3 ސެޕްޓެންބަރު 2023 - 23:00 0
ނިމާ ހަސަން
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހދ. މަކުނުދޫގައި ރައީސް ސޯލިހު ބާއްވާ ޖަލްސާގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
3 ސެޕްޓެންބަރު 2023 - 23:00 0
ހދ. މަކުނުދޫ ފަޅުގައި އިތުރު ރިސޯޓެއް ހަދަން ހުޅުވައިލައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން ހދ.މަކުނުދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަކުނުދުއަކީ ތަފާތު ސިފަތަކެއް ލިބިފައިވާ ރާއްޖޭގެ އަތޮޅެއް ކަމަށާއި, މުޅިން ވަކިން އޮތަސް ރީތި ފަޅެއް އޮތް އަތޮޅެއް ކަމަށެވެ. އަދި އެއީ ޓޫރިޒަމަށް އެންމެ ފައްކާ އެއް ސަރަހައްދުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ހދ އަތޮޅުގެ ބައެއްގެ ގޮތުގައި ބަލާ މަކުނުދޫ އަކީ ގުދުރަތީގޮތުން ވަކި އަތޮޅެއްގެ ގޮތުގައި އެކުލެވިފައިވާ ފަޅެއްގެ ތެރޭގައި އެކަހެރިކޮށް އޮންނަ ރަށެކެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މި އިންނެވި ރާއްޖޭގެ އެންމެ ފުންނާބު އުސް ޓުއަރިޒަމް ދާއިރާގެ އެއް އިންވެސްޓަރު [ސިޔާމް] ޔަގީންކަން އެ ދެއްވަނީ މިއީ [މަކުނުދޫ އަކީ] ތަފާތު ދާއިރާއަކަށް ޓޫރިޒަމް ދާއިރާގައި ހެދިގެންދާނެ ތަނެއް ކަމަށް. މިއަދު އެވަނީ އެއް ރިސޯޓު ހަދަން ފަށާއި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މަކުނުދޫ ފަޅުގައި އިތުރު ރިސޯޓް ހެދުމަށް އަޅުގަނޑުމެން ހުޅުވާލާނަން" އިތުރު ރިސޯޓެއްގެ ވައުދުވެވަޑައިގަންނަވަމުން ރައީސް ވިދާޅުވި އެވެ.
މަކުނުދޫގައި ހަދަމުންދާ އެއާޕޯޓާއެކުގައި ވެސް ދެތިން ރަށް ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށްތަށް ވެސް ވެގެންދާނީ ޓޫރިޒަމަށް ހުޅުވިގެންދާ އިތުރު ދޮރަކަށް ކަމަށެވެ.
މަކުނުދޫ ރައްޔިތުންގެ ފަރާތުން ރައީސަށް ބޮޑު ތަރުހީބެއް; އެރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި -- ފޮޓޯ: މިރާން/ އަދަދު
ރިސޯޓެއްގެ އިތުރުން ވެސް ރައީސް ވަނީ މަކުނުދުއަށް ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި މެރިކަލްޗާ އަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައި, އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލުން ހިމެނެ އެވެ. މެރިކަލްޗާއަކީ ކަނޑުގައި އުޅޭ ހުއިފިލަނޑާ ފަދަ ތަކެތި ދިރުވާ އާލާ ކުރުމެވެ.
ރައީސް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ބިން ހިއްކައި ހައުސިން ޔުނިޓު އަޅައި ދިނުމާއި, މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި, ފުޓްބޯޅަ ދަނޑެއް ތަރައްގީ ކުރުމާއެކު, ބަނދަރު ފުން ކުރުން އަދި މަސްވެރިންނަށް އައިސް ޕްލާންޓު ބެހެއްޓުން ހިމެނެ އެވެ.
މީގެ އިތުރުން ރައީސް ވަނީ މަކުނުދޫ މެނިފެސްޓޯގައި ހިމަނާފައިވާ ފަދައިން ރާއްޖޭގެ ތިން ސަރަހައްދުގައި ގާއިމުކުރާ ރޭސިން ޓްރެކުގެ ތެރެއިން އެއް ޓްރެކު މަކުނުދޫގައި ގާއިމް ކުރުމަށް ވައުދުވެވަޑައިގެންފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment