Advertisement

މުއިއްޒުއަށް ވެރިކަން ލިބިއްޖެނަމަ ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ހުއްޓުވާނެ: ޝާހިދު

3 ސެޕްޓެންބަރު 2023 - 23:33 4

ނިމާ ހަސަން

ނިމާ ހަސަން

ބޮޑުތިލަދުންމަތީ ކޯޑިނޭޓަރު އަބްދުالله ޝާހިދު; ވެރިކަން ލިބިއްޖެނަމަ, މުއިއްޒު ހަނިމާދޫ މަޝްރޫއު ހުއްޓުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް


މުއިއްޒުއަށް ވެރިކަން ލިބިއްޖެނަމަ ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ހުއްޓުވާނެ: ޝާހިދު

3 ސެޕްޓެންބަރު 2023 - 23:33 4

ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު ހުއްޓުވާލާނެ ކަމަށް އެމްޑީޕީގެ ބޮޑުތިލަދުންމަތީ ކޯޑިނޭޓަރު އަދި ފޮރިން މިނިސްޓަރި އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން ހދ.މަކުނުދޫގައި މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ނިމުމުން، އެ އެއާޕޯޓަށް 1.5 މިލިއަން ފަތުރުވެރިން އައުމުން އޭގެ ހިއްސާ މަކުނުދުއަށް ވެސް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ މަކުނުދޫ އާރޯވެ ތާޒާވެގެން ގޮސް ތަރައްގީގެ އާ އުސްމިންތަކަކަށް ދާތަން ފެނިގެން ދާނެ ކަމަށެވެ.

އެ މޭރުމުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވި ގޮތުގައި ކަންބޮޑުވާންޖެހެނީ އެންމެ ކަމަކާ އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބި, ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ހުއްޓުވާނެ ކަމުގެ ކަންބޮޑުވުމެވެ.

"އަޅުގަނޑުމެންނާ އިދިކޮޅު ކެންޑިޑޭޓުގެ ވިސްނުން ހުރީކީ ހަނިމާދޫ އެއާޕޯޓުގެ ޕްރޮޖެކްޓު ކުރިއަށް ގެންދާ ގޮތަކަށް ނޫން. އަޅުގަނޑުމެންނަށް އެކަމުގެ މައުލޫމާތުތައް ލިބެމުން ދަނީ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ތުހުމަތުކުރެއްވި ގޮތުގައި ވާދަވެރި ކެންޑިޑޭޓުގެ ވިސްނުމުގައި ހުރީ ވެރިކަން ލިބިއްޖެނަމަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ވަގުތުން ހުއްޓާލާ, އެތަނުގައި މަސައްކަތް ކުރަންތިބި އެންމެން ފޮނުވާލުމަށެވެ. މަސައްކަތް ކުރާ މީހުން ފޮނުވާލަން ވާދަވެރިން ވިސްނާ ސަބަބެއްގެ ގޮތުގައި ޝާހިދު ތުހުމަތު ކުރެއްވީ އެއީ ވަކި ގައުމަކަށް ނިސްބަތްވާ ބަޔަކަށް ވާތީ އެވެ.

"ނިކަމެތި ވަނީ ކޮންބައެއްތޯ؟ ގެއްލުން ވަނީ ކޮންބަޔަކަށްތޯ؟ މި ބޮޑު ތިލަދުންމައްޗަށް, މި މަކުނުދޫއަށް. މި ސަރަހައްދުގައި މިވާ 40 ރަށާއި އެއް ސިޓީ އަނެއްކާވެސް ފަހަތަށް ސޮއްސާލީ, ހަނދާން ނެތުނީ, ނިކަމެތިވީ, ބިކަވީ." ހަނިމާދޫ އެއާޕޯޓު މަޝްރޫއު ހުއްޓާލައިފި ނަމަ ތާރީހުގެ ތެރެއަށް ބޮޑު ތިލަދުންމަތި އިނދަ ޖައްސެހޭނެކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ.

އަހަރަކު 1.3 މިލިއަން ފަސިންޖަރުންގެ ޖާގައިގެ އެ އެއާޕޯޓު ތަރައްގީ ކުރަނީ 136.6 މިލިއަން ޑޮލަރަށެވެ. އެ އެއާޕޯޓު ތަރައްގީކުރާއިރު 2.46 ކިލޯ މީޓަރު (2460 މީޓަރު)ގެ ރަންވޭއަކާއި، ޒަމާނީ ޓާމިނަލެއްގެ އިތުރުން އެއާޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ހިދުމަތް ދެވިގެން ދާނެ އެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ.