Advertisement

ރ. އަތޮޅު ދަތުރު؛ ރައީސް ވިދާޅުވީ 130،000 ވޯޓު ޔަގީންކަމަށް

6 ސެޕްޓެންބަރު 2023 - 12:01 0

ރ. އަލިފުށި

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އަނގޮޅަތީމު ސަޕޯޓަރުންނާ ސަލާމްކުރައްވަނީ -- ފޮޓޯ: މިރާން/އަދަދު


ރ. އަތޮޅު ދަތުރު؛ ރައީސް ވިދާޅުވީ 130،000 ވޯޓު ޔަގީންކަމަށް

6 ސެޕްޓެންބަރު 2023 - 12:01 0

ރ. އަލިފުށި

ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ދެން ވަޑައިގަތީ ރ. އަތޮޅު އުތުރު ބިތުގެ ހަތް ރަށަކަށެވެ. އެ ރައްތަކަށް ވަޑައިގަތުމުން ހުރިހާ ރަށަކުން ވެސް ރައްޔިތުންގެ ބޮޑު ތަރުހީބެއް އެމަނިކުފާނަށް ލިބިވަޑައިގަތެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރ. އަތޮޅުން އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އެމަނިކުފާނު ކުރި ހޯއްދެވީ ކުޑަ ތަފާތަކުންނެވެ. ނަމަވެސް ކުރިއަށް އޮތް އިންތިހާބުގައި ބޮޑު ތަފާތަކުން "އެއްބުރުން" ރ. އަތޮޅުން ވެސް ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެ އެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރ. އަތޮޅުގެ ނަތީޖާ


1. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: 6،885 2. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: 6،311

މާކުރަތު

މާކުރަތަށް ވަޑައިގެން ރައީސް ވަނީ އެރަށުގައި މި ސަރުކާރުން އަޅައިދިން ފުޓުބޯޅަ ދަނޑު އަދި ހެލްތު ސެންޓަރުގެ ހިދުމަތްތައް ފުރިހަމަކުރުމަށް ގާއިމްކުރި އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވާފަ އެވެ.

އެރަށުގެ އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުގެ ފަސް އަހަރުގައި މާކުރަތަކީ ވަރަށް ބޮޑަށް ދޫކޮށްލެވިފައި އޮތް ރަށެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި އެކަން ބަދަލުކޮށް ގިނަ މަޝްވަރުއޫތަކެއް ހިންގެމުން އަންނަކަން އެމަނިކުފާނު ވިދާޅުވި އެވެ.

މާކުރަތަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ސަލާމްކުރުމުގެ ތެރެއިން؛ ރައީސް ވިދާޅުވީ އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދިނުން ނޫން ގޮތެއް ނެތްކަމަށް -- ފޮޓޯ: މިރާން/އަދަދު


ރައީސް ވިދާޅުވީ މި އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދިނުން ނޫން ގޮތެއް ނެތް ކަމަށެވެ. ޕީއެންސީއަށް ވޯޓު ދީގެން އެޕާޓީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހޮވިއްޖެ ނަމަ އެއީ ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދެން އޮތް ކުދި ޕާޓީތަކަށް ވޯޓު ދިނުމަކީ ބޭކާރު ކަމެއް ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރުން ފެށިގެން އައްޑޫއާ ހަމައަށް ހިންގަން ރޭވިފައި އޮތް މަޝްރުއޫތައް ކުރިއަށް ގެންދެވިއްޖެ ނަމަ މުޅި ރާއްޖެ ބަދަލުވާނެ ކަމަށެވެ.

ވައުދުތައް:

  • ބިން ހިއްކުން
  • ހައުސިން ޔުނިޓް އެޅުން
  • ރަށުގެ ބައެއް މަގުތަކުގައި ތާރުއެޅުން، މި ދައުރު ނިމުމުގެ ކުރިން މަސައްކަތް ހަވާލުކުރުން
  • ސްޕޯޓްސް ކޮމްޕްލެކްސް އެޅުން
  • ސްކޫލް މަލްޓިޕާޕަސް ހޯލެއް އެޅުން
  • ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ގާއިމްކުރުން
  • ދޯނި އެހެލާ ސަރަހައްދެއް ގާއިމްކުރުން

އުނގޫފާރު

އުނގޫފާރަށް ރައީސް ސޯލިހު ވަޑައިގެން އެރަށުގެ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ތަނަވަސްކުރުމަށް މި ސަރުކާރުން އަޅައިދިން އެކްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވި އެވެ.

އެރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބަނދަރު ޖަލްސާގައި ރައީސް ވިދާޅުވީ، މިހާތަނަށް ދެވުނު ކޮންމެ ރަށަކުން ވެސް ފެންނަނީ ތަރައްގީއާ އެކީ ރައްޔިތުން ކުރިއަށް ދާން އަދި އަނިޔާވެރިކަމާ ދުރަށް ދިއުމަށް ބޭނުންވާ މިންވަރު ކަމަށެވެ.

2013 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލިކަން އެއީ އޭރު ރާއްޖެ އޮތް ބިރުވެރި ހާލަތު އަންގައިދޭ ކަމެެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އުނގޫފާރުގެ ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު ރައީސްއަށް މަރުހަބާ ކިއުމަށް ބަނދަރު ސަރަހައްދަށް ޖަމާވި -- ފޮޓޯ: މިރާން/އަދަދު


އޭރު ދީނީ އިލްމުވެރިންނާއި، ސިޔާސީ މީހުން އަދި ނޫސްވެރިންނަށް ސަރުކާރުން އެތައް ފިއްތުންތަކެއް އަމާޒުވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭރު ތަނެއްގައި ޖަލްސާއެއް ބާއްވާލަން ބޭނުންވިޔަސް، އެ ހުއްދަ ލިބެނީ އެތައް މަސައްކަތެއް ކޮށްގެން، އެކި ފަރާތްތަކުން އެތައް ޕްރެޝާއެއް ކޮށްގެން" ރައީސް ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެއީ އަނިޔާވެރިކަން ނޫން ގޮތެއް އިހްތިޔާރުކުރުމަށް އަނެއްކާވެސް ލިބޭ ފުރުސަތެއް ކަމަށެވެ.

"އިންތިހާބުގައި ދެވަނަ ބުރަކަށް ގެންދިއުމަށް ގަސްތުގައި ނިކުތް ބޭފުޅުން އެބަތިބި. އެއީ ރަނގަޅު ގޮތެއް ނޫން. އިރާދަ ކުރެއްވިއްޔާ މި އިންތިހާބު ނިންމަން ވާނީ އެއްބުރުން" ރައީސް ވިދާޅުވި އެވެ.

ވައުދުތައް؛

  • ބިން ހިއްކުން
  • ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުން
  • ޖާގަ ތަނަވަސް ސްކޫލް އާ އިމާރާތެއް އެޅުން
  • ފުޓުބޯޅަދަނޑުގެ ސިޑިބަރިއެއް އެޅުން
  • ހޮސްޕިޓަލާ އެކު އެކޮމަޑޭޝަން ބްލޮކެއް އެޅުން
  • ހުރިހާ މަގެއްގައި ތާރު އެޅުން
  • ސިއްހީ ތައުލީމުދޭ ވަސީލަތްތައް އިތުރުކުރުން

ރަސްގެތީމު:

ރަސްގެތީމަށް ވަޑައިގެން އެރަށުގެ ބަނދަރު އަދި ސާފް ބޯފެނާއި ނަރުދަމާގެ ނިޒާމު ހުޅުވައިދެއްވި އެވެ. އަދި ރަސްގެތީމުގެ ފެނަކަ އޮފީސް އިމާރާތް ހުޅުވައިދެއްވި އެވެ.

ސަޕޯޓަރުންނާ މުހާތަބުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، 2018 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ނިކުތީ ގައުމު ބިރުވެރި ނާމާންކަމެއްގެ ތެރޭގައި އޮއްވާ ކަމަށެވެ.

"އޭގެ ކުރީގައި ކޮށްދޭން ވައުދުވި އެތައް ކަމެއް ނުފުއްދި އޮއްވާ، އަދި ގައުމު ބިރުވެރިކަމާ ނާމާންކަމާ ނުތަނަވަސްކަމުގެ ތެރޭގައި އޮއްވާ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެކަންކަން މި ސަރުކާރުގެ ދައުރުގައި ތަކުރާރު ނުކުރައްވާ ކަމަށެވެ. އަދި ވީ ވައުދުތަކުގެ 90 އިންސައްތަ މިހާރު ހަގީގަތަކަށް ބަދަލުވެފައިވާކަމަށް ވެސް ވިދާޅުވި އެވެ.

ރަސްގެތީމަށް ވަޑައިގެން ރައީސް ދެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވީވައުދުތަކުގެ ތެރެއިން 90 އިންސައްތަ ފުއްދިފައިވާކަމުގެ ހަބަރު -- ފޮޓޯ: މިރާން/އަދަދު


"ބޭރުގެ އެކި ފަރާތްތަކުން ލޯނާ އެހީގެ ގޮތުގައި ލިބުނު ފައިސާއިން އަޅުގަނޑުމެން މި މަސައްކަތްތައް ކުރީ. 2019 ވަނަ އަހަރު އޮތް ހާލަތަށް އަނެއްކާވެސް އިރާދަކުރެއްވީތީ މިހާރު މިވަނީ ގެނެވިފައި." ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ގިނަ ކެންޑިޑޭޓުންނަކީ ރައްޔިތުން ޓެސްޓުކޮށްފައިވާ ބައެއްކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވޯޓުލާއިރު ވިސްނުމަށް އެދޭކަމަށެވެ.

ވައުދުތައް

  • މަގުތަކުގައި ތާރުއެޅައި ޒަމާނީ ފެންވަރަށް ހެދުން
  • ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތެއް އެޅުން
  • ސްކޫލުގެ މަލްޓިޕާޕަސް ހޯލް އެޅުން
  • ބަނދަރު މަރާމާތުކޮށް ބަދަލުތަކެއް ގެނައުން
  • ކަލްޗަރަލް ސެންޓަރެއް ގާއިމްކުރުން
  • މޫދަށް އެރޭތަނެއް އެޅުން
  • އޭޓީއެމް ހިދުމަތް ފެށުން
  • ކުޑަކުދިންގެ ޕާކެއް އެޅުން

އަނގޮޅަތީމު

އަނގޮޅަތީމަށް ވަޑައިގެން ރައީސް ސޯލިހު ވަނީ އެރަށު ފެނަކަ އޮފީސް އިމާރާތް ހުޅުވައިދެއްވާފަ އެވެ. އަދި އެރަށު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިދީ، ލެބޯޓަރީ ހިދުމަތް ފައްޓަވައިދެއްވި އެވެ.

މިހާރު އޮތް ސަރުކާރަކީ އަދި ކުރިއަށް އޮތް ދައުރުގައި ވެސް އޮންނާނީ އެމްޑީޕީގެ ކޯލިޝަން ސަރުކާރެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގައުމަށް އެންމެ ފައިދާކުރަނިވި ގޮތަކީ ތަފާތު ފިކުރުތަކުގެ މީހުން ވެސް ގުޅިގެން ކުރިއަށް ދިއުން ކަމަށެވެ.

އަދި މިފަހަރު އަށް ކެނޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަކުރާއިރު، އެމްޑީޕީގެ މެނިފެސްޓޯއާ ކައިރިކުރެވޭނެ މެނިފެސްޓޯއެއް ވެސް އެއްވެސް ޕާޓީއަކަށް ނުވަތަ ކެންޑިޑޭޓަކަށް ނުދެއްކޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އަތޮޅުތަކުން ފެންނަ ތާއީދާއެކު މިފަހަރު އިންތިހާބު "އެއްބުރުން" ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 130,000 މީހުންގެ ވޯޓު ކަށަވަރު ކުރައްވާފައިވާކަމަށް ރައީސް ވިދާޅުވި -- ފޮޓޯ؛ މިރާން/އަދަދު


ސަރުކާރުން ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަދެ ވީ ވައުދުތައް ފުއްދަން މަސައްކަތް ކުރުމަކީ މިއަދު އެމްޑީޕީއަށް ތާއިދު އިތުރުވެފައިވާ އެއް ސަބަބު ކަމަށް ރ. އަނގޮޅިތީމުގައި ހުންނަވައި ރައީސް ވިދާޅުވި އެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވަދެވުނު ނަމަ ތަރައްގީ މަޑުޖެހުނީސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 130,000 މީހުންގެ ވޯޓު ކަށަވަރު ކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ މަންޒަރަކީ ހުރިހާ ރަށަކުން ވެސް ކުރިން އޮތް ބިރުވެރިކަމާއި އަނިޔާގެ ތެރެއަށް ދާން ބޭނުން ނުވާކަން. ރަށްރަށުގެ ތަރައްގީއަށް ފަށާފައިވާ މަސައްކަތްތަކާ އެކު ކުރިއަށްދާން ތައްޔާރަށް ތިބިކަން," އެމަނިކުފާނުގެ ދަތުރުފުޅު ނިމޭއިރު ރާއްޖޭގެ އުތުރުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެއްވޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ވައުދުތައް

  • ޓީ ޖެޓީއެއް ގާއިމްކުރުން
  • މޫދަށް އެރޭ ސަރަހައްދެއް ގާއިމްކުރުން
  • ބޮޑެތި މަގުތަކުގައި ތާރު އެޅުން
  • ގިރާ ސަރަހައްދު ހިމާޔަތްކުރުން
  • ޑަބްލިއުޑީސީ އޮފީސް އިމާރާތެއް އެޅުން
  • ހޭންޑްބޯލް ކޯޓު
  • ޕޮލިސް ޕޯސްޓެއް އެޅުން

ވާދޫ

ރ. ވާދޫއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ގާއިމްކުރި ފެނަކަ އިންޖީނުގެއާއި އޮފީސް ރައީސް ހުޅުވައިދެއްވި އެވެ. އަދި ވާދޫ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިދެއްވި އެވެ.

ވާދޫއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި އިރު ގިނަ ރައްތަކެއްގެ އެންމެ އަސާސީ ކަންކަން ވެސް އޮތީ ނުފުދި ކަމަށެވެ. އެގޮތުން ރައްތަކަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކޮށްދޭން ޖެހުނު ކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރ. ވާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ޕިކްނިކް އައިލެންޓެއް ތަރައްގީކޮށްދިނުމަށާއި، މަގުތަކުގައި ތާރު އެޅުމާއި ބިން ހިއްކުން ފަދަ މުހިންމު ވައުދުތަކެއް ވެވަޑައިގަތް -- ފޮޓޯ: މިރާން/އަދަދު


ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ވަޑައިގެން ކުރަން ޖެހުނު އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގައި ހަމަޖެހުން ގާއިމްކުރުން ކަމަށެވެ. އަދި ހާއްސަކޮށް މާލޭގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަކީ ކުރެވުނު މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ވައުދުތައް؛

  • ބިން ހިއްކުން
  • މަގުތަކުގައި ތާރު އެޅުން
  • ސްކޫލު ކޮމްޕިއުޓާ ލެބް އަދި މަލްޓި ޕާޕަސް ހޯލް ގާއިމްކުރުން
  • ޕިކްނިކް އައިލެންޑެއް ގާއިމްކުރުން
  • ކޮންވިންޝަން ސެންޓަރެއް ގާއިމްކުރުން
  • ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުން
  • އޭޓީއެމް ހިދުމަތް ފެށުން
  • ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުން

އަލިފުށި

ރައީސް ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް، އަލިފުއްޓަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާ އެކު ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު އަލިފުއްޓަށް ކުރެއްވި ކެމްޕޭން ދަތުރުގައި އެންމެ ގިނަ ބަޔަކު އެދުނީ އެއާޕޯޓަކަށް ކަމަށާއި، މިއަދު އެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށް އެދުވަހުވެސް ވީ އެއްވެސް މީހަކު އަދި އެއްވެސް ތަނެއް ބާކީ ނުކޮށް ގާނޫނު އަސާސީގައިވާ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ އަލިފުށިން ވެސް އެ ފެންނަނީ އެ މަންޒަރު" ރައީސް ވިދާޅުވި އެވެ.

މުޅި ރ. އަރޮޅުން ވެސް އެންމެ ގިނަ ވައުދުވެވަޑައިގަތީ އަލިފުއްޓަށް. އަލިފުށީގެ ތަރައްގީއަށްޓަކާ އަންނަ ފަސް އަހަރުގެ ދައުރެއްގައި ކޮދެއްވާނެ 16 ކަމަކަށް ވައުދުވެވަޑައިގަތް -- ފޮޓޯ: މިރާން/އަދަދު


ރައީސް ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ބަދަލުނުކޮށް ތަރައްގީ ގެނައުމުގެ ހެޔޮ ނަތީޖާ މުޅި ރާއްޖެއިން ފެންނަ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު މިއަށްވުރެ ރަނގަޅު ކުރެވޭނީ މުޅި ރާއްޖެއަށް ތަރައްގީ ގެނެސްގެން ކަމަށާއި، "ކުޑަ ތަންކޮޅަކަށް" ތަރައްގީ ގެނެސްގެން އެ ބަދަލު ނުފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަދި ކިރިޔާ މި ބިންގާ އެޅުނީ. ރައްރަށަށް ބޭނުންވާ ފެނާ ނަރުދަމާ އަދި އެހެނިހެން ހިދުމަތްތައް އަދި ކިރިޔާ ރައްޔިތުންނަށް ފޯރުކޮށްދެވުނީ." ރައީސް ވިދާޅުވި އެވެ.

ވައުދުތައް:

  • ބިން ހިއްކުން
  • މޫދަށް އެރޭނެ އާޓިފިޝަލް ބީޗެއް ތަރައްގީ ކުރުން
  • ވޭސްޓު މެނޭޖްމެންޓު ސެންޓަރެއް އެޅުން
  • ފްލެޓް ނުވަތަ ރޯހައުސް އެޅުން
  • ގިރާ ސަރަހައްދު ހިމާޔަތްކުރުން
  • އަލިފުށީ އިތުރު މަގުތަކެއްގައި ތާރު އެޅުން
  • ފުޓްސަލް ދަނޑެއް އެޅުން
  • ޓިވެޓް ސެންޓަރެއް އެޅުން
  • ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ޔުނިޓެއް ގާއިމްކުރުން
  • އެއްތިގިލި ރިސޯޓަކަށް ހެދުން
  • އާ އިންޖީނުގެއެއް އެޅުން
  • ސްކޫލުގެ މަލްޓިޕާޕަސް ހޯލު އެޅުން
  • ސްކޫލުގައި ސައިންސް ލެބެއް ގާއިމްކުރުން
  • މިސްކިތް އޭސީ ކުރުން
  • ސްޕޯޓްސް އެރީނާއެއް ގާއިމްކުރުން
  • ޒަމާނީ ލައިސަންސް ޓެރެކެއް ގާއިމްކުރުން