Advertisement

އަރަބިއްޔާ ސްކޫލު އެޅުން ލަސްވަނީ ކުރެހުމަށް ސިޓީ ކައުންސިލުން ހުއްދަ ނުދީގެން: މިނިސްޓަރު

7 ސެޕްޓެންބަރު 2023 - 12:17 1

ނިމާ ހަސަން

ނިމާ ހަސަން

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ; އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުން ލަސްވަނީ ސިޓީ ކައުންސިލުން ހުއްދަ ނުލިބިގެން ކަމަށް ވިދާޅުވި -- ފޮޓޯ: އިޔާން/ އަދަދު


އަރަބިއްޔާ ސްކޫލު އެޅުން ލަސްވަނީ ކުރެހުމަށް ސިޓީ ކައުންސިލުން ހުއްދަ ނުދީގެން: މިނިސްޓަރު

7 ސެޕްޓެންބަރު 2023 - 12:17 1

އަރަބިއްޔާ ސްކޫލާއި, ޖަމާލުއްދީން ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮތީ, އެކަމަށް ބޭނުންވާ ކުރެހުންތަކަށް ސިޓީ ކައުންސިލުން ހުއްދަ ނުދީގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު 'އަދަދު' އަށް ވިދާޅުވީ, އެ ސްކޫލުތަކުގެ މަސައްކަތް ހަވާލު ކުރި ފަރާތުން މަސައްކަތު ސައިޓުގައި މިހާރު މަސައްކަތް ފަށާފައިވާ ކަމަށާއި, ނަމަވެސް ކުރެހުމަށް ހުއްދަ ނުލިބޭތީ މަސައްކަތް މަޑުޖެހިފައި އޮތް ކަމަށެވެ. އަދި ކުރެހުމަށް ހުއްދަ ލިބޭހާ އަވަހަކަށް މަސައްކަތް ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި, އެ ދެ ސްކޫލުގެ އާ އިމާރަތަށް ފުރަތަމަ ކުރެހި ކުރެހުމުގައި މައްސަލައެއް ހުރެގެން, ކުރެހުން ބަދަލު ކުރުމަށްފަހު, ސިޓީ ކައުންސިލުގެ ހުއްދައަށް އެދި މިދިޔަ މަހު 29ގައި ހުށަހަޅާފައިވާ ކަމަށެވެ.

"ކުރެހުންތައް ހިފައިގެން ދިއުމުން ސިޓީ ކައުންސިލުން ފުރަތަމަ ބޭނުމެއް ނުވި ބަލައިގަންނަން, ބައެއް ލިޔެކިއުންތައް މަދު ކަމަށް ބުނީ. ނަމަވެސް ލިޔެކިއުންތައް ދެއްކުމުން, ހުރިހާ އެއްޗެއް ހަމަކަން ޔަގީންކޮށްފައި ބަލައިގަތީ" އައިޝަތު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ, ލިޔެކިއުންތައް ހުށަހަޅަން ދިއުމުން އެ މިނިސްޓްރީން ދިޔަ މުވައްޒަފާާއި, ސިޓީ ކައުންސިލުގެ މުވައްޒަފުން މުއާމަލާތް ކުރީ ހުތުރުކޮށް ކަމަށާއި, އެ މަސައްކަތް ކުރަނީ ވޯޓު ކައިރިވީމައި ކަމަށް ބުނެ މަލާމާތް ކުރި ކަމަށެވެ.

ހުރިހާ ލިޔުމެއް ހަމަކަން ޔަގީން ކުރުމަށްފަހު ހުށަހެޅުން ބަލައިގަން ނަމަވެސް, ހޯމަ ދުވަހު އިތުރު ލިޔުންތައް ހޯދަން ކައުންސިލުން އެދުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެތަކެތި ހޯދަން ކޮންޓްރެކްޓަރަށް ރިކުއެސްޓް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން ފަހުން އެދުނު ލިޔުންތަކަކީ ކުރެހުމަށް ހުއްދަ ދޭން މީގެ ކުރިން ދުވަހަކުވެސް ހުށަހަޅަން ނުޖެހޭ ލިޔުންތަކެކެވެ. އެހެންކަމުން މިހާރު އެ ލިޔުންތައް ހުށަހަޅަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ކުރިން ހުށަހަޅާފައިވާ ބައެއް ލިޔުންތައް އަލުން ހުށަހަޅަން ވެސް ސިޓީ ކައުންސިލުން އެދިފައިވާ ކަމަށެވެ.

މިނިސްޓަރު އައިޝާ ތުހުމަތު ކުރައްވާ ގޮތުގައި ލިޔުންތަކުގެ މައްސަލާގައި ކަމަށް ބުނެ ސިޓީ ކައުންސިލުން އެ ހުއްދަ ދިނުން ލަސް ކުރަނީ ގަސްތުގަ އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު, މިހާރު އެ ސްކޫލު ހިންގަމުން ދަނީ ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތުގަ އެވެ. އެތަނަށް އަރަބިއްޔާ ބަދަލުކުރީ ކުރިން ފޮރިން މިނިސްޓްްރީ ހިންގި އެމްޓީސީސީގެ ވަގުތީ އިމާރާތުގައި އެ ސްކޫލު ހިންގުމަށްފަހު އެވެ.

އަރަބިއްޔާ ސްކޫލު އެހެން ތަންތަނުގައި ހިންގަން ޖެހިފައި މިވަނީ, އެ ސްކޫލު ހިންގި އިމާރާތުގެ ސްޓަރަކްޗަރަށް ދިމާވެފައިވާ މައްސަލަތަކަަކާ ގުޅިގެން އެތަނުގައި ކިޔަވައި ދިނުން ރައްކާތެރި ނުވުމުންނެވެ.