6 ސެޕްޓެންބަރު 2023 - 06:50 0
ހުސެއިން ފިޔާޒް މޫސާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. -- ފޮޓޯ: މިރާން ނާޝިމް/ އަދަދު
6 ސެޕްޓެންބަރު 2023 - 06:50 0
ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ މުހިންމުކަން ފާހަގަކުރައްވައި، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އިލްތިމާސްއެެއް ރޭ ކުރެއްވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރ. އަލިފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ރާއްޖެއަށް "ބޮޑު ހެޔޮ ބަދަލެއް" ގެނައުން ކަމަށާއި އެކަމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުމެއް ކަމަށެވެ. ސިޔާސީ ގޮތުން ހިޔާލުތަފާތުވި ނަމަވެސް އެމަނިކުފާނަށް ވޯޓު ދެއްވުމަށް ވެސް އެދިވަޑައިގަތެވެ.
"ކޮންމެ ރައްޔިތަކު އިހުސާސް ކުރަންޖެހުނީ ބިރުވެރިކަމާއި ނާމާންކަމާއި ހިތްދަތިކަން،" ކުރީގެ ސަރުކާރުގެ ކަންކަން ހިނގައި ދިޔަ ގޮތުން ރައްޔިތުން ތަޖުރިބާކުރަން ޖެހުނު ކަންކަން ހަނދާންކޮށް ދެއްވި އެވެ.
"އަދި ހާއްސަކޮށް ވަކިވަކިން މި އޮންނަ މިފަދަ ރަށްތަކުގެ ރައްޔިތުންނަށް އަޅަ ނުލައި އެކަހެރިކޮށް ދޫކޮށްލާފައި އޮތީ. އެބޭފުޅުންނަށް މުހިންމު ބަޔަކަށް މި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ނުވި. ...އަޅުގަނޑުގެ އިލްތިމާސަކީ ސިޔާސީ ހިޔާލު ތަފާތުވިޔަސް ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތުގައި މިފަހަރު ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެން އަޅުގަނޑަށް ވޯޓު ދެއްވަން."
ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުދި ރަށްތައް އޮތީ ބާކީކޮށްފައި ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ޕޮލިސީއަކީ ހުރިހާ ރަށެއް ތަރައްގީ ކުރުން ކަމަށް ރައީސް އަނެއްކާ ވެސް ފާހަގަ ކުރެއްވި އެވެ.
ރައީސް ސޯލިހުގެ ވާހަކައިގައި ފާހަގަ އެ ކުރެއްވި "ބިރުވެރިކަމާއި ނާމާންކަމާއި ހިތްދަތިކަން" އެއީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހިން ތަޖުރިބާކުރަން ޖެހުނު އަނދަރި ދުވަސްތަކެވެ. އޭރު އިދިކޮޅު ލީޑަރުންނާއި ސިޔާސީ ހަރަކާތްތެރިން ބަންދުކޮށް ޖަލަށް ލައި، ހުކުމް ޖަހަމުން ދިޔަ އެވެ.
ރައީސް ސޯލިހުގެ އިތުރުން އިންތިހާބުގައި ވާދަ ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް އާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން އުމަރު ނަސީރާއި ފާރިސް މައުމޫނާއި ހަސަން ޒަމީލު އަމިއްލަ ގޮތުން ވާދަ ކުރައްވަ އެވެ.
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ތަފާތު ހިޔާލުގެ މީހުންނާއެކު ކުރިއަށް ދިޔުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ބައްޓަން ވެފައި އޮންނާނީ އެގޮތަށް ކަމަށް ރައީސް ސޯލިހު އިއްޔެ ރ. އަނގޮޅިތީމުގައި ވިދާޅުވި އެވެ. އެގޮތުން, އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ހިޔާލާއި މަޝްވަރާ އާއި ބައިވެރިވުން ދެން އަންނަ ސަރުކާރެއްގައި ވެސް އޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ފުރިހަމަ ޔަގީންކަން އެބަ އޮތް މި އިންތިހާބު އެއްބުރުން ނެގޭނެ ކަމަށް. 90 ޕަސެންޓު މީހުން ވޯޓުލާނެ ކަމަށް ބެލިޔަސް މިއަދު ވެސް މިތިބީ 130,000 ވޯޓު ކަށަވަރު ކޮށްގެން. މިއަކީ އެއްވެސް ވާދަވެރިޔަކަށް ކުރިއަށް އޮތް ތަނުގައި އަރާ ހަމަ ކުރެވޭނެ އަދަދެއް ނޫން,"
އިއްޔެ ހުޅުވި ކޮންޓޭނަރު ޕާކް. -- ފޮޓޯ: އެޗްޑީސީ
Comment