Advertisement

އަޅުގަނޑުގެ މަސައްކަތަކަށް ގާސިމްގެ ނުފޫޒު އެއްވެސް ވަރަކަށް ނުފޯރުވާ: ނަހުލާ

6 ސެޕްޓެންބަރު 2023 - 12:56 1

ނިމާ ހަސަން

ނިމާ ހަސަން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އަދި އަނބިކަނބަލުން ނަހުލާ; މަސައްކަތް ކުރަންވީ ގޮތް ގާސިމް ކިޔައިނުދެއްވާ ކަމަށް ނަހުލާ ވިދާޅުވި


އަޅުގަނޑުގެ މަސައްކަތަކަށް ގާސިމްގެ ނުފޫޒު އެއްވެސް ވަރަކަށް ނުފޯރުވާ: ނަހުލާ

6 ސެޕްޓެންބަރު 2023 - 12:56 1

ޓްރާންސްޕޯޓު މިނިސްޓަރު ކަމުގައި ހުންނަވައިގެން ކުރައްވާ މަސައްކަތަށް ފިރިކަލުން ގާސިމް އިބްރާހިމް ދުވަހަކު ވެސް ނުފޫޒު ނުފޯރުވާ ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޓީވީ މޯލްޑިވްސްއިން ދިން ސްކްރީން ޓައިމްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައިނަހުލާ ވިދާޅުވީ ގާސިމްގެ އެއްވެސް ނުފޫޒެއް މަސައްކަތަށް ނޯންނަ ކަމަށާއި ފިރިކަލުންގެ މަސްލަހަތު ހުރި ކަންކަމުގައި ބައިވެރިނުވާ ކަމަށެވެ.

"ދުވަހަކުވެސް ވިދާޅެއް ނުވާނެ އަޅުގަނޑު މަސައްކަތް ކުރަންވީ ކިހިނެތްކަމެއް. ދުވަހަކުވެސް ގާސިމްގެ ކޮމްޕެނީގެ ކަމެއްގައި ނުވަތަ އެކަހަލަ ކަމެއްގައި އަޅުގަނޑު ކައިރީގައި އެ ވާހަކަ ވިދާޅެއް ނުވާނެ،" ނަހުލާ ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން ކުރަންޖެހޭ ކަންކަމުގައި ވެސް ގާސިމް އަމަލު ކުރައްވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

ނަހުލާ ވިދާޅުވީ ދުވަހަކު ވެސް އެ މިނިސްޓްރީއަށް ހުށަހަޅާ ކަމެއްގެ ވާހަކަ, ގާސިމް އޭނާއާ ހިއްސާ ނުކުރައްވާ ކަމަށެވެ. އަދި ވިޔަފާރީގައި ކަމެއް ބޭނުންވެގެން މިނިސްޓްރީއަށް ނުވަތަ ސިވިލް އޭވިއޭޝަނަށް ހުށަހަޅައިފިނަމަ, އެކަމެއްގެ ވާހަކަ އޭނާއަށް އެނގިވަޑައިގަންނަވަނީ އިކޮނޮމިކް ކައުންސިލާ ހަމައިން ކަމަށް ނަހުލާ ވިދޅާުވި އެވެ.

އިކޮނޮމިކް ކައުންސިލަކީ އިގްތިސޯދީ ބޮޑެތި ކަންކަމުގައި ގޮތް ނިންމުމަށް ސަރުކާރުގެ ކެބިނެޓުގައި އެކުލަވާލާފައިވާ ކޮމިޓީ އެކެވެ.

ނަހުލާ ވިދާޅުވީ ގާސިމްގެ ކުންފުނީގެ ކަންކަމާ ގުޅޭ ޕޭޕަރުތައް އޭނާއަށް ފެނިވަޑައިގަންނަވަނީ އިކޮނޮމިކް ކައުންސިލުން ކަމަށާއި, އެފަދަ ޕޭޕަރެއްގެ މަޝްވަރާ ކެބިނެޓުގައި ކުރިއަށްދާ ނަމަ, ކައުންސިލުގައި ނުވެސް އިންނަވާ ކަމަށެވެ.

"ހާއްސަކޮށް ވިލާއާ ގުޅޭ ކަހަލަ މައްސަލައެއް އޮތިއްޔާ ހަމަ އަޅުގަނޑު ނުވެސް އިންނަން ކައުންސިލުގައެއް. އަޅުގަނޑު އަބަދުވެސް ހަމަ ކައުންސިލުން ނިކުންނަން ވިލާގެ ޕޭޕަރެއް އޮތިއްޔާމު. އަޅުގަނޑާ އެއްކޮށް މިހާތަނަށް މަސައްކަތް ކުރެއްވި އެހެން ވަޒީރުންނާއި, އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ހެކިވާނެ އެކަމަށް،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ އިންތިހާބު ދުވަސްވަރު ކައިރިވުމުން ކޮރަޕްޝާނުގެ ތުހުމަތު ކުރުން ފަދަ އެކި ޒާތުގެ ވާހަކަ ދައްކާނެ ކަމަށާއި ނަމަވެސް އެފަދަ ވާހަކަ ދައްކާ މީހުން ކުރާ ކަމަކީ އަމިއްލަ ފައި މައްޗަށް ފޮއި ވެއްޓުން ކަމަށެވެ.