުމުގެ އިތުރުން، ބަދަލު ރެފްރީއެއްގެ ގޮތުގައި ދެ މެޗެއްގައި މަސައްކަތްކޮށްފަ އެވެ. ސިނާން، ރެފްރީކަންގެ ކުރި މެޗުތަކުގެ ތެރޭގައި ސެމީ ފައިނަލުގައި އިންޑިއާ އާއި ލެބަނަން ބައްދަލުކުރި މެޗު ހިމެނެ އެވެ. ރާއްޖޭގެ ރެފްރީ، އަހުމަދު ހަސަން ވަނީ ހަތް މެޗެއްގައި އެސިސްޓަންޓް ރެފްރީ އަކަށް ހުރެ ރޮނގު ބަލަހައްޓައިފަ އެވެ. އޭގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ އާއި ކުވެއިތު ބައްދަލުކުރި މެޗު ހިމެނެ އެވެ.
Comment