7 ސެޕްޓެންބަރު 2023 - 10:13 0
7 ސެޕްޓެންބަރު 2023 - 10:13 0
ލިސްބަން (ސެޕްޓެމްބަރު 7) - އޭނާ އަށް ސަޕޯޓްކުރިކަމުގައި ވިޔަސް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދެކެ ރުޅި އަންނަން ނުޖެހޭ ކަމަށާއި، މެސީ އަށް އިހުތިރާމް ކުރުމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވާދަވެރި ދެ ކުޅުންތެރިންނަކީ މެސީ އާއި ރޮނާލްޑޯ އެވެ. އެ ގޮތުން، 2022 ވަނަ އަހަރަކީ 2007ގެ ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލޮންޑޯ އެވޯޑްގެ ގަދަ ތިނެއްގައި މެސީ އާއި ރޮނާލްޑޯ ނުހިމެނުނު ފުރަތަމަ ފަހަރެވެ.
މި ދެ ކުޅުންތެރިންގެ ވާދަވެރިކަމުގެ އަސަރު އެންމެ ބޮޑަށް ފެންނަނީ ސަޕޯޓަރުންގެ ތެރޭގަ އެވެ. މިގޮތުން މެސީގެ ސަޕޯޓަރުންނާއި ރޮނާލްޑޯގެ ސަޕޯޓަރުންގެ މެދުގައި އަބަދުވެސް ބަހުސްތައް ކުރިއަށްދެ އެވެ.
މި ވަގުތު ޕޯޗުގަލްގެ ގައުމީ ޓީމާ އެކު ހުރި ރޮނާލްޑޯ ގާތުގައި މެސީއާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން އޭނާ ބުނީ މެސީ އަކީ އޭނާގެ "އެކުވެރިއެއް" ނޫން ކަމަށާއި، ނަމަވެސް ދެ ކުޅުންތެރިންވެސް އެކަކު އަނެކަކަށް އިހުތިރާމްކުރާ ކަމަށެވެ.
ރޮނާލްޑޯ ބުނީ ދެ ކުޅުންތެރިންނަކީ ދުނިޔޭގެ ފުޓްބޯޅަ ބަދަލުކޮށްލި ހުނަރުވެރި ދެ ކުޅުންތެރިން ކަމަށާއި، އެކަކު އަނެކަކު ދެކެ ރުޅި އަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ދެ މީހުން އެކުގައި 15 އަހަރު ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚު ލިޔެވިއްޖެ ކަމަށާއި، މިއީ ދެ ކުޅުންތެރިންނަށް ވެސް އިހުތިރާމް ހައްގުވާން ޖެހޭ ސަބަބެއް ކަމަށެވެ.
"އަހަރެންދެކެނީ މެސީއާ އެކު ހޭދަވި 15 އަހަރަކީ ބޮޑު ވާދަވެރިކަމަކަށް ވުރެ ބޮޑަށް ފުޓްބޯޅައިގެ ތާރީޚު ބަދަލުކޮށްލި އަހަރުތަކެއްގެ ގޮތުގައި. ދެ ކުޅުންތެރިން އެކުގައި އެކަން ކުރެވިއްޖެ. އެހެންވީމާ އޭނާ އަށް ވެސް އެ އިހުތިރާމް ލިބެންޖެހޭނެ ކަމަށް ގަބޫލުކުރަން" ސައުދީ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ ބުންޏެވެ.
މެސީ ކުރިން ކުޅުނު ބާސެލޯނާއާ އެންމެ ވާދަވެރި ރެއާލް މެޑްރިޑަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ރޮނާލްޑޯ ވަނީ އޭނާ އަށް ސަޕޯޓްކުރާ މީހުން މެސީދެކެ ރުޅި އަންނަން ޖެހޭނެ ކަމަށް ނުދެކޭ ކަމަށާއި، މެސީ އަކީ ވެސް މޮޅު ކުޅުންތެރިއަކަށް ވާތީ އެ ކަމަށް އޭނާ އަށް އިހުތިރާމް ދޭންޖެހޭނެ ކަމަށް ބުނެފަ އެވެ.
ޔޫރަޕްގެ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދައި ގިނަ ރެކޯޑުތަކެއް ހޯދާފައިވާ ދެ ކުޅުންތެރިން ވެސް މިހާރުވަނީ ޔޫރަޕް ބައްރު ދޫކޮށް ދުނިޔޭގެ ދެ ހިސާބަކަށް ބަދަލުވެފަ އެވެ. އެ ގޮތުން ރޮނާލްޑޯ ކުޅެނުން އަންނަނީ އޭޝިއާ ބައްރުގެ ސައުދީ އަރަބިއްޔާ ލީގުގެ އަލް ނަސްރަށެވެ. އަނެއްކޮޅުން މެސީ ކުޅެމުން އަންނަނީ އުތުރު އެމެރިކާ ބައްރުގައި އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށެވެ.
Comment