4 ސެޕްޓެންބަރު 2023 - 19:20 1
ކުޅުދުއްފުށީގެ ސަފުގައި ހުރި ކުއްޖަކާ އެކު ރައީސް ސެލްފީއެއް ނަންގަވަނީ. ގިނަ އަދަދެއްގެ ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނުކުތް --- ފޮޓޯ: މިރާން ނާޝިމް/އަދަދު
4 ސެޕްޓެންބަރު 2023 - 19:20 1
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
ރިޔާސީ ކެމްޕޭނުގެ ކުރީކޮޅު ރައީސް ސޯލިހު އެ ސިޓީއަށް ވަޑައިގެންފައި ނުވެ އެވެ. އޭރު އެ ސިޓީގެ މުޅި ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގައި އެ ސިޓީގެ އުތުރު ދާއިރާ ތަމްސީލު ކުރައްވާ ޔާސިރު އަބްދުއްލަތީފް ތިއްބެވީ އެމްޑީޕީން ވަކިވި މެމްބަރުން އުފެއްދި ޑިމޮކްރެޓްސްގަ އެވެ. އަދި, އެ ސިޓީގައި ސަރުކާރަށް ތާއީދު އޮތީ ކުޑަކޮށެވެ.
ކުޅުދުއްުފުށީ ސިޓީން ރައީސަށް މަރުހަބާ ދެންނެވުމަށް ނުކުމެ ތިބި މީހުން --- ފޮޓޯ: މިރާން ނާޝިމް/އަދަދު
ނަމަވެސް, ރައީސްގެ ރިޔާސީ ކެމްޕޭން އެންމެ ބޮޑަށް ވަރުގަދަކުރި ދުވަސްވަރު ޔާސިރު އާއި ކައުންސިލުގެ ހުރިހާ މެމްބަރުން ވަނީ އަލުން އަނބުރާ އެމްޑީޕީއަށް ސޮއިކޮށްފަ އެވެ. އެ ބަދަލުގެ އަސަރު މިއަދު ރައީސް އެ ސިޓީއަށް ވަޑައިގަތުމުން ވަނީ ފެނިފަ އެވެ.
އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުމެފައިވެ އެވެ. ސަފުގެ އެންމެ ކުރީގައި ޔާސިރު އާއި މޭޔަރު މުހައްމަދު އާތިފް ތިއްބެވިއިރު އެމަނިކުފާނު ވަނީ ސަޕޯޓަރުންނާއި ސަލާމް ކުރެއްވުމުގައި ގަޑިއެއްހާއިރު ހޭދަކުރައްވާފަ އެވެ.
ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށިން ރައީސް ސޯލިހަށް 70 ޕަސެންޓު ވޯޓު ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް މީގެކުރިން އެ ސިޓީގެ މޭޔަރު ވިދާޅުވެފައިވެ އެވެ.
މިރޭ ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ކުޅުދުއްފުށީގައި ބާއްވާނެ އެވެ. މިއީ އެމަނިކުފާނު ހދ. އަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ. މާދަމާ އެމަނިކުފާނު ވަޑައިގަންނަވާނީ ރ. އަތޮޅުގެ ރަށްތަކަށެވެ.
Comment