Advertisement

މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ދަސްވެނިވުން، 18 ދަރިވަރަކަށް ޕައިލެޓް ލައިސަންސް

7 ސެޕްޓެންބަރު 2023 - 12:29 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ފްލައިން އެކަޑަމީގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ގްރެޖުއޭޝަން. މި ބެޗުގައި ކިޔެވި 18 ދަރިވަރުންނަށް ޕައިލެޓް ލައިސަންސް ވަނީ ލިިބަފަ --- ފޮޓޯ: އަދަދު


މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ދަސްވެނިވުން، 18 ދަރިވަރަކަށް ޕައިލެޓް ލައިސަންސް

7 ސެޕްޓެންބަރު 2023 - 12:29 0

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ ދަށުން ގަން އެއާޕޯޓުގައި ހިންގަމުން އަންނަ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ޕައިލެޓުން ތަމްރީނުކުރުމަށް ހިންގި ފުރަތަމަ ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ދަރިވަރުންގެ ގްރެޖުއޭޝަން ބާއްވައިފި އެވެ.

ފްލައިން ސްކޫލުން ގުރެޖުއޭޓްވި 18 ދަރިވަރުންނަށް ސެޓްފިކެޓް ދިނީ އެކަމަށްޓަކައި ރޭ މީރުމާ އިވެންޓްހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

އެރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ ރާއްޖޭގެ އެވިއޭޝަން ދާއިރާގެ ކުރިމަގަށްޓަކައި އެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރަން ޖެހޭ ކަމަށާއި އެ އިންޑަސްޓްރީގައި ދިވެހިން މަސައްކަތްކުރާ ނިސްބަތް މިހާރަށްވުރެ އިތުރުކުރަންޖެހޭ ކަމަށެވެ.

ނައިބު ރައީސް ފައިސަލް، ފްލައިން އެކަޑަމީގެ ފުރަތަމަ ބެޗުގެ ދަރިވަރަކަށް ގްރެޑުއޭޝަން ސެޓްފިކެޓް ހަވާލުކުރަނީ --- ފޮޓޯ: އަދަދު


"ފްލައިން ސްކޫލުގައި މިހާރު ހުރި އެއާކްރާފްޓުގެ އަދަދަކީ އަޅުގަނޑުމެން ހިތްހަމަޖެހޭ މިންވަރެއް ނޫން. އެކަމަކު އެ އަދަދާއެކު އަޅުގަނޑުމެން ނުފެށިނަމަ މިކަން އޮންނާނީ ނުވެފަ. އަޅުގަނޑުމެންގެ އުއްމީދަކީ ފްލައިން އެކަޑަމީ ފުޅާވެ ދުނިޔޭގެ އެކި އެކި ގައުމުތަކުން ދަރިވަރުން ރާއްޖެ އައިސް މި އެކަޑަމީން ތަމްރީނުވުން" ފައިސަލް ވިދާޅުވި އެވެ.

އައްޑޫގައި ކުރިން ހިންގި އޭޝިއަން އޭވިއޭޝަން އެކަޑަމީ (އޭއޭއޭ ފްލައިން ސްކޫލް) އަށް ދިމާވި ގޮންޖެހުންތަކާއި ހެދި އެ އެކަޑަމީ ބަންދުކޮށް، ދިވެހި ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓުމަކަށް އައިސް ކުރިމަތިވި ދަތިތަކަށް ހައްލު ހޯދައިދިނުމަށް މި ސަރުކާރުން ކުރި މަސައްކަތްތަކާއި އަދި މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އުފެއްދުމަށް ކުރި މަސައްކަތްތަކަށް އޭނާ އަލިއަޅުއްވައިލެއްވި އެވެ.

ފްލައިން ސްކޫލުން ކިޔަވަމުން އައި ދަރިވަރުންގެ ތެރެއިން 18 ދަރިވަރުން ކޯސް ފުރިހަމަ ކޮށްފައިވާއިރު އެ ސްކޫލުގައި މިހާރުވެސް 15 ދަރިވަރަކު އަންނަނީ ކިޔަވަމުންނެވެ. އިތުރު 10 ދަރިވަރަކު އެ ތަމްރީނުތައް ފެށުމަށް ތައްޔާރު ވަމުން އަންނަ އިރު 26 ދަރިވަރަކު ފްލައިން ސްކޫލަށް އަލަން އެންރޯލްވާން ވަނީ އެދިފަ އެވެ.

ފްލައިން އެކަޑަމީގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ގްރެޑުއޭޝަންގައި އައިއޭއެސްގެ އެމްޑީ މިހާދު އަދި ޑީއެމްޑީ ޖެނިފާ. މި ބެޗުގައި ކިޔެވި 18 ދަރިވަރުންނަށް ޕައިލެޓް ލައިސަންސް ވަނީ ލިިބަފަ --- ފޮޓޯ: އަދަދު


ފްލައިން ސްކޫލުން ރޭ ގްރެޖުއޭޓުވީ މުޅިން ވެސް ދިވެހި ކުދިންނެވެ. އޭގެ ތެރޭގައި ކޮމާޝަލް ޕައިލެޓް ލައިސަންސް ހާސިލުކުރި ދަރިވަރަކާއި، ކޮމާޝަލް ޕައިލެޓް ލައިސަންސް ވިތް ސިންގަލް އިންޖީން އިންސްޓުރޫމަންޓް ހާސިލުކުރި 15 ދަރިވަރަކާއި ކޮމާޝަލް ޕައިލެޓް ލައިސަންސް ވިތް މަލްޓި އިންޖީން އިންސްޓުރޫމަންޓް ހާސިލުކުރި ދެ ދަރިވަރުން ހިމެނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ މިއީ އޭވިއޭޝަން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ދާއިރާގެ މުސްތަގުބަލަށް ބޭނުންވާ ޕައިލެޓުން ބިނާކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި ހިއްސާވެވުމަކީ އެކުންފުންޏަށް ލިބޭ އުފަލެއް ކަމަށް ވިދާޅުވި އެވެ.

އޭޝިއަން އޭވިއޭޝަން އެކަޑަމީއަށް ދިމާވި ގޮންޖެހުންތަކާއި ހެދި ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓުމަކަށް އައިސްފައިވަނިކޮށް، އެ ދަރިވަރުންނަށް ކުރިމަތިވި ދަތިތަކަށް ޙައްލު ހޯދައިދިނުމަށް އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ އިފްތިތާހުކޮށްފައި ވަނީ 2021 ޑިސެންބަރު 28 ގައެވެ.