6 ސެޕްޓެންބަރު 2023 - 17:16 1
އަހުމަދު އާއިދު
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ : އޭނާ އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނީ ގުޅީފަޅުން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
6 ސެޕްޓެންބަރު 2023 - 17:16 1
ބިންވެރިޔާ ސްކީމުގެ ދަށުން ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހަށް ހުޅުމާލެއިން ގޯތި ލިބުނު ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ އަކްރަމް ކަމާލުއްދީން ދޮގުކުރައްވައިފި އެވެ.
މިކަމާ ގުޅިގެން އަކްރަމް މިއަދު "އަދަދު" އަށް ވިދާޅުވީ، ރޮޒައިނާ އާއި ފަލަހު އަދި އެ ދެ ބޭފުޅުންގެ އާއިލީ ފަރާތްތަކަށްވެސް ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވަނީ ގުޅީފަޅުން އަދި ގިރާވަރު ފަޅުން ކަމަށެވެ.
"ރޮޒައިނާއަށް [ގޯތި] ލިބިފަ ވަނީ ގުޅީފަޅުން، ފަލާހު އަށްވެސް، އެ ދެ ބޭފުޅުންގެ އާއިލީ މެންބަރުންނަށް އެބަހުރި ގިރާވަރު ފަޅުން ގޯތި ލިބިފަ، ހުޅުމާލެއިން ގޯތި ލިބުނޭ ކިޔައިގެން އެ އިވޭ އަޑުތަކަކީ އިދިކޮޅުން މި ސްކީމުގެ އަގުވައްޓާލަން ފަތުރާ ޕްރޮޕެގެންޑާ" އަކްރަމް ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކާ ބެހޭގޮތުން ފަލާހުވެސް ވަނީ ޓުވިޓާގައި ރައްދުދެއްވާފަ އެވެ. އެ ޕޯސްޓުތަކުގައި ފަލާހު އަދި ރޮޒައިނާ ގުރުއަތު ނަގަން ވަޑައިނުގަންނަވާ ކަމަށް ބުނެފައިވާތީ ފަލާހު ވަނީ ގުރުއަތު ނެންގެވި ވީޑިއޯވެސް ހިއްސާކުރައްވާފަ އެވެ.
"މިއީ ހަމަ ކަނޑައެޅިހެން ބުހުތާނު ދޮގު އަޅުގަނޑުގެ އާއިލާގެ އެކަކަށްވެސް ހުޅުމާލެ އިން ބިމެއް ލިބިފަކާނުވޭ، ހަމަ އެހެން މީހުންނެކޭ އެއްގޮތަށް ގުރުއަތު ނެގީ" ފަލާހު ވިދާޅުވެފައިވެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެއީ 18،955 މީހުންނަށް 9003 ގޯއްޗެވެ. އޭގެ ތެރެއިން ހުޅުމާލޭން ގޯތި ލިބޭ މީހުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މި ސްކީމުގެ ދަށުން ހުޅުމާލޭން ދޫކުރާނީ 1351 ގޯއްޗެވެ. އަދި ގުޅީފަޅުން 2219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5433 ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން ހުޅުމާލެ އަދި ގުޅީފަޅުން މިހާރު ވަނީ އިންކަނޑާ ގޯތި ދޫކުރަން ފަށާފަ އެވެ.
Comment