7 ސެޕްޓެންބަރު 2023 - 08:45 0
ބޫޓާންގެ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ އީތަން (ވ) ބޯޅަ ހިފައިގެންދަނީ.
7 ސެޕްޓެންބަރު 2023 - 08:45 0
މިހާރު ކުރިއަށްދާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާންގެ މައްޗަށް 3-2 އިން ކުރިހޯދައި ރާއްޖޭން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މިއީ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމެއް ސަރަަހައްދުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް ސެމީގައި ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ވަނީ 2019 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އެ ފަަހަރު ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ތިން ވަނަ ހޯދީ، ތިން ވަނަ ހޮވަން ކުޅުނު މެޗުން 1-0 އިން ބޫޓާން ބަލިކޮށްފަ އެވެ.
ބޫޓާންގެ ތިމްޕޫގެ ޗަންގްލިމިތަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރާއްޖެ އަށް ލީޑުނަގައިިދިނީ ހަތަރު ވަނަ މިނިޓްގައި މުހައްމަދު އިލާން އިމްރާން އެވެ. ރާއްޖެ ޓީމުގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ ދިން ބޯޅައަކުން އޭރިއާ ރޮނގުކައިރިން އިލާން ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމު.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ބޫޓާން އިން ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލި އެވެ. އެ ގޮތުން މެޗުގެ 42 ވަނަ މިނިޓްގައި ބޫޓާން ޓީމުގެ ސޯނަމް ޑޯޖީ އަށް ލިބުނު ފުރުސަތުން އޭނާ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި އޭނާ އިތުރު ގޯލެއް ޖަހައި، ބޫޓާނަށް ލީޑު ހޯދައިދިނެވެ. މިއީ ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ޝޮޓަކުން ސޯނަމް ޑޯޖީ ޖެހި ގޯލެކެވެ.
އެކަމަކު، ލީޑުގައި އޮވެ، ބޫޓާނަށް ފުރަތަމަ ހާފު ނިންމައި ނުލެވުނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ހިލޭޖެހުމަކުން އީތަން ނެގި ބޯޅައެއް ޑިފެންސްކުރަން އުޅުމުގެ ތެރޭގައި ބޫޓާންގެ ވަންޗުކް ޑޯޖީ ބޮލުގައި ޖެހިފައި ވަނީ ބައިކޮޅަށެވެ.
ރާއްޖެ މޮޅުވި ގޯލު މެޗުގެ 71 ވަނަ މިނިޓްގައި ޖެހީ އީތަން އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އީތަން ވަނީ ހަމަޖެހިލައިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ސެމީގެ ޖާގަ ރާއްޖޭން ހޯދީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް އޭގެ އެއް ވަނަ ދިޔައީ ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދި ޕާކިސްތާން އެވެ. ރާއްޖެ އަށް ދެ ވަނަ ލިބުނީ ތިން ޕޮއިންޓާ އެކު އެވެ. މާދަމާ ކުޅޭ ސެމީ ފައިނަލް މެޗުގައި ރާއްޖެ ކުޅެން ޖެހޭނީ ގްރޫޕް ބީގައި ދެ މެޗުން މޮޅުވެ، އެއް ވަނަ ހޯދި އިންޑިއާއާ އެެވެ.
Comment