Advertisement

ރައީސް ސޯލިހާއެކު ދީނީ އިލްމުވެރިންތަކެއް ތިބިކަން ދައްކާލައިފި

6 ސެޕްޓެންބަރު 2023 - 11:21 6

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ރައީސް ސޯލިހަށް ތާއީދުކުރާކަން ހާމަކުރަން މިއަދު ދީނީ އިލްމުވެރިންތަކެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --


ރައީސް ސޯލިހާއެކު ދީނީ އިލްމުވެރިންތަކެއް ތިބިކަން ދައްކާލައިފި

6 ސެޕްޓެންބަރު 2023 - 11:21 6

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދީނީ އިލްމުވެރިންގެ ތާއީދު އޮތްކަން މިއަދު ދައްކާލައިފި އެވެ.

ރައީސް ސޯލިހަށް ތާއީދު ކުރާކަން ހާމަކުރަން މިއަދު ހެނދުނު ވިއްސަކަށް ދީނީ އިލްމުވެރިން ގުޅިގެން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި އަދާލަތު ޕާޓީގެ އިސް އިލްމުވެރިންގެ ތެރޭގައި ހިމެނޭ، ޑރ. މުހައްމަދު އިޔާޒާއި ޝައިހު އިލްޔާސް ހުސެއިން ވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސްއަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިހު ޑރ. މުހައްމަދު ގުބާދު އަބޫބަކުރު ވިދާޅުވީ، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރައީސް ސޯލިހު ވަނީ ތަފާތު ސިޔާސީ ހިޔާލުތަކުގެ މީހުންނާއެކު އެއްވެސް ކަހަލަ ހަލަބޮލިކަމެއް ނެތި ދިވެހިރާއްޖެ ދެމެހެއްޓުމުގައި ކާމިޔާބުވެފައިވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެމަނިކުފާނުގެ ވޭތުވެދިޔަ ފަސް އަހަރު ފެނިގެން ދިޔައީ، އަމާންކަމާއި އޯގާވެރިކަމާއި އިހްލާސްތެރިކަމާއި މިފަދަ ރަނގަޅު ސިފަތަކެއް. އެމަނިކުފާނު ގާތުން ދަންނަ ކޮންމެ މީހަކަށް ފާހަގަކުރެވޭނެ ފަދައިން އެމަނިކުފާނަކީ ވަރަށް ހިތްޕުޅު ތިރި ތައާޟުއުވެރި އޯގާވެރި، ރަހުމަތްތެރި ބޭފުޅެއް،" ޝައިހު ގުބާދު ވިދާޅުވި އެވެ.

ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ދީނީ އިލްމުވެރިންގެ އަޑު ރައީސް އައްސަވާ ކަމަށެވެ. އިލްމުވެރިން ކަމަކާ މެދު ކަންބޮޑުވެގެން މަޝްވަރާކޮށްފި ނަމަ އެއްވެސް ފަސްޖެހުމެއް ނެތި އެކަމަށް ހައްލު ހޯއްދަވަން އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ސްކޫލު ކުދިންގެ މޫނު ބުރުގާގެ މައްސަލައިގައި ވެސް ދީނީ އިލްމުވެރިން އެދުނު ގޮތަށް "އަކުރުން އަކުރަށް" މައްސަލަ ހައްލުކޮށްދެއްވި ކަމަށް އިޔާޒު ވިދާޅުވި އެވެ. އަދި ނަފްރަތުގެ ބިލުގެ މައްސަލަ އާއި އެމްޑީއެން ޖަމިއްޔާ އުވާލުމުގައި ވެސް އެމަނިކުފާނު އަމަލުކުރެއްވި ގޮތް ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު އެމަނިކުފާނުގެ ވެރިކަމުގައި އަޑު އެއްސެވީ ސަރުކާރަށް ތާއީދު ކުރާ އިލްމުވެރިންގެ ވާހަކަތައް އެކަނި ނޫން ކަމަށާއި ސަރުކާރަށް ފާޑުވިދާޅުވި އިލްމުވެރިންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް ވެސް އަޑުއެއްސެވި ކަމަށް އިޔާޒު ވިދާޅުވި އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިހް އިލްޔާސް ހުސެއިން ވިދާޅުވީ، ރައީސް ސޯލިހަކީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާ ހިލާފަށް ރުޅި އިސްކުރައްވައި ރުންކުރު ނިންމުންތަކެއް ނިންމަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި މީހުން ހިފައި ހައްޔަރުކޮށް ބަންދު ކުރުމުގެ ބަދަލުގައި ތަފާތު ހިޔާލުތަކަށް އެމަނިކުފާނު ޖާގަ ދެއްވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

މީސްތަކުންގެ ތެރެއިން މާތްﷲ އެންމެ ލޯބިކުރައްވަނީ އަހުލާގު ރަނގަޅު މީހާއަށް ކަމަށް އޮންނަ ހަދީސެއް ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ، ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމީ އެ ސިފަތައް އެމަނިކުފާނުގެ ކިބައިން ފެންނާތީ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ވިއްސަކަށް އިލްމުވެރިންގެ އިތުރުން ވެސް ރައީސަށް ގިނަ އަދަދެއްގެ އިލްމުވެރިން ތާއީދު ކުރާ ކަމަށް އެ ބައްދަލުވުމުގައި ވަނީ ބުނެފަ އެވެ.

ރައީސް ސޯލިހަށް ދީނީ އިލްމުވެރިންގެ ތާއީދު އޮތްކަން މިއަދު ދައްކައިލީ، ދީނީ އިލްމުވެރިންގެ ވައިބާ ގްރޫޕެއްގައި ނެގި ވޯޓެއްގައި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންގެ ތާއީދު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް އޮތް ކަމަށް ހަބަރު ފެތުރިފައި ވަނިކޮށެވެ.