8 ސެޕްޓެންބަރު 2023 - 17:41 1
އަހުމަދު އަލާ ދީދީ
ހުކުރު މިސްކިތުގެ ހަރިންމައިގެ ތެރޭގައި ހުރި ގަރުބުރުސްތާން. -- ފޮޓޯ: ނެޝަނަލް މިއުޒިއަމް
8 ސެޕްޓެންބަރު 2023 - 17:41 1
ދުނިޔެ ވަނީ ނަންހުރި ކިތަންމެ ދައުލަތްތަކެއް ދެކެފަ އެވެ. އެންމެ ގަދީމީ ޒަމާނަށް ބަލާނަމަ މިސްރީންނާއި ރޫމީންނާއި އަދި ފާރިސީން ފަދަ ދައުލަތްތައް ފެނެ އެވެ. މިއަށްވުރެ ފަހުގެ ޒަމާންތަކަށް ބަލާނަމަ މަމްލޫކީންނާއި އުސްމާނީންނާއި އަދި ފަރަންސޭސިންނާއި އިނގިރޭސިންގެ ދައުލަތްތައް ފެނެ އެވެ. ނޫނީ މި ސަރަޙައްދަށް ބަލާނަމަ ގަދީމީ ޗޯޅާއިންނާއި ޕާޑިޔަނުންގެ ދައުލަތްތައް ފެނެ އެވެ. މިހެން ގޮސް ނަން ދެންނެވިދާނެ މިފަދަ ކިތަންމެ ދައުލަތްތަކެކެވެ. މާޒީގައި އުފެދި ދިޔަ އެ ދައުލަތްތަކުގެ އާރާއިބާރު ގަދަވެ ގޮސް މުއްސަނދިކަމާ ނަފާވެރިކަން އެބައިމީހުން ހޯދައިގަތް ގޮތުގެ މައްޗަށް ދުނިޔެ މިއަދަށް ބުނެދޭ މުހިންމު ފިލާވަޅުތަކެއް ވެ އެވެ. ދައުލަތެއްގެ ކުރިމަގަށް ވިސްނާ ބަޔަކު ދުނިޔޭގެ އެ ދަރެސްތައް އަޑުއެހުން މުހިންމެވެ.
އިއްޔެގެ އެ ވާހަކަތަކުން މިއަދަށް ބުނެދޭ އެއް ފިލާވަޅަކީ އެއިން ކޮންމެ ދައުލަތެއްވެސް ފަލާހާއި ކާމިޔާބު ހޯދަމުން ކުރިޔަށް ގޮސްފައިވަނީ އެބައި މީހުންގެ ތެރޭގައި ހަރުދަނާ ބިންގާތަކަކާއި އުސޫލުތަކެއް ނަގަހައްޓާ އޮބަހައްޓަމުން އައިސްފައިވާތީ ކަމެވެ. އާދޭހެވެ! އެ ބިންގާތަކާ އުސޫލުތަކުގެ ވާހަކަ އަކީ ދިގު ވާހަކައެކެވެ. ކުރުކުޅައުމުގެ ގޮތުން އޭގެ ތެރެއިން އެއްކަމަކަށް ބަލާނަމަ ދެންނެވެން އަންނަނީ އެއިން ކޮންމެ ބަޔަކުވެސް އެބައެއްގެ ތާރީހާއި ސަގާފަތަށް ހާއްސަ އަހަންމިއްޔަތެއް ދީފައި އޮތްކަމެވެ.
އާދޭހެވެ! ތާރީހަކީ މާ މުހިންމު އެއްޗެއް ނޫންކަމަށް ބަލައިގެން އުޅުނު އެއްވެސް ގައުމެއްގެ ބަޔަކަށް ކުރި ހޯދިފައެއް ނެތެވެ. ގިނަފަހަރު އެފަދަ ގައުމުތަކުގެ މީހުންގެ އަތުން އެބައިމީހުންގެ ދައުލަތް ވަނީ ބީވެ ގޮސްފައެވެ. އާސާރުތައް ނެތިކޮށް އަމިއްލަ ސަގާފަތަށް އަހަންމިއްޔަތުކަމެއް ނުދިން ގިނަ ގައުމުތައް ފޭލިވެ ދިޔަތަން ދުނިޔެ ވަނީ ދައްކާފަ އެވެ. އެފަދަ ގައުމުތަކުގެ ތެރޭގައި ބޮޑުވަމުން އަންނަ ޖީލުތައް ތަރުބިއްޔަތުވަމުން އައިސްފައިވަނީ އަމިއްލަ ގައުމާ މެދު ހިތުގައި އެއްވެސް ފަހުރެއްނެތި އެވެ. އަމިއްލަ ދޫތަކުން އަމިއްލަ ގައުމުގެ ބަތަލުންނަށް ހަޖޫ ޖަހަމުންނެވެ. އަމިއްލަ ފަހުރުވެރި މާޒީ ދޮގު ކުރަމުންނެވެ. އެބައެއްގެ މައްޗަށް ވެރިވާން ދަހިކަމާއެކު ބޭރުން ބަލަބަލާ އޮންނަ ބަޔަކަށް ލިބޭނެ ރަނުގެ ފުރުސަތަކީވެސް މިއީ އެވެ.
ތާރީހުތޯ އެވެ؟ އެއީ ކޮންމެ ގައުމެއްގެ ބަޔަކަށް އެބައިމީހުންގެ ގައުމުގެ މައްޗަށް ހެކި ދައްކާން ލިބިފައި އޮންނަ އެންމެ ބޮޑު ހުއްޖަތެވެ. އެއީ އެބަޔެއްގެ އަމިއްލަވަންތަކަމާއި އެބަޔެއްގެ ކަންކަން އިހު ހުރިނެތް ގޮތުގެ މައްޗަށް ދައްކާން އޮންނަ އެންމެ ބޮޑު ހެކިވެސްމެއެވެ. މިއަދުގެ ކުރިއަރާފައިވާ ދައުލަތްތަކުގެ މީހުންވެސް އެބައިމީހުންގެ މާ އިހު ޒަމާނުގެ އާސާރުތައް ބަހައްޓައިގެން އެތިބީކީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއިން ލިބެމުންދާ ފައިސާގެ ދަހިވެތިކަމުގައެއް ނޫނެވެ. އޭގައި ފޮރުވިފައިވާ ވަރަށް ބޮޑު އެހެން މަގުސަދުތަކެއްވެސް ވެއެވެ.
އެކަމުގެ އެއް މަގުސަދަކީ އެތަންތަނުގައި އުފެދޭ ޖީލުތަކުގެ ހިތްތަކަށް އެ ގައުމާ މެދު ފަހުރުވެރިކަން ވެއްދުމެވެ. އެބައިމީހުންގެ އައިޑެންޓިޓީ ނެގެހެއްޓުމެވެ. އަދި އަނެއް މަގުސަދަކީ އެބައިމީހުންގެ ދައުލަތުގެ އަމިއްލަވަންތަކަމުގެ މައްޗަށް އަނެކުންގެ ކުރިމަތީގައި ހުއްޖަތް ގާއިމު ކުރުމެވެ. ހަމައެހެންމެ އެބައިމީހުންގެ ތެރޭގައި އިލްމާއި ހުނަރާއި ފަންނުވެރިކަން އޮތް މިންވަރު ދައްކައިދިނުމަށްވެސްމެއެވެ. އަދި މިނޫންވެސް ކިތަންމެ އެހެނިހެން ގައުމީ ސަބަބުތައް އޭގައި ފޮރުވިފައި ވެއެވެ.
މިއަދުގެ ދުނިޔޭގެ މަސްރަހަށްވެސް ބައްލަވާލައްވާށެވެ! ދައުލަތެއް ލިބިފައި ނުވާ ގައުމުތަކުގެ މީހުން އަލިފުދާލާއި އެތަން މިތަނުގައި ކުރަމުންދާ ވަކާލާތުތައް އަޑު އައްސަވާށެވެ. ނޫނީ އަމިއްލަ އާރާއި ބާރު އިތުރުކުރަން މަސައްކަތްކުރާ ގައުމުތަކުގެ މީހުންގެ ވަކާލާތުތައްވެސް އައްސަވާށެވެ! މި ދެންނެވި ދެބައިމީހުންގެ ގޮވެލިފަތިތަކުގެ ތެރޭގައި ތާރީހުގެ އަޑު ނުހިމެނޭތޯ އެވެ؟
ކުރުދިސްތާނޭ ކިޔާ ދައުލަތެއް އުފައްދަން މަސައްކަތް ކުރާ ކުރުދީން ދުނިޔޭގެ ކުރިމައްޗަށް ހުށައަޅަނީ އެބައިމީހުންގެ ތާރީހެވެ. އެތިބަ ނުލަފާ ޔަހޫދީންވެސް ދޮގާ މަކަރުން ވިޔަސް އެހެރަ ދައްކަނީ ތިންހާހެއްހާ އަހަރު ކުރީން އެތަނުގައި އޮތް ދައުލަތެއްގެ ވާހަކަ އެވެ. އަދި އާރާއިބާރު ގަދަކުރާނަމޭ ހިތާ ތެދުވެގެން އުޅޭ ބައެއް ދައުލަތްތަކުން އެބައިމީހުންގެ މާ އިހު ޒަމާނުގެ ވާހަކަތައް ހޯދާ ކޮޅައިގެން ނިކުމެ ޑަޑޫރާ ގަނޑު ތަޅުވަމުން ދުވެ ނަގާތީ ފެނެ އެވެ. ދައުލަތެއްގެ ވެރި ބަޔަކަށް ތާރީހު މުހިންމުވާ ސަބަބު މިފަދަ ކިތަންމެ މިސާލަކުން ދުނިޔެ އެބަ ދައްކަ އެވެ.
މި ދެންނެވި ވާހަކަތަކުގެ ތެރެއަށް އަދިވެސް އިތުރުކޮށްލަމާ ހިނގާށެވެ. ފަރަންސޭސީންގެ މީހުން އެބައިމީހުންގެ އިންގިލާބުގައި ރަސްގެފާނާ ރާނީގެ އިސްތަށިފުޅު ކަނޑާލި އެވެ. އެކަމަކު އުފެދުނު ޖުމުހޫރީ ސަރުކާރުން އެ ރަސްގެފާނު ދިރިއުޅުއްވި ގަނޑުވަރު ...އާދެ ވަސާއީގައި މިހާރުވެސް ފެންނަން އެހުރި ގަނޑުވަރު ތަޅައެއް ނުލަ އެވެ. ރޫސީންވެސް ހަމަ މިފަދަ އެވެ. އެބައިމީހުންގެ ރަސްގެފާނާ މުޅި ޝާހީ އާއިލާގެ ހަށިކޮޅަށް ބަޑިޖަހާ އަވަހާރަކޮށްލީ ނޫންތޯ އެވެ. އެކަމަކު އަދިވެސް ރޫސީ ވިލާތުގައި ރޯމަނޯވް ދަރިކޮޅުގެ ގަނޑުވަރުތަކާ އާސާރުތައް އެހެރީ ފެންނާށެވެ. އެ ތަންތަން ބެހެއްޓި ސަބަބަކީ ކޮބައިތޯ އެވެ؟ އެއީ އެބައިމީހުންނަކީ އަމިއްލަ ވެރިކަމެއްގެ މަތީގައި ތިބި ބައެއްކަމުގެ ހެކިތަކަށް ވާތީ އެވެ. އެއީ އެ ގައުމުގެ ތާރީހުކަމަށް ވީތީ އެވެ.
ވިލާތުގެ ގައުމުތަކާ އެނޫންވެސް ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތަކުގެ ފިލްމު އިންޑަސްޓުރީއަށް ބައްލަވާށެވެ! ތާރީހުގެ ހާދިސާތަކަށް ހެދިފައި ހުރި ޝައުގުވެރި ފިލްމުތައް ގުނާ އަދަދު ނުކުރެވެ އެވެ. މާޒީގެ މައްޗަށް "ފޮނިތޮށި" އަޅައިގެން މީހުން ޝައުގުވެރިވާނޭހާ ގޮތްގޮތް ހަދައިގެން އުފައްދަމުން އަންނަހާ ފިލްމުތަކާ ސީރީސްތަކުގެ ގިނަކަން ފެންނާނެ އެވެ. އެކަންކަމަށް އެތަންތަނުގެ ސިޔާސަތުގެ ތެރެއިން މަގު ފަހި ކުރަމުން އެ އަންނަ ބޭނުމަކީ ހަމައެކަނި އެތަންތާގެ ރައްޔިތުންނަށް މުނިފޫހި ފިލުވާދިނުމުގެ ބޭނުމުގައި ހެއްޔެވެ؟ ނޫނެކެވެ. އޭގެ އަޑީގައި ފޮރުވިފައިވަނީ ވަރަށް ބޮޑު ގައުމީ މަގުސަދެކެވެ. އެއީ އެތަންތަނުގައި އުފެދޭހާ ޖީލުތަކެއްގެ ހިތްތަކުގައި އެ ގައުމަށް ފަހުރުވެރިވުމުގެ އޮށް އިންދުމެވެ. މާދަމާ ދައުލަތް ނަގަހައްޓާނޭ ދަރީން އުފެއްދުމެވެ. އެބައިމީހުންގެ ބަތަލުންނަކީ ހަނގުރާމައަށް ފިލަން ދުވި ބަޔެކޭ، އެއީ ފިނޑިންނޭ ނުގޮވާނޭ ޖީލެއް އުފެއްދުމަށްޓަކަ އެވެ.
ދިވެހީން ދެއްތޯ އެވެ! ދިވެހީންގެ ގައުމު މުސްކުޅިވެފައި ދައުލަތް ދޮށްޓެވެ. ރޫމީން ދުނިޔޭގައި ވެރިކަން ކުރި ޒަމާނުގައިވެސް މިރަށްތަކުގައި "ދިވެހީންގެ ރަސްކަމޭ" ބުނެ ދައުލަތެއް އުފަންކޮށްގެން ދިވެހީން ދިރިއުޅެމުން ދެއެވެ. މިކަން ހުދު ރޫމީންގެ ތާރީހު އިލްމުވެރީންގެ ލިޔުއްވުންތަކުން ސާބިތުވެ އެވެ. ދުނިޔޭގެ ބޯދާ ޒަމާނުން ފެށިގެން މިއަދާއި ހަމައަށް ދިވެހީންގެ ދައުލަތް ދެމިގެން އަތުވެއްޖެ އެވެ. ހަރުދަނާކަމެއް ނެތް ބަޔަކު މިރަށްތަކުގައި ދިރިއުޅުނުނަމަ މިހާ ދިގު އުމުރެއްގެ މައްޗަށް މި ދައުލަތް ދެމި އޮތީސް ހެއްޔެވެ؟ ދާދި އިހަށް ދުވަހު ދުނިޔެއިން ފޮހެވިގެން ދިޔަ ޒަންޒިބާރު ފަދައިން މިރާއްޖެވެސް އެހެންނާ ފޮހެވި ހިނގާއްޖެ ނޫންހެއްޔެވެ.
އާދޭހެވެ! ދުނިޔޭގެ އެހެނިހެން ތަހުޒީބު ދައުލަތްތައް ފަދައިން ދިވެހީންނަށްވެސް މިޒަމާނާއި ހަމައަށް އާދެވިފައި މިވަނީ ދިވެހި މުޖުތަމައުގެ ތެރޭގައިވެސް ގައުމީ އުންސުރުތަކެއް އިންދިފައި އޮވެގެންނެވެ. ފާއިތުވެދިޔަ ވެރިކަންތަކުން އެކަންކަން އޮބަހައްޓަމުން ނަގަހައްޓަމުން އައިސްފައި ވާތީ އެވެ. ދިވެހި ބިމުގައި އުފެދެމުން ދިޔަހާ ޖީލުތަކުގެ ހިތްތަކުގައި ގައުމީ ރޫހު ދިރިފައި އޮތީތީ އެވެ. ތިމާމެންނަކީވެސް ފަހުރުވެރިވުން ހައްގު ގައުމެއްގެ ވެރި ބަޔެއްކަން މިތަނުގައި ދިރިއުޅުނު މީހުން ދަނެގެން ބުނެދެމުން އައިސްފައި ވާތީ އެވެ.
އިއްޔެ އާއި މިއަދު ހާސްބައި ފަރަގެވެ. އިއްޔެގެ ދިވެހި މަންމައިން ކުޑަ ދަރިފުޅު ނިންދަވަން އުނދޯއްޔަށް އަރާ އިނދެ ކިޔަމުން ދިޔަ ނާނާ ތަކާ، އެކުދީންނަށް ކިޔައިދެމުން ދިޔަ ވާހަކަތަކުން މި ބަހުގެ މައްޗަށް ހެއްކާ ދަލީލު ލިބޭނެ އެވެ. ކުޑަ މިސާލެއް ބޭނުންފުޅު ވެލައްވާނަމަ އިހު ކިޔާ އުޅުނު ކޮއިމަލާކަލޯ ވާހަކައަށް ބައްލަވާށެވެ. އެއީ ބޮޑު ފޯކުލޯރެކެވެ. އެހެނަސް ހަގީގީ ހާދިސާތަކެއްގެ މައްޗަށް އުފައްދައިގެން ދިވެހި ފަސްގަނޑުގައި ބޮޑުވަމުން ދިޔަ ކުޑަކުދީންނަށް ކިޔައިދެމުން ދިޔަ ވާހަކައެކެވެ. އެއީ ކޮން ބޭފުޅެއްގެ ވާހަކައެއް ހެއްޔެވެ؟ މީގެ ހާސް އަހަރު ކުރިން އުޅުއްވި ދިވެހީންގެ ބަތަލެއްގެ ވާހަކައެވެ. އެއީ ހަނގުރާމަވެރި ރަސްކަލެކެވެ. ސްވަސްތީ ސްރީ މާނާބާރުނަ މަހާރަދުންނެވެ. އަދި މިނޫނަސް މިފަދަ އެތައް ވާހަކައެއް ވެ އެވެ.
ޝައްކެއްވެސް ނެތެވެ! ރާއްޖެއަކީވެސް ހަޟާރަތެއްގެ ވެރި ބައެއް އުޅުނުތަނެކެވެ. އިލްމާއި ހުނަރާއި ފަންނު ކުރިއަރާފައި އޮތް ތަނެއްވެސްމެއެވެ. މީގެ އެތަކެއް ހާސް އަހަރު ކުރީގެ ލިޔުންތެރީންވެސް ރާއްޖެ އާއި ދިވެހީންގެ އިލްމުވެރިކަމާ ފަންނުވެރިކަމުގެ މައްޗަށް ތައުރީފުގެ ބަސް ރައްދުކޮށްފައި ހުރި ކިތަންމެ ލިޔުމެއް ފެންނާން އެބަހުއްޓެވެ. އިސްވެ ދިޔަ ޒަމާންތަކުގައި އުޅުއްވި ކިތަންމެ ދިވެހި ލިޔުންތެރީންނެއް ލިޔުއްވާފައި ހުރި ލިޔުންތަކާ ފޮތްފޮތްވެސް މިތަނުގައި ފެންނަން ހުއްޓެވެ. މީގެ އިތުރަށް އެއިރުގެ ރަސްރަސްކަލުންގެ އަމުރުފުޅަށް ލިޔެފައި ހުރި ލިޔުންތައްވެސް ރައްކާކުރެވިފައި ހުއްޓެވެ. ހަމައެހެންމެ މިތަނުގައި ޙަޟާރަތެއް އުފަންވެ އޮތްކަމުގެ މައްޗަށް ހެކި ދައްކާނެ ކިތަންމެ އާސާރެއް ވެސް އަޅުގަނޑުމެންގެ ތެރޭގައި ހުއްޓެވެ. މިހާރު އެ ތަކެއްޗާއި ތަންތަނުގެ ތެރެއިން ހުރީ މަދު ތަންތަނަކާއި ތަކެއްޗެވެ.
މި ދެންނެވީ އިއްޔެގެ ވާހަކައެކެވެ. މިއަދުގެ ޖީލުތައް ބޮޑުވަމުން އައިސްފައިވަނީ އަމިއްލަވަންތަކަމާއި ގުޅޭ މާގިނަ ހަބަރެއް އެނގުމަކާއި ނުލައެވެ. ގައުމުގެ ތާރީހު ވަނީ މަދްރަސީ ތައުލީމުން އެކަހެރި ކުރެވިފަ އެވެ. ސަގާފަތް ދިޔައީ އެތައް ސަބަބުތަކަކާއި ހުރެ ނައްތާލަމުން ނެތެމުންނެވެ. ތަރައްގީ އާއި ތަހުޒީބުގެ ނަމުގައްޔާއި އެނޫންވެސް އެހެނިހެން ސަބަބުތަކާއި ގުޅިގެން އިހު ކާބަފައިން ދޫކުޅަ ކިތަންމެ އާސާރެއް ތަޅައި ސުންނާފަތި ކުރީ ހަމަ ދިވެހީންނެވެ. ތިންހާސް އަހަރުވީ މި ގައުމުގެ ތެރެއިން އުފެދި ދިޔަހާ ބަތަލުންނަށް މަލާމާތާއި ފުރައްސާރައިގެ ބަސްބަސް ރައްދު ކުރަމުން ދިޔައީ ބޭރުގެ ބަޔެއް ނޫނެވެ. ހަމަ މަށް ދިވެހި ދޫތަކުންނެވެ. އެއީ ދިވެހި ތަރުބަވީ ނިޒާމާއި ތައުލީމީ ނިޒާމުން "އަމިއްލަވަންތަ އައިޑެންޓިޓީ" މުޅީން އެކަހެރިކޮށްފައި އޮތްކަމުގެ ހިތި ނަތީޖާ އެވެ.
މި ވާހަކައީވެސް ދިގު ވާހަކައެކެވެ. ކުރުކުޅައުމުގެ ގޮތުން މިޒަމާނަށް ޖެހިލަމާތޯ އެވެ؟ އިއްޔެ އާއި ހަމައަށް ފެންނަން ހުރި އާސާރުތައް ކޮބައިތޯ އެވެ؟ އަމިއްލަވަންތަ ވެރިކަމެއްގެ މަތީގައި ތިބި ބައެއްކަމުގެ ހެކި ދައްކާން ހުރި ޒަމާންވީ ރަސްކަމުގެ ގަނޑުވަރު ކޮބައިތޯ އެވެ؟ މުއްސަނދި ފޯރުންތެރި ބައެއްކަމުގެ ހެކި ދައްކާން ހުރި ދުވަސްވީ ސީނުތަށިތަކާއި މުށިކަންވާރުގެ ތަކެތި ކޮބައިތޯ އެވެ؟ ޖާހިލު ބައެއް ނޫންކަމާއި އިލްމުވެރި ބައެއްކަމުގެ މައްޗަށް ހެކިދައްކާން ހުރި ބޭސް ފޮތްފޮތާއި ނުޖޫމީ އިލްމުގެ ފޮތްފޮތާއި ތާރީހުގެ ހަބަރު ހުރި ލޯމާފާނުތަކާއި ރާދަވަޅިތައް ކޮބައިތޯ އެވެ؟ އަދިވެސް...އަދިވެސް..އެވެ. މި ހުރިހާ ތަކެތި ނެތި ދިޔައީ މާ ދުރު ޒަމާނެއްގައެއް ނޫނެވެ. ދާދި އިހަށް ދުވަހޭ ދެންނެވުމަކީ ދޮގެއް ނޫނެވެ. މި ތަކެތި ނައްތާލި އަދި ވިއްކާލި ތަން ދުށް ގިނަ މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވި އެވެ.
ނަވާރަސަތޭކެ ފަސްދޮޅަސް އަށެއްގައި ދިވެހި ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ އުފެދުނު ސަރުކާރާ އެކު ފެށިގެން ދިޔައީ މުޅި ދިވެހީންގެ މާޒީގެ ނެތުމެވެ. ރަސްކަމުގެ ގަނޑުވަރު ތަޅާ ސުންނާފަތި ކުރެވުނެވެ. 1970 ގެ ތެރޭގައި ފެށުނު ޓޫރިޒަމާއި އެކު ޓޫރިސްޓު ފިހާރަތަކުގައި ވިއްކަމުން ދިޔައީ އަގުބޮޑެތި ދިވެހީންގެ އާސާރުތަކެވެ. ޓޫރިސްޓު ރިސޯޓުތައް ހެދުމަށްޓަކައި ރަށްރަށް ދޫކުރަމުން ދިޔައިރު ތަޅާ ސުންނާފަތި ކުރެވުނީ ދިވެހި ކާބަފައިންގެ މަސައްކަތްތަކެވެ. ދޯނި ފަހަރުތަކުގެ ކަބީލާއަށްޓަކައި މުސްކުޅި ލޯމާފާނުތައްވެސް ވިރުވީއެވެ. ސިހުރު ފޮތްފޮތް ކަމަށް ހީކޮށްގެން ދިވެހީން ލިޔެފައި ހުރި ނުޖޫމީ ޢިލްމުގެ ފޮތްފޮތާއި ބޭސްފޮތްފޮތް ވެސް އަންދާލީއެވެ. ގަނޑުވަރުންނާއި އެތަން މިތަނުން ނެރެވުނު އެތައް އާސާރުތަކެއް ނީލަމުގައި ވިއްކާލީއެވެ. ...އަދިވެސް....އަދިވެސް އެވެ.
އެހެންނަމަވެސް މިއަދު އެހެނެއް ނޫނެވެ. ދިވެހީންގެ ގައުމު ދިރުވާ އާލާކުރުމަށްޓަކައި އަދުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް އައްސަރިބަހާ ސާބަސް ރައްދުކުރަމެވެ. އިހުގައި ބޮޑެތި ފައިސާވެރިން ރިސޯޓެއް ހައްދަވަން ބޭނުންފުޅުވީމާ އާސާރުތަކަށް ޖެހެނީ ފުނޑި ނެތި ދާށެވެ. އެގޮތުން ނެތި ދިޔަ ކިތަންމެ ތަނެކެވެ. މިއަދު އެހެނެއްނޫނެވެ. މިއަދު ގައުމުގެ ތާރީހުގެ ކުރިމަތީގައި ރިސޯޓުވެސް ޖެހެނީ އިސްދަށަށް ޖަހާށެވެ. ކޮންމެ ތަނެއް ތަރައްގީ ކުރި ކަމުގައި ވިޔަސް އާސާރެއް ފެނިއްޖެނަމަ މަޑުޖެހެންޖެހެ އެވެ. މިކަން އެކަންޏެއް ނޫނެވެ.
މި މަޒުމޫނު ވިދާޅުވަމުން ގެންދަވާ ވަރަށް ގިނަ އަތޮޅުތަކާ ރަށްރަށުގެ ޒުވާނުންނަށް އެރަށްރަށުގައި ތާރީހަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ސެޝަން ގެންދެވިފައިވާކަން އެނގިވަޑައިގަންނަވާނެ އެވެ. ކެލައައްޑޫ ދެމެދުގެ ވަރަށް ގިނަ ރަށްރަށަށް އަމާޒުކޮށްގެން އެކި ރަށްރަށުގައި ހިންގުނު ޔޫތު ލީޑަރ ނެޓްވޯކުގެ ސެމިނާރތަކުގެ ތެރޭގައި ތާރީހު ސެޝަންތައް ސަރުކާރުން ހިންގައިފި އެވެ. މަޑުމަޑުން ނަމަވެސް ތާރީހީ ހާދިސާތަކުގެ މައްޗަށް ޑޮކިޔުމެންޓްރީވެސް ހަދަން ފަށައިފި އެވެ. ކުރެހުންތެރިންނާ އެނޫންވެސް ފަންނުވެރީން ބޭނުންކޮށްގެން ދިވެހި ޤައުމިއްޔަތުގެ އަޑު އެކި ސޫރަސޫރައިގާ އިއްވަން ފަށައިފި އެވެ. ފައިސާ އާއި އެހީ ލިބެމުންދާ ވަރަކަށް ދިވެހި ކާބަފައިން ދޫކުޅަ އާސާރުތައް އަލުން ބަލުން ހަދަން ފައްޓައިފި އެވެ.
އާދޭހެވެ! ސިޔާސަތާއި ވެރިކަމުގެ ދާއިރާއިން ދިވެހި ގައުމިއްޔަތަށް ފުޅާ ތަނަވަސް ޖާގައެއް ދެއްވައިފި އެވެ. ފަންނުވެރީންނާ ހުނަރުވެރީންނަށް ޖާގަތައް މަޑުމަޑުން ހުޅުވެން ފަށައިފި އެވެ. ދެން އަންނަހުށީ މަޑުމަޑުން ދިރެމުން އިތުރު ފުރުސަތްތައް ހުޅުވެމުންނެވެ. ތައުލީމުގެ ތެރެއިންވެސް ތާރީހާއި ގައުމިއްޔަތަށް ޖާގަ ދެއްވާނެކަމަށް ވެރިކަމުގެ ފަރާތުން އިއުލާން ކުރައްވައިފި އެވެ. ބޭނުމަކީ ކޮބައިތޯ އެވެ؟ ދިވެހި ގައުމު ނެގެހެއްޓުމެވެ. ތާރީހާ ސަގާފަތް ނެގެހެއްޓުމާ ގައުމެއްގެ ދިރުމާ ގުޅިފައިވަނީ ކިހިނެއްކަން މި މަޒުމޫނުގައި އިސްވެ ދެންނެވިއްޖެ އެވެ.
އާދޭހެވެ! މުސްތަގުބަލަށް އޮތީ އުފާވެރިކަމެވެ. "މާޒީގެ އުޖާލާ މަންޒަރުތައް، މާރީތި އުފާވެރި ކުރެހުންތައް، ދާތީ އަދު ހާމަވަމުން ކުލަތައް ތާރީހު އަލުން އީއާދަވަނީ"...އެވެ.
Comment